Roadha Mihaaru
އިންތިގެ މަރުހަބާ ފައްޔާޒަށް، ދެގޮތެއް ނުވެ ހުންނާނަން

ޕާޓީގައި ދެގޮތެއް ނުވެ ދެމިހުންނާނެ ކަމަށް ވިދާޅުވެ އިންތިގެ މަރުހަބާ ފައްޔާޒަށް

15 މެއި 2022

މިވީހާ ދުވަހު ނަގަހައްޓަމުން އައި ހަމަތަކާ އަސާސްތަކުގެ މަތީގައި ޕާޓީގައި ދެގޮތެއް ނުވެ ހުންނާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ކާމިޔާބު ކުރެއްވި ފައްޔާޒް އިސްމާއިލަށް އިންތިޚާބުން ނާކާމިޔާބުވި ކެންޑިޑޭޓް އިމްތިޔާޒް ފަހުމީ މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

މިވީހާ ދުވަހު ނަގަހައްޓަމުން އައި ހަމަތަކާ އަސާސްތަކުގެ މަތީގައި ޕާޓީގައި ދެގޮތެއް ނުވެ ހުންނާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ކާމިޔާބު ކުރެއްވި ފައްޔާޒް އިސްމާއިލަށް އިންތިޚާބުން ނާކާމިޔާބުވި ކެންޑިޑޭޓް އިމްތިޔާޒް ފަހުމީ މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

އިންތި މިއަދު ކުރެއްވި ޓްވީޓެއްގައި ފައްޔާޒަށް މަރުހަބާ ވިދާޅުވެފައި މި ވަނީ އިންތިޚާބުން ބޮޑު ތަފާތަކުން ބަލިވެވަޑައިގެންނެވި ފަހުން، އިންތިގެ ކެމްޕޭން ޓީމު ހިމޭންވުމުން ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. އިންތި ވަނީ އޭނާއާ އެކު މަސައްކަތް ކުރި ޓީމަށާއި ވޯޓު ދިން މީހުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޕާޓީއާ އެކު ދެގޮތެއް ނުވެ ހުންނަވާނެ ކަމަށް އިންތި ވިދާޅުވެފައި މި ވަނީ، އެމްޑީޕީގެ ތާރީޚުގައި ވެސް ބާއްވާފައި ނުވާވަރުގެ ވާދަވެރި ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭނުގައި ބަހުގެ ހަމަލާތައް ބަދަލުކޮށް، ބައިވެފައިވާ ދެ ފެކްޝަން އެއްގަލަކަށް އަރާނެކަމާ މެދު ބައެއް މީހުން ސުވާލު އުފައްދާފައި ވަނިކޮށެވެ.

"ހުސްއަތާ ނުކުމެ މުޅި ދައުލަތާ ދައުލަތުގެ ހުރިހާ ނުފޫޒްތަކާއި ބާރުތަކާ ވާދަކުރަން އަޅުގަނޑުމެންނަށް ޖެހުނުކަން އެންމެންނަށް އެނގޭނެ. ނަމަވެސް އެމްޑީޕީގެ ފަލްސަފާ އާއި އެމްޑީޕީ ގަބޫލްކުރާ ކަންތައްތަކުގައި ތިޔަ ބޭފުޅުން ހިތްޕަވައިގެން ތިޔަ ގޮތަށް ފިސާރި ގޮތެއްގައި ފަޚުރުވެރިވާން ޖެހޭ ކަމެއް. ކުރިމަތި ކުރުވި ފިއްތުންތަކާއި ގޮންޖެހުންތަކަށް ބެއްލެވުމެއް ނެތި ތިޔަ ދެއްކެވި ހިތްވަރަށް އައްސަރި ބަހާއި ސާބަސް ދަންނަވަން. ތިޔަ ބޭފުޅުންނާ އެކު ތިޔަ ގޮތުގައި އަބަދުވެސް ދެމިތިބޭނަން،" އިންތި ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކަނީ ވޯޓުގެ 58 ޕަސެންޓް ލިބިވަޑައިގަތީ ފައްޔާޒަށެވެ. އިންތި އަށް ލިބިވަޑައިގަތީ 42 ޕަސެންޓެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ފައްޔާޒް ނުކުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރިހަމަ ތާއީދާ އެކުގަ އެވެ. އިންތި އަށް ވާދަކުރެއްވީ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާ އެކު އެވެ.