Roadha Mihaaru
ނަތީޖާ އަށް ބަދަލު އަންނާނެ ޝަކުވާއެއް ނެތް: އެމްޑީޕީ

ނަތީޖާ އަށް ބަދަލު އަންނާނެ ވަރުގެ ޝަކުވާއެއް ނެތް: އެމްޑީޕީ

16 މެއި 2022

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާ ގުޅިގެން ކެންޑިޑޭޓުންގެ ފަރާތުން ހުށަހެޅި ޝަކުވާތައް ބަލައި ނިންމާފައިވާ ކަމަށާއި ނަތީޖާ އަށް ބަދަލު އަންނާނެ ވަރުގެ މައްސަލައެއް ނެތް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާ ގުޅިގެން ކެންޑިޑޭޓުންގެ ފަރާތުން ހުށަހެޅި ޝަކުވާތައް ބަލައި ނިންމާފައިވާ ކަމަށާއި ނަތީޖާ އަށް ބަދަލު އަންނާނެ ވަރުގެ މައްސަލައެއް ނެތް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް މަނިކު "މިހާރު" އަށް ވިދާޅުވީ، އެ އިންތިހާބާ ގުޅޭ ގޮތުން ޝަކުވާ ކޮމިޓީ އަށް ލިބިފައިވާ ހުރިހާ މައްސަލައެއް ބަލައި ނިންމާފައިވާ ކަމަށެވެ. ވަރަށް ވާދަވެރި އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންގެ ފަރާތުން ވެސް ޝަކުވާ ލިބިފައިވާ ކަމަށާއި ނަމަވެސް ނަތީޖާ އަށް ބަދަލު އަންނަ ވަރުގެ މައްސަލައެއް ނެތް ކަމަށް މަނިކު ވިދާޅުވި އެވެ.

"އިންތިހާބުގެ ނަތީޖާ އަށް ބަދަލު އަންނާނެ ކަމަކަށް ނުބެލެވޭ. އިންތިހާބު ޖުމުލަކޮށް ދިޔައީ ވަރަށް ރަނގަޅަށް،" މަނިކު ވިދާޅުވި އެވެ.

އިންތިހާބާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި ގަލޮޅު ސްކޫލުގެ ފޮއްޓަށް ގަނޑުކޮށް ވޯޓުކަރުދާސް އަޅާފައިވާ މައްސަލަތަކަކާއި ބައެއް ދާއިރާތަކަށް ގެންދިޔަ ފޮށީގެ ލިސްޓު ބަދަލުވުން ފަދަ މައްސަލަތައް ހިމެނޭ ކަމަށް މަނިކު ވިދާޅުވި އެވެ.

އިންތިހާބު ނާކާމިޔާބުވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ކެމްޕެއިން ޓީމުގެ ފަރާތުން ވަނީ ވޯޓުގެ ވަގުތު ހަމަވެފައި ވަނިކޮށް ގަޑި އިތުރު ކުރި މައްސަލަ ވެސް ހުށަހަޅައިފަ އެވެ.

މަނިކު ވިދާޅުވިގޮތުގައި، ވަގުތު އިތުރުކޮށްފައި ވަނީ ވޯޓު ގަޑި ހަމަވުމުގެ މާ ކުރިންނެވެ. އެކަން ލަހުން ޓުވީޓު ކުރި ނަމަވެސް އެތެރޭގެ ގްރޫޕުތަކުގައި އެ ވާހަކަ ދައްކައި އަންގަން ޖެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ އާ ޗެއާޕާސަނަކަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިންތިހާބުކުރީ 58 ޕަސަންޓު ވޯޓުންނެވެ.