Roadha Mihaaru
ވެރިކަން ވައްޓާލަން މައުމޫން ނޫޅުއްވާ: އެމްއާރުއެމް

ޔާމީންގެ ވެރިކަން ވައްޓާލަން މައުމޫން ނޫޅުއްވާ: އެމްއާރުއެމް

11 މެއި 2022

ފެބުރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން އަމުރު ނެރެ، ސަރުކާރު ވައްޓާލުމުގެ ފަހަތުގައި ހުންނެވި އެންމެ އިސް މޭސްތިރިއަކީ އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް ވިދާޅުވެ، އޭރު ރައީސަކަށް ހުންނެވި އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅު އެމްއާރްއެމް އިން މިއަދު ދޮގުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފެބުރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން އަމުރު ނެރެ، ސަރުކާރު ވައްޓާލުމުގެ ފަހަތުގައި ހުންނެވި އެންމެ އިސް މޭސްތިރިއަކީ އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް ވިދާޅުވެ، އޭރު ރައީސަކަށް ހުންނެވި އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅު އެމްއާރްއެމް އިން މިއަދު ދޮގުކޮށްފި އެވެ.

އެމްއާރުއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ޔާމީންގެ ވެރިކަން ވައްޓާލަން މައުމޫން ނޫޅުއްވާ ކަމަށާއި އެމަނިކުފާނު އުޅުއްވީ، އެ ސަރުކާރުގެ އެތެރޭގެ ކަންކަން ހަމަމަގަށް ރުޖޫއަކުރެއްވުމަށް ސަރުކާރާއި ޕާޓީގެ އެތެރެއިން އަދި ފަހުން ޕާޓީގެ ބޭރުން ވެސް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އެ މަސައްކަތް މައުމޫން ކުރެއްވީ ވެސް، ޔާމީންގެ ވެރިކަމަކީ އެމަނިކުފާނުގެ ތައީދާ އެކު، ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިގެން ގެންނެވި ސަރުކާރެއް ކަމަށް ވާތީ ކަމަށެވެ.

"ކުރީގެ ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް މި ޕާޓީގެ ޒައީމް [މައުމޫން] އެއްވެސް އިރަކު މަސައްކަތް ކުރައްވާފައެއް ނުވެ އެވެ،" އެ ބަޔާނުގައިވެ އެވެ.

ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ، އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލުމަށެވެ. އަދި، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު ކަނޑައަޅާފައިވާ 12 މެމްބަރުން އެ މަގާމުން ވަކި ނުވާ ކަމަށް ވެސް ކަނޑައެޅި އެވެ. އެ އަމުރާ އެކު، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެންމެ ފުރަތަމަ ހައްޔަރުކުރި ބޭފުޅަކީ މައުމޫނެވެ.

ކުރީގެ ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވަނީ: ޔަމީން ވެރިކަމަށް ވަޑައިގަތީ މައުމޫންގެ ތައީދާ އެކު -- ފައިލް ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވަނީ: ޔަމީން ވެރިކަމަށް ވަޑައިގަތީ މައުމޫންގެ ތައީދާ އެކު -- ފައިލް ފޮޓޯ: ރައީސް އޮފީސް

އޭގެ ހަތަރު އަހަރު ފަހުން ފުރަތަމަ ފަހަރަށް އެކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ޔާމީން ހިއްސާކުރެއްވީ ޕީޕީއެމްގެ ފަރާތުން މާލޭގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު ކަމަށް ވާދަކުރައްވާ ފާތިމަތު ނާޒިމާގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް އިއްޔެ ވިލިމާލޭގައި ބޭއްވި ހަރަކާތުގަ އެވެ.

ޔާމީންގެ ވާހަކަތައް ދޮގުކޮށް، އެމްއާރްއެމުން ބުނީ ފެބްރުއަރީ އެކެއްގެ އަމުރު ތަންފީޒުކުރަން ސީދާ ދެކޮޅު ހަދައި، އޭރު ތަންފީޒީ އިދާރާތަކުގައި ތިބި އެތައް މުވައްޒަފުންނެއް ގާނޫނާ ހިލާފަށް އަމަލުކުރުމަށް އެމަނިކުފާނު މަޖުބޫކުރެއްވި ކަމަށެވެ. އެ އަމުރު ތަންފީޒު ނުކުރުމަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައި، ގާޒީން ހައްޔަރުކޮށް ޖަލަށްލައި، އަދި އޭރު ޖަލަށް ނުލެވި ތިބި އެތައް ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުން ހައްޔަރުކޮށް ޖަލަށްލި ކަމަށެވެ.

މައުމޫންގެ އިތުރުން، އޭގެ ތެރޭގައި، އެމްއާރްއެމްގެ ރައީސް އަދި މައުމޫން ދަރިކަލުން ފާރިޝް މައުމޫނާއި އެ ޕާޓީގެ އެގްޒެކެޓީވް ކޮމިޓީގެ މެންބަރު އަދި މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނުގެ ފިރިކަލުން މުހައްމަދު ނަދީމް އަދި އެ ޕާޓީގެ މުވައްޒަފުން ވެސް ހިމެނޭ ކަމަށް ބުންޏެވެ.

މާލެ: މާޗް 20، 2018: ރައީސް މައުމޫނު ޕޮލިސް ލޯންޗުގައި ދޫނިދޫ އިން މާލެ ގެންނަނީ: ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުގެ ދިން ކަމަށް ބުނެ މައުމޫން ޖަލަށްލި -- ފައިލް ފޮޓޯ: މިހާރު

މާލެ: މާޗް 20، 2018: ރައީސް މައުމޫނު ޕޮލިސް ލޯންޗުގައި ދޫނިދޫ އިން މާލެ ގެންނަނީ: ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުގެ ދިން ކަމަށް ބުނެ މައުމޫން ޖަލަށްލި -- ފައިލް ފޮޓޯ: މިހާރު

މައުމޫން ހައްޔަރުކުރީ އެމަނިކުފާނުގެ އަމުރަކަށް ނޫން ކަމަށާއި އެއީ ގައުމީ ސަލަމަތާ ބެހޭ ކޮމެޓީގެ ނިންމުމެއް ކަމަށް ވިދާޅުވެ ޔާމީން ދެއްކެވި ވާހަކަފުޅަށް ވެސް އެމްއާރުއެމުން ރައްދުދިނެވެ.

"މި ޕާޓީން ދެކޭ ގޮތުގައި، އޭރު ސަރުކާރުގެ ބާރުތަކާއި ނުފޫޒު އޮތް ގޮތުން އެ ކަމަކީ ސީދާ ރައީސް ޔާމީންގެ ނިންމެވުމަކަށް ނުވެ، ހިނގައިދާނެ ހަމަ އެއްގޮތެއް ވެސް ނެތެވެ. އެހެން ކަމުން، މިއަދު އެކަމުން ރެކިވަޑައިގަތުމަށް ދައްކަވާ ވާހަކަފުޅަކީ ހަގީގީ ލީޑަރުންގެ ފަރާތުން ފެންނަ ތިމާގެ ބާރުން ހިނގާ ކަންކަމުގެ ޒިންމާ ނުނެގުމުގެ ސިފަޔާއި ނުހަނު ބީރައްޓެހި، ފަނޑި ވާހަކަފުޅުތަކެކެވެ،" އެ ބަޔާނުގައި ބުންޏެވެ.

ޔާމީން ރޭގައި ވާހަކަދެއްކެވީ، ދެން ވެސް އެމަނިކުފާނަށް ވެރިކަން ލިބިއްޖެ ނަމަ، އަލުން ވެސް އަނިޔާވެރިކަން އިސްކޮށް، ޝައުރީ ނިޒާމަށް ނުފޫޒު ފޯރުވާއި، ކޯޓުތަކުގެ ހުރުމަތް ކަނޑާލައި، ފަނޑިޔާރުންނާއި މުއައްސަސާތަކުގެ ވެރިންނާއި ސިޔާސީ ލީޑަރުންނާއި އާންމު ރައްޔިތުން ވެސް ދިގު މުއްދަތަށް ޖަލަށް ލާނެ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ކަމަށް ވާތީ އެ ވާހަކަ ކުށްވެރިކުރާ ކަމަށް ވެސް ބުންޏެވެ.

ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ޔަމީންގެ ވާހަކަފުޅުތައް ތަހުގީގުކޮށް، ފިޔަވަޅު އަޅަން ވެސް އެމްއާރުއެމުން ގޮވާލި އެވެ.