Roadha Mihaaru
ރެއާލް، ބާސާއިން ޗެލްސީގެ ދިފާއީ ތަނބުތައް އުފުރާލަނީ

ރެއާލް އާއި ބާސާއިން ޗެލްސީގެ ދިފާއީ ތަނބުތައް މުލުންލުހެލައިފި

12 މެއި 2022

ލަންޑަން (މެއި 11) - ރަޝިއާ އާއި ޔޫކްރޭނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބޮޑެތި ފުޓުބޯޅަ ކުލަބްތަކުގެ ތެރެއިން އެންމެ ބޮޑަށް އަސަރު ކޮށްފައިވާ އެއް ކުލަބަކަށް ވާނީ އިނގިރޭސިވިލާތުގެ ޗެލްސީ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (މެއި 11) - ރަޝިއާ އާއި ޔޫކްރޭނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބޮޑެތި ފުޓުބޯޅަ ކުލަބްތަކުގެ ތެރެއިން އެންމެ ބޮޑަށް އަސަރު ކޮށްފައިވާ އެއް ކުލަބަކަށް ވާނީ އިނގިރޭސިވިލާތުގެ ޗެލްސީ އެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ އަރިސް މީހުންގެ ލިސްޓުގައި ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް ހިމެނި، އޭނާގެ އެސެޓްތައް ފްރީޒް ކުރިއިރު އޭގެ ތެރޭގައި އޭނާގެ މިލްކުވެރި ކަމުގައި އޮތް ޗެލްސީ ވެސް ހިމެނެ އެވެ. ބޮޑެތި ޝަރުތުތަކާ އެކު ޗެލްސީ ކުރިޔަށް ދަނީ އިނގިރޭސި ސަރުކާރުން ދީފައިވާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

ކުލަބު ވިއްކާލުމުގެ ކަންކަން ހަމަ ނުޖެހި އުޅެނީސް އެކަން ވެސް ހުއްޓާލަން ޖެހުމާ އެކު ޗެލްސީ އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ކުޅުންތެރިން ގަނެ ވިއްކުމުގެ މުއާމަލާތްތައް ވެސް ނުކުރެވުމެވެ. މި ސީޒަނަށް ފަހު ޗެލްސީގެ ޑިފެންސުގައި ހިމެނޭ މުހިއްމު ކުޅުންތެރިންތަކެއްގެ ކޮންޓްރެކްޓް ހަމަވާއިރު ޗެލްސީ އަށް އެ ކުޅުންތެރިން ކުލަބުގައި ބައިތިއްބަން މާބޮޑު ކަމެއް ނުކުރެވެ އެވެ. އެޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނި ފަދައިން ޗެލްސީގެ 'އަތްތައް ހުރީ ބަނދެވިފަ' އެވެ.

ޓުޗެލް ޗެލްސީއާ ހަވާލުވި ފަހުން ކުލަބުގެ ޑިފެންސުގައި އެންމެ މުހިއްމު ކުޅުމެއް ކުޅޭ ޖަރުމަންގެ އެންޓޯނިއޯ ރުޑިގާ ހިލޭ ޓްރާންސްފާގައި ކުލަބު ދޫކޮށްލަން ނިންމާފައި ވާކަން މިދިޔަ މަހު ހާމަ ކޮށްފައި ވާއިރު، 29 އަހަރުގެ ސެންޓަ-ބެކް ވަނީ އިއްޔެ ސްޕެއިންގެ ރެއާލް މެޑްރިޑާ އެކު މެޑިކަލް ފުރިހަމަކޮށް، ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއި ކޮށްފަ އެވެ. އޭނާގެ ރިލީޒް ކްލޯސް އަކަށް ރެއާލުން ކަނޑައެޅީ 342.3 މިލިއަން ޕައުންޑެވެ. ރެއާލް އިން އަންނަނީ ޗެލްސީގެ ޒުވާން ފުލްބެކް ރީސް ޖޭމްސް އަށް ވެސް ފާރަ ލަމުންނެވެ.

ޗެލްސީގެ ޒުވާން ސެންޓަ-ބެކް ޑެންމާކުގެ އަންޑްރެސް ކްރިސްޓެންސެން އާއި ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ވެސް މި ސީޒަނަށް ފަހު ކޮންޓްރެކްޓް ހަމަވާނެ އެވެ. ދެ ކުޅުންތެރިން ވެސް ތިބީ ބާސެލޯނާގެ ރާޑަރުގަ އެވެ. ކްރިސްޓެންސެން ބާސެލޯނާ އަށް ބަދަލުވާން އެއްބަސް ވެފައި ވާކަމަށް އަޑުތައް ފެތުރިފައި ވާއިރު ބާސެލޯނާގެ ރައީސް ޔޯއާން ލަޕޯޓާ ވަނީ އެޓީމުން ޑިފެންޑަރެއްގެ ސޮއި ހޯދާފައި ވާކަމަށް މީގެ ކުރިން ބުނެފަ އެވެ.

އަޒްޕިލިކުއެޓާ އަށް ވެސް ބާސެލޯނާއިން އޮފާ ކޮށްފައި ވާއިރު، އޭނާ އަދި ހުރީ ގޮތެއް ނުނިންމަ އެވެ. ބާސާ އިން ވަނީ އަޒްޕިލިކުއެޓާ އަށް ދެ އަހަރުގެ ކޮންޓްރެކްޓެއް ވަނީ ހުށަހަޅާއިފަ އެވެ. އަދި ބާސެލޯނާގެ ހުށަހެޅުމުގައި އޭނާ އަށް އަހަރަކު 14 މިލިއަން ޑޮލަރު ދޭން ހުށަހަޅައިފައި ވެއެވެ.

ޗެލްސީއާ އެކު 2012 ވަނަ އަހަރުނެ ފެށިގެން ކުޅެމުން އަންނަ އަޒްޕިލިކުއެޓާ މިހާތަނަށް ވެސް ޗެލްސީގައި ތަފާތު ކޯޗުންނާ އެކު ވެސް މޮޅު ކުޅުމެއް އައީ ދައްކަމުންނެވެ. އެކަމަކު މި ސީޒަނުގެ ފަހުކޮޅު އޭނާގެ އަތުން ވަނީ ޑިފެންސުގައި ގިނަ ގޯސްތަކެއް ހެދިފަ އެވެ.

ޗެލްސީގެ މާކޮސް އޮލޮންސޯ. އޭނާގެ ކޮންޓްރެކްޓް ހަމަވާނީ އަންނަ ސީޒަނުގެ ނިޔަލަށް، އެކަމަކު މި ސީޒަނަށް ފަހު އޭނާ ސްޕެއިންގެ ބާސެލޯނާ އަށް ވިއްކާލުމުގެ ފުރުސަތު ބޮޑު.-- ފޮޓޯ: ގެޓީ އިމޭޖަސް

ޗެލްސީގެ މާކޮސް އޮލޮންސޯ. އޭނާގެ ކޮންޓްރެކްޓް ހަމަވާނީ އަންނަ ސީޒަނުގެ ނިޔަލަށް، އެކަމަކު މި ސީޒަނަށް ފަހު އޭނާ ސްޕެއިންގެ ބާސެލޯނާ އަށް ވިއްކާލުމުގެ ފުރުސަތު ބޮޑު.-- ފޮޓޯ: ގެޓީ އިމޭޖަސް

ކްރިސްޓެންސެން އާއި އަޒްޕިލިކުއެޓާގެ އިތުރުން ލެފްޓް ބެކް މާކޮސް އޮލޮންސޯ ވެސް ޗެލްސީ އިން މި ސީޒަނަށް ފަހު ބާސެލޯނާއަށް ވިއްކާލުމުގެ ފުރުސަތު ބޮޑެވެ. އަންނަ އަހަރަށް ކޮންޓްރެކްޓް ހަމަވާ އޮލޮންސޯ، 31، ވަނީ އަލުން ސްޕެއިންގައި ކުޅެން ބޭނުންވާކަން ހާމަ ކޮށްފަ އެވެ. އޭނާ މިހާތަނަށް ލަ ލީގާ ގައި ކުޅެފައި ވަނީ ރެއާލް މެޑްރިޑާ އެކު މެޗެއްގެ ފަހު ދެތިން މިނެޓެވެ. އެއީ 2010 ވަނަ އަހަރު ރެއާލް ކުޅުނު މެޗެއްގެ 90 ވަނަ މިނެޓްގައި އޭނާގެ ސީނިއާ ކެރިއަރު ފެށި މެޗުގައި 90 ވަނަ މިނިޓުގައި ގޮންޒާލޯ ހިގުއައިންގެ ބަދަލުގައި ކުޅެން ނުުތް މެޗުގަ އެވެ.

ގިނަ ދަތި ތަކަކަށް ފަހު ވެސް މިދިޔަ ހުކުރު ދުވަހު ޗެލްސީ އިން ވަނީ އެލްއޭ ޑޮޖާސްގެ ޓޮޑް ބޯލީ އަށް ކުލަބް ވިއްކާލަން ނިންމިކަން ހާމަ ކޮށްފަ އެވެ. ނަމަވެސް ވިއްކާލުމުގެ ކަންކަން ފައިނަލް ވާނީ ޕްރިމިއަ ލީގާއި އިނގިރޭސި ސަރުކާރުން އެކަމަށް ފެހި ސިގުނަލް ދިނުމުންނެވެ. ޗެލްސީން ހާމަކުރާ ގޮތުގައި މިމަހުގެ ފަހު ކޮޅު ސޭލް ފައިނަލް ކުރާނެ އެވެ.

އަންނަ ސީޒަނަށް ޗެލްސީގެ ޑިފެންސަށް ކުޅުންތެރިން ހޯދަން ވަނީ މަޖޫބޫރު ވެފަ އެވެ. ސްޕެއިންގެ ސެވިއްޔާ އަށް ކުޅޭ ފްރާންސްގެ ސެންޓަ ބެކް ޔޫލުސް ކޫންޑޭ ހޯދަން ސެލްސީން ދަނީ މަސައްކަތް ކުރަމުންނެވެ. ހަމަ އެއާ އެކު ޕީއެސްޖީގައި ޓުޗެލް ކޯޗު ކޮށްދިން ޕްރެސްނެލް ކިމްޕެމްބޭ އާއި އާރްބީ ލައިޕްޒިގުގެ ޔޮސްކޯ ގްވާޑިއޯލް އަދި އެތުލެޓިކޯ މެޑްރިޑުގެ ހޯޒޭ ހިމިނޭޒަށް ވެސް ޗެލްސީ އިން ޝައުގުވެރި ވެއެވެ. މީގެ އިތުރުން ބްރައިޓަން އަށް ކުޅޭ ސްޕެއިންގެ ޒުވާން މާކް ކުކުރެލާ އަކީ ވެސް ޓުޗެލް ނުހަނު ގަޔާވާ ކުޅުންތެރިއް ކަމަށް މީޑީއާ ރިޕޮޓްތައް ބުނެ އެވެ.

ޗެލްސީގެ މިޑްފީލްޑަށް ކުޅޭ ޖޯޖީނިއޯގެ ކޮންޓްރެކްޓުގައި ބާކީ އޮތީ އެންމެ ސީޒަނެކެވެ. އެކަމަކު ކޮންޓެރެކްޓް ހަމަވުމުގެ ކުރިން މި ސީޒަނަށް ފަހު އިޓަލީގެ ޔުވެންޓަސް އިން ވަނީ ޖޯޖީނިއޯ ގެންދަން ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ. ޗެލްސީގެ އެއްބަސްވުމުގައި ހުރެ ލޯނު އުސޫލުން ފްރާންސްގެ ލިޔޯން އަށް ކުޅެމުން އަންނަ އެމަސަން ޕަލްމެއިރީ ވެސް ޔުވެންޓަސް އަށް ބަދަލުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ކްރިސްޓަލް ޕެލަސް އަށް ލޯނު އުސޫލުން ޗެލްސީން ދޫކޮށްފައިވާ މިޑްފީލްޑަރު ކޮނޯ ގަލަގާ އަނބުރާ ޗެލްސީގެ ސްކޮޑަށް ގެންނާނެ ކަމަށް ޓުޗެލް ވަނީ ކުރިން ހާމަ ކޮށްފަ އެވެ. ވެސްޓް ހޭމް ޔުނައިޓެޑްގެ ޑެކްލަން ރައިސް ނުވަތަ މޮނާކޯ އަށް ކުޅޭ މިޑްފީލްޑަރު އޮރޭލިއަން ޗުއަމޭނީގެ ސޮއި ހޯދޭތޯ ޗެލްސީން ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ ޖޯޖީނިއޯ ދޫކޮށްލުމަށް ފަހު އޭނާގެ ބަދަލުގަ އެވެ.

ޗުއަމޭނީ ހޯދަން ލިވަޕޫލާއި ރެއާލް މެޑްރިޑުން ވެސް ޝައުގުވެރި ވެއެވެ.، ވެސްޓް ހޭމް އިން ޑެކްލަން ރައިސް ވިއްކާނެ އެންމެ ކުޑަ އަގެއް ކަމަށް ބުނަނީ 150 މިލިއަން ޕައުންޑެވެ. އެކަމަކު ޔޫރޮޕާ ލީގު ސެމީ ފައިނަލުން ކަޓައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ގެއްލިފައިވާ ވެސްޓް ހޭމް އަށް އެ އަގު ތިރިކުރަން މަޖުބޫރު ވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިހާރު ލީގު ހަތްވަނައިގައި އޮތް ވެސްޓް ހޭމް އެ މަގާމުގައި ނިންމައިފި ނަމަ ކުޅެން ޖެހޭނީ ޔޫއެފާގެ ތިންވަނަ ފަންތީގެ ކްލަބް މުބާރާތް، ޔޫރޮޕާ ކޮންފަރެންސް ލީގެވެ. އެކަމަކު ލީގުގައި ބާކީ އޮތް ދެ މެޗު ކާމިޔާބު ކޮށްގެން ޔޫރޮޕާ ލީގް ކުޅުމުގެ ފުރުސަތު އަދި އެބަ އޮތެވެ.