Roadha Mihaaru
ޕްރިންސިޕަލުންގެ މުސާރަ މަދުވާނަމަ ބަދަލުތައް ގެންނާނެ

ޕްރިންސިޕަލުންގެ މުސާރަ މަދުވާނަމަ ބަދަލުތައް ގެންނާނެ: ޕޭ ކޮމިޝަން

11 މެއި 2022

މުސާރައިގެ އާ އޮނިގަނޑާއެކު ޓީޗަރުންނާއި ޕްރިންސިޕަލުންނަށް މިހާރު ލިބޭ މުސާރަ އާއި އިނާޔަތަށް އެއްވެސް އުނިކަމެއް އަންނަ ނަމަ އެ ކަންކަން ހަމަޖައްސަން އަންގާފައިވާނެ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މުސާރައިގެ އާ އޮނިގަނޑާއެކު ޓީޗަރުންނާއި ޕްރިންސިޕަލުންނަށް މިހާރު ލިބޭ މުސާރަ އާއި އިނާޔަތަށް އެއްވެސް އުނިކަމެއް އަންނަ ނަމަ އެ ކަންކަން ހަމަޖައްސަން އަންގާފައިވާނެ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަ މި މަހުން ފެށިގެން ބޮޑުވިޔަސް، އާ އޮނިގަނޑު ހަދާފައިވާ ގޮތުން ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް ގެއްލުންވާ ކަމަށް ބުނެ ބައެއް ޕްރިންސިޕަލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެ ޕްރިންސިޕަލުން ވިދާޅުވާ ގޮތުގައި މުސާރައިގެ އާ އޮނިގަނޑުން އެންމެ ފައިދާ ބޮޑުވަނީ އަމިއްލަ ރަށުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށެވެ.

އެކަމާ ގުޅިގެން ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް "މިހާރު" އަށް ވިދާޅުވީ އެ މުވައްޒަފުންނަށް މިހާރު ލިބޭ މުސާރަ އާއި އިނާޔަތަށް އުނިކަމެއް އަންނަ ނަމަ ބަދަލުތައް ގެންނަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަދި އެޑިއުކޭޝަން މިނިސްޓްރީ އަށް އަންގާފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ވަކި ވަކި މުވައްޒަފުންގެ މުސާރަ އަށް އަންނަ ބަދަލުތައް ސީއެސްސީން އެ މުވައްޒަފުންނަށް އަންގާނެ ކަމަށެވެ. އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑރ. ފައިޒަލް ވިދާޅުވި އެވެ.

"އެ ދާއިރު ހުރިހާ ކަމެއް ބަލާފައި، އެއްވެސް އެއްޗެއް އުނިވާ ހާލަތެއް އޮވެއްޖެނަމަ އެޑްޖަސްޓްމަންޓް ގެންނާނެ،" އޭނާ ވިދާޅުވި އެވެ.

ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިހާތަނަށް ދެމުން ދިޔަ އެކޮމޮޑޭޝަން އެލަވަންސް، އާ އޮނިގަނޑުން އުނިކުރުމެވެ. ޑރ. ފައިޒަލް ވިދާޅުވީ އެކޮމޮޑޭޝަން އެލަވަންސްގެ ގޮތުގައި މިހާތަނަށް ދެމުންދިޔަ އެލަވަންސް މި ފަހަރު ހިމަނާފައި ވަނީ މުސާރައާ އެކު ކަމަށެވެ.

އެކޮމޮޑޭޝަން އެލަވަންސްގެ ނަމުގައި ވަކި އެލަވަންސެއް ނެތް ނަމަވެސް، ރަށްރަށަށް ފޮނުވަން ޖެހޭ ޕްރޮފެޝަނަލް މީހުން ފޮނުވަން ދަތިވާ ހާލަތްތަކުގައި، މި މަހުގެ އެއް ވަނަ ދުވަހު އާއްމުކުރި ދައުލަތުގެ ޕޭ ފްރޭމްވޯކްގެ ރޫރަލް ރިޓެންޝަން ޕޮލިސީގެ މިންގަނޑުގެ ދަށުން ވެސް އެއަށް އެޓެންޑުކުރެވޭނެ ގޮތްތައް ހުންނާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

"ހުރިހާ ކަމަކަަށް ހުންނާނެ ހައްލުތަކެއް އޭގެ ތެރޭގައި. އެއްވެސް މުވައްޒަފަކަށް ލިބޭ އެއްޗެއް ކުޑައެއް ނުވާނެ. އެގޮތަށް ލިބިގެންދާނެ،" ޑރ. ފައިޒަލް ވިދާޅުވި އެވެ.

ރަށްރަށަށް މީހުން ފޮނުވަން ދަތިވާ ހާލަތްތައް މިހާރު ވެސް އަންނާތީ، އެ ތަންތަނަށް މުވައްޒަފުން ފޮނުވަން ޖެހެނީ އިތުރު އިނާޔަތް ދީފައި ކަމަށާއި އެ ކަހަލަ ފުރުސަތުތައް އަދިވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާ އޮނިގަނޑުގެ ދަށުން މުސާރަ އާއި އިނާޔަތްތައް މަދުވާ ޕްރިންސިޕަލެއް ހުރެދާނެ ކަމަށާއި އެކަމަށް ސީއެސްސީން އިތުރަށް ބަލައި ވަކިން ހައްލުތަކެއް ހޯދާނެ ކަމަށް ޑރ. ފައިޒަލް ވިދާޅުވި އެވެ.

"އެޓް ދަ އެންޑް، އެއްވެސް މީހަކަށް ލިބޭ އެއްޗެއް ކުޑައެއްނުވާނެ،" އޭނާ ވިދާޅުވި އެވެ.

ރަށްރަށަށް ޕްރިންސިޕަލުން ނުލިބުމުގެ މައްސަލަ ހައްލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ވަރަށް ކުރީއްސުރެ ދިޔައީ ދެ ގޮތަކަށް އެކޮމޮޑޭޝަން ހަމަޖައްސައިދެމުންނެވެ. އެއީ، އެކޮމޮޑޭޝަން އެލަވަންސްގެ ގޮތުގައި 9000ރ. ދީގެން ނުވަތަ މިނިސްޓްރީން ހަމަޖައްސާ ތަނެއްގައި އުޅުމެވެ. އެކަމަކު، މުސާރައިގެ އާ އޮނިގަނޑުގައި ރަށުން ބޭރުގެ އެކޮމަޑޭޝަން ވަނީ އުނިކޮށްފަ އެވެ.

އާ އޮނިގަނޑާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކުރި ބައެއް ޕްރިންސިޕަލުން ވިދާޅުވީ މިނިސްޓްރީން އެކޮމޮޑޭޝަން ހަމަޖައްސައިނުދޭ ނަމަ ރަށުން ބޭރަށް މަސައްކަތް ކުރަން ދާން ގިނަ ޕްރިންސިޕަލުން ދެކޮޅު ހަދާނެ ކަމަށެވެ.

ރޭންކް 1 ގެ ޕްރިންސިޕަލަކަށް މުސާރައާ އިނާޔަތްތަކާއެކު މަހެއްގެ މައްޗަށް 30،610ރ. (82 ޕަސެންޓްގެ ކުރިއެރުމެއް) އަދި ރޭންކް 2 ގެ ޕްރިންސިޕަލަކަށް 59 ޕަސެންޓްގެ ކުރިއެރުމަކާ އެކު 33،075ރ. އަށް މުސާރަ ބޮޑުވެގެންދާނެ އެވެ.