Roadha Mihaaru
ވަގުތު އިތުރުކުރުމުން އިންތިހާބުގެ ސައްހަކަމާމެދު ސުވާލު

ވަގުތު އިތުރު ކުރުމުން އިންތިހާބުގެ ސައްހަކަމާމެދު އިންތިގެ ޓީމުން ސުވާލު އުފައްދައިފި

14 މެއި 2022

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓު ލުމުގެ ވަގުތު އިތުރު ކުރުމުން އެ މަގާމަށް ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ކެމްޕެއިން ޓީމުން އިންތިހާބުގެ ސައްހަ ކަމާމެދު ސުވާލު އުފައްދައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓު ލުމުގެ ވަގުތު އިތުރު ކުރުމުން އެ މަގާމަށް ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ކެމްޕެއިން ޓީމުން އިންތިހާބުގެ ސައްހަ ކަމާމެދު ސުވާލު އުފައްދައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަނަކު ހޮވަން އެ ޕާޓީގެ 17 އަހަރުގެ ތެރޭގައި ކުރި އެންމެ ވާދަވެރި ކެމްޕޭނަށް ފަހު އިންތިހާބުގެ ވޯޓު ލުން ކުރިން ހަމަޖެހިފައި އޮތީ މިއަދު ހަވީރު 4:00 ހާއިރު ނިންމާލުމަށެވެ. ނަމަވެސް މޫސުން ގޯސްވުން ފަދަ ދަތިތަކާ ހެދި އިރުއޮއްސި 6:00 އަށް ވަނީ ގަޑި އިތުރުކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރައްވައި އިންތިގެ ކެމްޕެއިން ޓީމުގެ ވަކީލުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވީ ވޯޓު ލާ ވަގުތު އިތުރު ކޮށްފައިވާ ކަމަށް ޕާޓީން އެންގީ ވޯޓު ލާ ވަގުތު ހަމަވީ ފަހުން ކަމަށެވެ. އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި ހުރިހާ ސަރަހައްދަކުން ވޯޓު ލުން ހުއްޓާލުމަށް އެދިފައިވާ ކަމަށް ނިޝާން ވިދާޅުވި އެވެ.

"ދުނިޔޭގެ އެއްވެސް ތަނެއްގައި މުއްދަތު ހަމަވާ ފަހުން އެކްސްޓެންޑެއް ނުކުރޭ،" ނިޝާން ވިދާޅުވި އެވެ. "އޭގެ ނަތީޖާއަކީ ބައެއް ސަރަހައްދުތަކުގައި ވޯޓު ފޮށި ބަންދުކޮށް ސީލް ކޮށްފި، އެކަމަކު އަނެއްބައި ތަންތަނުގައި އަދިވެސް ވޯޓު ލުން ކުރިޔަށް އެބަގެންދޭ. އެއީ އެއްވެސް ގޮތެއް ނޫން."

އެމްޑީޕީ ސެކެޓްރިއޭޓްގެ ރަސްމީ ޓުވިޓާ އެކައުންޓުން، ވޯޓު ލާ ވަގުތު އިތުރު ކުރިކަން ޓުވީޓު ކުރީ 4:01 ގަ އެވެ. ނަމަވެސް އޭގެ ކުރިން "މިހާރު" ނޫހުން ވަނީ އިންތިހާބުގެ އޮފިޝަލަކާ ހަވާލާދީ، ވޯޓު ލާ ވަގުތު އިތުރު ކޮށްފައިވާ ކަމުގެ ހަބަރު ޖަހައިފަ އެވެ.

އެ މައްސަލައިގެ އިތުރުން ވޯޓުލާ ވަގުތު ހަމަވީ ފަހުން ފައިސާ ބެހުމާއި އައިޑީކާޑު ގަތުމާއި ނުފޫޒު ފޯރުވުމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށް ނިޝާން ވިދާޅުވި އެވެ.

ނިޝާން ވިދާޅުވީ ހަތަރު ވޯޓު ފޮއްޓެއްގައި ހިންގި ކަންކަމުގެ ސަބަބުން ނަތީޖާ އަށް ވެސް އަސަރު ކުރާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ފޮއްޓެއް ކަމާއި ކުރި ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.

އެ މައްސަލަތައް ވަނީ އިންތިހާބުގެ ޝަކުވާ ކޮމިޓީ އަށް ހުށަހަޅައިފަ އެވެ.

ޗެއާޕާސަން އިންތިހާބުގައި ވޯޓުލުމުގެ ވަގުތު މިހާރު ވަނީ ހަމަވެފަ އެވެ.