19 މެއި 2022
ސްކޫލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއުލާނު ކޮށްފައިވާ ގޮތަށް، މުސާރަ ބޮޑުނުވާތީ ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސްކޫލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއުލާނު ކޮށްފައިވާ ގޮތަށް، މުސާރަ ބޮޑުނުވާތީ ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް އަންނަ ބަދަލުތައް އާއްމުކުރަން މި މަހުގެ 1 ވަނަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ، މި މަހު އަމަލުކުރަން ފަށާ ވަޒީފާގެ އާ އޮނިގަނޑާއެކު، ސްކޫލުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ އަށް ވެސް ހެޔޮ ބަދަލުތައް އަންނާނެ ކަމަށެވެ.
ސްކޫލްތަކުގައި މަސައްކަތް ކުރާ 1،749 އިދާރީ މުވައްޒަފުން ތިބޭއިރު، އެ މީހުންނަށް މިހާރު ލިބޭ މުސާރައިގެ 35 ޕަސެންޓް އިތުރަށް ލިބޭނެ ކަމަށް މިނިސްޓަރު އޭރު ވިދާޅުވި އެވެ.
މުސާރަ އަށް އަންނަ ބަދަލުތައް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިހާރު ވަނީ އެ މުވައްޒަފުންނަށް އަންގައިފަ އެވެ.
އޭގައިވާ ގޮތުން ސްކޫލްތަކުގެ އިދާރީ އޮފިސަރުންނަށް އެންމެ ގިނައިން ތިބޭ ޖީއެސް ލެވެލް ތިނެއްގެ މުވައްޒަފަކަށް ލިބެނީ އަސާސީ މުސާރައިގެ ގޮތުގައި މިހާރު ވެސް ލިބޭ 4،465ރ. އެވެ. ސާވިސް އެލަވަންސަށް 1،500ރ. ސަޕޯޓިން ކޯ އެލަވަންސްއަށް 700ރ، އަދި ސްޕެޝަލް ޑިއުޓީ އެލަވަންސަށް ކަނޑައަޅާފައިވާ 1،562ރ. އާއެކު އެ މުވައްޒަފުންނަށް ލިބެނީ މަހަކު 8،227ރ. އެވެ
މުސާރައިގެ ގޮތުގައި ދޭ 4،465ރ. އާއި ސާވިސް އެލަވަންސަށް 1،500ރ. ސަޕޯޓިން ކޯ އެލަވަންސް އަށް 700ރ. އަދި މިނިމަމް ވޭޖް އެލަވަންސަށް ލިބެމުން ދިޔަ 1،100ރ. އާއެކު މިހާތަނަށް ލިބެމުން ދިޔައީ 7،765ރ. އެވެ.
އާ އޮނިގަނޑުގެ ދަށުން އެ ރޭންކްގެ އިދާރީ މުވައްޒަފަކަށް އެލަވަންސަށް މުސާރައިން އިތުރުވަނީ 462.75ރ. އެވެ. އެއީ 6.6 ޕަސެންޓުގެ ކުރިއެރުމެކެވެ.
އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސްކޫލަކުން "މިހާރު" އާ ވާހަކަދެއްކި އިދާރީ މުވައްޒަފަކު ބުނީ މުސާރައަށް 35 ޕަސެންޓުގެ ކުރިއެރުމެއް ލިބޭނެ ކަމަށް ބުނުމުން އެންމެން ވެސް އުއްމީދުކޮށްގެން ތިބީ ރަނގަޅު ބަދަލެއް އަންނާނެ ކަމަށެވެ.
ނަމަވެސް ކުރިން ދިން އެލަވަންސެއް ކެނޑުމަށް ފަހު، އެހެން ނަމެއްގައި އާ އެލަވަންސެއް ދިނުމަކީ ވެސް މުސާރަ ބޮޑުވުމެއް ނޫން ކަމަށް އޭނާ ބުންޏެވެ.
އިދާރީ މުވައްޒަފުންގެ އެންމެ ބޮޑު އަނެއް ކަންބޮޑުވުމަކީ ވަޒީފާގެ އޮނިގަނޑެއް ނެތުމެވެ. އޭގެ ސަބަބުން ވަޒީފާގެ ކުރިއެރުން ނުލިބުމަކީ ވަރަށް މާޔޫސްވާ ކަމެއް ކަމަށް އޭނާ ބުންޏެވެ.
"އެޑްމިން އޮފިސަރަކަށް ހުންނަ މީހާ މާސްޓާސް ޑިގްރީ ހެދިއަސް މުސާރަ އިންނާނީ އެއްވަރެއް ހަމަ. ޕްރޮމޯޝަނެއް ނުލިބޭނެ. އެކަމަކު ޓީޗަރުންނާއި ޕްރިންސިޕަލުންނާ އެއްގޮތަށް ހަގީގަތުގައި ސްކޫލްތައް މި ހިންގެނީ އިދާރީ މުވައްޒަފުންގެ ވެސް މަސައްކަތުން،" ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދެއްކި އެޑްމިން އޮފިސަރު ބުންޏެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މިިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެޑްމިން އޮފިސަރަކު ފޮނުވި ސުވާލަކަށް ޖަވާބު ދެމުން، ސީއެސްސީން ބުނީ އެޑްމިނިސްޓްރޭޓިވް ސާވިސް ދާއިރާގެ ވަޒީފާގެ އޮނިގަނޑު އެކުލަވާލުމަށް ފަހު، އެ އަށް އަމަލުކުރަން ފެށުމުގެ ގޮތުން މުސާރައިގެ އޮނިގަނޑު ފާސްކޮށްދިނުމަށް ޑިސެމްބަރު 27، 2020 ނޭޝަނަލް ޕޭ ކޮމިޝަނަށް ފޮނުވާފައިވާ ކަމަށެވެ.
އެޑްމިނިސްޓްރޭޓިވް ސާވިސް ދާއިރާގެ ވަޒީފާގެ އޮނިގަނޑަށް އަމަލުކުރަން ފަށައި މުވައްޒަފުން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ޕޭ ކޮމިޝަނުން އެ އޮނިގަނޑުގެ މުސާރަ ފާސްކޮށްދެއްވުމުން ކަމުގައި ވެސް އެ ސިޓީގައި ބުނެ އެވެ.
"މި ކޮމިޝަނުން ނޭޝަނަލް ޕޭ ކޮމިޝަނަށް ހުށަހަޅާފައިވާ އޮނިގަނޑުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް، ދައުލަތުގެ ހުރިހާ އިދާރާތަކެއް ޝާމިލްވާނެ ގޮތަށް އެ ފަންނުގެ ޖޮބް މެޓްރިކްސް އެކުލަވާލުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރިއަށްގެންދާ ކަމުގައި ނޭޝަނަލް ޕޭ ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ،" ސީއެސްސީގެ ސިޓީގެ ޖަވާބުގައި ވެ އެވެ.
ރާއްޖޭގެ އެކި ސްކޫލްތަކުގެ 300 އަށް ވުރެ ގިނަ އެޑްމިން އޮފިސަރުން ހިމެނޭ ގޮތަށް މީގެ ފަސް އަހަރު ކުރިން ހަދާފައިވާ ވައިބަ ގްރޫޕްގައި ވެސް ދަނީ މުސާރައިގެ މައްސަލަގައިގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެ ގްރޫޕްގައި ކަންބޮޑުވުން ފާޅުކުރި މީހަކު ބުނީ އެޑްމިން މަސައްކަތްކުރާ މީހުން ކްލާހުގައި ކިޔަވައިނުދިނަސް ޓީޗަރުން، ކުދިންނަށް ކޮށްދޭ ކަންތައްތަކުގައި އެންމެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
"ދާއިރާ ބަދަލުކުރަން ވިސްނާ ހުރިހާ ކުދިން. ކިޔެވީމާ ޕްރޮމޯޝަން ދޭ ނަމަ ވެސް ރަނގަޅު،" އެކަކު ބުންޏެވެ.
އެތަނުން ބައެއް މީހުން ވަނީ ޕްރޮމޯޝަނަކީ ވަކި ބައެއްގެ ހައްގެއްތޯ ސުވާލު އުފައްދައިފަ އެވެ.
މުސާރައިގެ އާ އޮނިގަނޑާއެކު ޓީޗަރުންގެ މުސާރަ އަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވެ އެވެ. ޕްރިންސިޕަލުންގެ މުސާރައަށް ގެނައި ބަދަލުތަކުން ވެސް ބައެއް ޕްރިންސިޕަލުންނަށް ގެއްލުން ލިބޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރި އެވެ. އެކަމާ ގުޅިގެން ޕޭ ކޮމިޝަނުން ކުރިން ބުނީ އާ އޮނިގަނޑުގެ ދަށުން އެއްވެސް މުވައްޒަފެއްގެ މުސާރަ މަދުވާ ނަމަ އެކަން ހަމަޖައްސަން އަންގާފައިވާ ކަމަށެވެ.
ސްކޫލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން ވާހަކައެއް ނުދެއްކި އެވެ.
އަރަބިއްޔާ އިމާރާތްކުރުން އަމިން ކޮންސްޓްރަކްޝަން އަށް
ރިޓަޔާކުރާ އުސޫލަށް ގެނައި ބަދަލާމެދު ހިތްހަމަނުޖެހުން
މުސާރަ ބޮޑުވެއްޖެ، ޓީޗަރުންގެ މައްސަލަ ހައްލުވާނެބާ؟
ކަންބޮޑުވާތީ ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑަށް ބަދަލެއް
ޕްރިންސިޕަލުންގެ ހައްގެއް ނުގެއްލޭނެ، ލިބޭނީ ކުރިއެރުން
ޕްރިންސިޕަލަކަށް އެއް ސްކޫލެއްގައި ހުރެވޭނީ 8 އަހަރު
ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު ތާށިވެފައި!
ދަރުމަވަންތަ އިމާރާތް ހަވާލުކުރީ ސެލެކްޓިވް ބިޑިންއަކުން
"ދިރާސީ އަހަރު ބަދަލުކުރީ ރަނގަޅަށް ދިރާސާނުކޮށް"
މި ވަގުތު ތިބި ހުރިހާ ޓީޗަރުންނަށް ލައިސަންސް ލިބޭނެ