Roadha Mihaaru
"އަލިލާ ކޮތާފަރު މޯލްޑިވްސް" ރިސޯޓު ހުޅުވައިފި

"އަލީލާ ކޮތާފަރު މޯލްޑިވްސް" ރިސޯޓު ހުޅުވައިފި

20 މެއި 2022

ރ. އަތޮޅު ކޮތާފަރުގައި ތަރައްގީކުރި 'އަލީލާ ކޮތާފަރު މޯލްޑިވްސް' ރިސޯޓު މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ރ. އަތޮޅު ކޮތާފަރުގައި ތަރައްގީކުރި 'އަލީލާ ކޮތާފަރު މޯލްޑިވްސް' ރިސޯޓު މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު (925 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވާ 11.2 ހެކްޓަރުގެ އެ ރިސޯޓުގައި 36 ވޯޓާ ވިލާއާ އެކު ޖުމްލަ 80 ވިލާ ހުރެ އެވެ. އަދި މި ހުރިހާ ވިލާއެއް ވެސް ހަދާފައިވަނީ ޕްރައިވެޓް ޕޫލަކާއި ސަން ޑެކެއް ހިމަނައިގެންނެވެ.

މާލެ އިން ސީޕްލޭނުގައި 45 މިނެޓުން ދެވޭ އެ ރިސޯޓުގެ ޓޫރިސްޓުންނަށް ފަސޭހަކަމާ އެކު "ހަނިފަރު ބޭ ޔުނެސްކޯ ވޯލްޑް ބަޔޯސްފިއާ ރިޒާވް" ބަލާލެވޭނެ ކަމަށް އެ ރިސޯޓުން ބުންޏެވެ. ހަނިފަރު ބޭ އަކީ މަންޓާ ރޭ އާއި ވޭލް ޝާކް ފަދަ ކަނޑުއަޑީގެ ހިތްގައިމު ދިރުންތަކުން ފުރިފައިވާ މަޝްހޫރު މަންޒިލެކެވެ.

އަލިލާ ކޮތާފަރު މޯލްޑިވްސް ރިސޯޓުގެ މަތިން ނަގައިފައިވާ މަންޒަރެއް---ފޮޓޯ: އަލީލާ ހޮޓަލްސް

އަލިލާ ކޮތާފަރު މޯލްޑިވްސް ރިސޯޓުގެ މަތިން ނަގައިފައިވާ މަންޒަރެއް---ފޮޓޯ: އަލީލާ ހޮޓަލްސް

އަލީލާ ކޮތާފަރު މޯލްޑިވްސް ރިސޯޓު ތަރައްގީ ކޮށްފައިވަނީ 'ހަޔަޓް ހޮޓެލްސް' އިންނެވެ. އެ ކުންފުނިން އަންނަނީ އިންޑޮނީޝިއާ، މެލޭޝިއާ، ޗައިނާ އަދި އެމެރިކާގައި ވެސް 'އަލީލާ' ބްރޭންޑްގެ ހޮޓާތައް ހިންގަމުންނެވެ. އަދި ގއ. އަތޮޅުގައި އޮންނަ 'ޕާކް ހަޔަޓް މޯލްޑިވްސް ހަޑަހާ' އަކީ ވެސް އެ ކުންފުނީގެ ރިސޯޓެކެވެ.

އޮކްޓޯބަރު، 2021 ގައި ހުޅުވަން ކުރިން ހަމަޖެހިފައިވާ ކޮތާފަރު ރިސޯޓުގެ ހުޅުވުން ލަސްވީ ކޮވިޑްގެ ސަބަބުން ކުރިމަތިވި ދަތިތަކާ ހެދި އެ ރަށުގެ މަސައްކަތްތައް ދިގުލައިގެން ދިއުމުންނެނެވެ.

ހަޔަޓް ހޮޓަލްސް އިން ރިސޯޓު ހުޅުވިކަން މިއަދު ރަސްމީކޮށް އިއުލާނުކޮށްފާވާއިރު އެ ރިސޯޓަށް ޒިޔާރަތްކުރަން ބޭނުންވާ ޓޫރިސްޓުންނަށް މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ވަނީ ރިޒަވޭޝަން ހެއްދުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ގުދުރަތީ ރީތިކަން ދައްކުވައިދޭ އެ ރިސޯޓުގައި އާސާރީ ސަރަހައްދެއް ހުރެ އެވެ. އެ ސަރަހައްދު އަލަށް ފެނިފައިވަނީ ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް 2019 ވަނަ އަހަރު އެވެ.