Roadha Mihaaru
ހުރިހާ ސަރަހައްދަކަށް ވެސް އުދައަރާފާނެ، ސަމާލުވޭ!

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް އުދައަރާފާނެ، ސަމާލުވޭ!

16 މެއި 2022

މިއަދާއި މާދާމާ ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް އުދަ އަރާފާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް މެޓުން މިއަދު އިލްތިމާސްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިއަދާއި މާދާމާ ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް އުދަ އަރާފާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް މެޓުން މިއަދު އިލްތިމާސްކޮށްފި އެވެ.

އެ އިދާރާގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، މި ދުވަސްވަރު އުދައެރުމުގެ ފުރުސަތު ބޮޑުވީ "ސުޕަމޫން"ގެ ސަބަބުން ކަމަށެވެ. "ސުޕަމޫން" އަކީ އެހެން މަސްތަކަށް ވުރެއް ބޮޑަށް، ދުނިޔެއާ ކައިރީގައި ހަނދު ހުރުމެވެ.

"އާންމުކޮށް ފުރިހަމަ ހަނދެއްގައި ދިޔަވަރު އުފުލޭ. މި މަހުގެ ފުރިހަމަ ހަނދަކީ 'ސުޕަމޫންއެއް'. އެހެންވެ، ދިޔަވަރު ވެސް އިތުރަށް އުފުލޭ. އަދި ވައިގަދަ ވީމަ ބާނި ބޮޑުވޭ. ރާއްޖެ އަށް މި ދުވަސްވަރު ވަރަށް ވައިގަދަ. އެހެންވެ، އުދައެރުމުގެ ފުރުސަތު ބޮޑު،" އޮފިޝަލް ވިދާޅުވި އެވެ.

"މިއަދާ ދެން މި ދިމާވީ ހަނދުކޭތައަކާ ވެސް،" އޮފިޝަން ވިދާޅުވި އެވެ.

އުތުރާއި ދެކުނު އެމެރިކާ، ޔޫރަޕް އަދި އެފްރިކާގެ ގައުމުތަކަށް މިހާރު ހިފަން ފަށާފައިވާ އެ ހަނދުކޭތަ ރާއްޖެ އަށް ނުފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ރާއްޖޭގައި އާންމުކޮށް އުދައަރާ ސަރަހައްދުތަކަށް އުދައިގެ އަސަރު ބޮޑަށް ކުރާނެ ކަމަށެވެ.

ޖޫން 15، 2019: މާލޭގެ ކާނިވާ ސަރަހައްދަށް އުދައަރާފައި: މިއަދާއި މާދަމާ ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާނެ ކަމަށް ލަފާކުރޭ -- ފޮޓޯ: މިހާރު

ޖޫން 15، 2019: މާލޭގެ ކާނިވާ ސަރަހައްދަށް އުދައަރާފައި: މިއަދާއި މާދަމާ ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާނެ ކަމަށް ލަފާކުރޭ -- ފޮޓޯ: މިހާރު

ރާއްޖެ އަށް މިހާރު ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށާފައިވާއިރު، މިއަދާއި މާދަމާ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިގަދަވާނެ ކަމަށާއި ދިޔަވަރު ވެސް ވަރަށް އުސްވާނެ ކަމަށް ބެލެވެ އެވެ.

އާންމުގޮތެއްގައި ދިޔަވަރު އެންމެ ބޮޑުވާނެ ކަމަށް ލަފާކޮށްފައި ވަނީ މެންދުރު 12 އާއި 2 އާ ދެމެދުގަ އެވެ.

މިއަދާއި މާދަމާ ރާއްޖޭގެ ދިޔަވަރު ހުންނާނެ ކަމަށް މެޓުން ލަފާކުރާ ގޮތް -- ގްރެފިކްސް: މެޓް އޮފީސް

މިއަދާއި މާދަމާ ރާއްޖޭގެ ދިޔަވަރު ހުންނާނެ ކަމަށް މެޓުން ލަފާކުރާ ގޮތް -- ގްރެފިކްސް: މެޓް އޮފީސް

ރާއްޖޭގެ އުތުރާއި މެދުތެރޭގެ ރަށްތަކަށް މިއަދު ވިއްސާރަކޮށް، ގުގުރައި، ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި އަދި ކަނޑުތައް ވެސް އާންމުގޮތެއްގައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އުދައެރުމުގެ ފުރުސަތު ވެސް ބޮޑީ އުތުރާއި މެދުތެރޭގެ ރަށްތަކަށެވެ. އަދި ދެކުނުގެ ރަށްތަކަށް މިއަދު މޫސުން އާންމުގޮތެއްގައި ރަނގަޅު ވިޔަސް، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެ އެވެ.

ރާޅުގެ އުސްމިން:

- އުތުރާއި މެދަށް 5-8 ފޫޓާ ދެމެދު.

- ދެކުނަށް 4-6 ފޫޓާ ދެމެދު.

ވައިގެ ބާރުމިން:

- އުތުރާއި މެދަށް: ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި.

- ދެކުނަށް: ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި.

- ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރުމިނުގައި.

މި ހަފުތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ކުރިން ވެސް ލަފާކޮށްފައިވެ އެވެ. ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރި އެވެ.

ރާއްޖެ އަށް މިހާރު މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. ރާއްޖެ އަށް މި އަހަރުގެ ހުޅަނގު މޫސުން ފެށިއްޖެ ކަމަށް މެޓުން އިއުލާންކުރީ މިދިޔަ ހޯމަ ދުވަހު އެވެ.