Roadha Mihaaru
ޅޮހިން މާލެއަށް ދަތުރު ނުކުރާތީ ރަށުން ކާޑު ހުސްވެއްޖެ

ޅޮހިން މާލެއަށް ދަތުރު ނުކުރާތީ ރަށުން ކާޑު ހުސްވެއްޖެ

19 މެއި 2022

ކަނޑުގަދަކަމުން ނ.ޅޮއްސާއި މާލެއާ ދެމެދު ދަތުރު ނުކުރާތާ ގިނަ ދުވަސްވެ އެ ރަށް ކާޑަށް ޖެހިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކަނޑުގަދަކަމުން ނ.ޅޮއްސާއި މާލެއާ ދެމެދު ދަތުރު ނުކުރާތާ ގިނަ ދުވަސްވެ އެ ރަށް ކާޑަށް ޖެހިއްޖެ އެވެ.

ޅޮއްސަށް އާންމުކޮށް މުުދާ އުފުލާ މަންޒިލް ބޯޓު ރޯދަ މަހުގެ ފަހު 10 ގެ ފަހުން ޅޮއްސަށް އެއްވެސް ދަތުރެއް ނުކުރެ އެވެ.

ރަށު ކައުންސިލްގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވީ ރަށުން ގޮދަން ފުށް އެއްކޮށް ހުސްވެފައިވާ ކަމަށެވެ. ހަކުރު ކޮންމެވެސް ވަރަކަށް ފިހާރަތަކުން ލިބެން އެބަހުރި ކަމަށާއި ހަނޑޫ ހުރީ ވަރަށް މަދު ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލެއިން ރަށަށް ދަތުރު ނުކުރާތީ ކާޑުގެ އިތުރުން އެހެން ބައެއް ބާވަތްތައް ވެސް ފިހާރަތަކުން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.

އާބާދީ 900 އަށް ވުރެ ބޮޑު ޅޮހި ކާޑަށް ޖެހިފައިވާތީ އެކަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ވެސް ވަނީ އަންގައިފަ އެވެ. މިކަން އެންގި ފަހުން ވެސް ހައްލެއް ނުލިބި އޮއްވައި ރަށުން ގޭސް ވެސް ހުސްވާން ގާތްވެފައިވާ ކަމަށް ކައުންސިލް މެންބަރު ވިދާޅުވި އެވެ.

އެންޑީއެމްއޭގެ އިމަަޖަންސީ އޮޕަރޭޝަން މެނޭޖަރު އަބްދުﷲ ރަފީއު ވިދާޅުވީ އެސްޓީއޯއާ ގުޅިގެން ކާޑުގެ ބާވަތްތައް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިރޭގެ ވަގުތެއްގައި ރަށަށް ކާޑު ފޮނުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި ޅޮއްސަށް ކާޑުގެ ދަތިކަން ކުރިމަތިވީ އެ ރަަށަށް މުދާ އުފުލާ ބޯޓު، ކަނޑުގަދަވެގެން މާލެއިން ނުފުރިފައި އޮތީމާ. މާލޭގައި މުދާ ބަރުކޮށްގެން ބޯޓު އޮތީ،" ރަފީއު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ނ. އަތޮޅުގެ އެހެން ބައެއް ރަށްތަކުގައި ވެސް ކާޑުގެ ބާވަތްތައް ވަނީ ވަރަަށް މަދުވެފަ އެވެ.

ކައުންސިލްގެ މެމްބަރު ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ކައުންސިލުން މަސައްކަތްކުރީ އަތޮޅުގެ އެހެން ރަށަކުން މުދާ ހޯދާށެވެ. އެކަމަކު އެ ރަށްތަކުގައި ވެސް ހުރީ އެ ރަށްރަށަށް ފުދޭ ވަރަށް ކަމަށް ވާތީ އެހެން ރަށަކުން ކާޑު ހޯދޭނެ ގޮތް ނުވީ އެވެ.

މިލަދޫ ކައުންސިލްގެ ރައީސް އަބްދުލް މަޖީދު މުހައްމަދު ވިދާޅުވީ އެ ރަށުގައި ކާޑުގެ ބާވަތްތައް މަދު ނަމަވެސް މިވަގުތަށް ބޭނުންކުރެވޭ ވަރަށް އެބަ ހުރި ކަމަށެވެ. އެކަމަކު ގޭސް ހުސްވާން ކައިރިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަގޫދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ނަސީރު ވިދާޅުވި ގޮތުގައި އެ ރަށަށް ގޭހުގެ ދަތިކަން އޮތް ކަމުގެ ޝަކުވާއެއް އަދި ލިބިފައި ނެތް ކަމަށާއި އެކަމަކު ގޮދަން ފުށް ވަރަށް ބޮޑަަށް މަދުވެފައިވާ ކަމަށެވެ. ކާޑުގެ ބާވަތްތައް ކޮންމެވެސް ވަރަކަށް އެބަ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ޅޮހި ކައިރީ އޮންނަ މި ދެރަށަށް ވެސް އާންމުކޮށް މުދާ ގެންދަނީ އެއް ބޯޓަކުންނެވެ.