Roadha Mihaaru
އާންމުން ނުކުމެ ރާޖަޕަކްސާ ހޯދަނީ

އާންމުން މަގުތަކަށް ނުކުމެ ރާޖަޕަކްސާ ހޯދަނީ

11 މެއި 2022

ސްރީ ލަންކާގެ ބޮޑުވަޒީރުގެ މަގާމުން މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސަ ސިފައިންގެ ހިމާޔަތުގައި ކޮންމެވެސް ތަނެއްގައި ބަހައްޓާފައި ހުރި އިރު، އޭނާ ހޯދުމަށް އާންމުންގެ ބައެއް މީހުން ނުކުންނަން ފަށައިފި އެވެ.

ސްރީ ލަންކާގެ ބޮޑުވަޒީރުގެ މަގާމުން މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސަ ސިފައިންގެ ހިމާޔަތުގައި ކޮންމެވެސް ތަނެއްގައި ބަހައްޓާފައި ހުރި އިރު، އޭނާ ހޯދުމަށް އާންމުންގެ ބައެއް މީހުން ނުކުންނަން ފަށައިފި އެވެ.

އަމިއްލަ ގެކޮޅަށް ވަޑައިގަންނަވާނެ ފުރުސަތެއް ނުލިބުމުން، އިސްތިއުފާ އަށް ފަހު ވެސް، ރާޖަޕަކްސަ ހޯމަ ދުވަހު ހުންނެވީ ގޯލް ފޭސްގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކަމަށްވާ ޓެމްޕަލް ޓްރީގަ އެވެ. އެ ތަނުގައި ރާޖަޕަކްސަ ހުންނެވިކަން، މުޒާހަރާގެ ބައިވެރިންނަށް އެނގުމާ ގުޅިގެން، އެތައް ހާސް މީހުންނެއް އެ ގެކޮޅު ކައިރިއަށް އެއްވެ ރާޖަޕަކްސަ އެތަނުން ނެރުމަށް ގޮވަމުން ދިޔަ އެވެ.

އެންމެ ފަހުން ފުލުހުންގެ ސަފުތައް ފޫއަޅުވައިލުމަށް ފަހު، މުޒާހަރާގެ ބައިވެރިން ޓެމްޕަލް ޓްރީގެ މައި ދޮރޯށިން އެތެރެ އަށް ވަދެގަތުމުން، ސިފައިން ވަނީ ހަތިޔާރުގެ ބޭނުންކޮށް މުޒާހަރާގެ ބައިވެރިން އިތުރަށް ކުރިއަށް ޖެހުނަ ނުދީ މައިތިރިކޮށްފަ އެވެ.

ނަމަވެސް އެ ގެކޮޅު ދޮށަށް އެއްވަމުން ދިޔަ މީހުންގެ އަދަދު އިތުރުވެ، ރާޖަޕަކްސަ އާއި އޭނާގެ އާއިލާ އޭރު ތިއްބެވި ދެބުރި އިމާރާތަށް ވަދެގަންނަން މަސައްކަތް ފެށުމުން، ރައީސް ގޯޓާބޭގެ އަމުރަށް ސިފައިންގެ ބޮޑު ފައުޖެއް ފުރިހަމަ ހަތިޔާރާ އެކު ޓެމްޕަލް ޓްރީ އަށް ގޮސް، ރާޖަޕަކްސަ އާއި އާއިލާ ސަލާމަތްކޮށްގެން ގެންދިޔައީ އެވެ.

ސިފައިންގެ ބެލުމުގެ ދަށުން ރާޖަޕަކްސަ އަށް ހިމާޔަތް ދީފައި ހުރީ ކޮން ތަނެއްގައިކަން ކަށަވަރެއް ނުވެ އެވެ. ނަމަވެސް އޭނާ ހުންނެވީ ޓްރިންކޮމަލީގައި ހުންނަ ލަންކާ ކަނޑުގެ ސިފައިންގެ މަރުކަޒުގައި ކަމަށް އަޑު ފެތުރުމާ ގުޅިގެން، އާންމުންގެ އެތައް ހާސް ބަޔަކު މިހާރު ވަނީ އެ މަރުކަޒު ހުންނަ ސަރަހައްދަށް ޖަމާވާން ފަށައިފަ އެވެ.

ސްރީ ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އިސްތިއުފާ ދެއްވި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ގެކޮޅު ބޭރުގައި އޮތް ވެހިކަލެއްގައި ރޯކޮށްލާފައި. -- ފޮޓޯ: އޭއެފްޕީ

ސްރީ ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އިސްތިއުފާ ދެއްވި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ގެކޮޅު ބޭރުގައި އޮތް ވެހިކަލެއްގައި ރޯކޮށްލާފައި. -- ފޮޓޯ: އޭއެފްޕީ

އެ ސަރަހައްދަށް އާންމުން އެއްވާން ފެށީ، ކަނޑުގެ ސިފައިންގެ މަރުކަޒު ހުންނަނީ ހަމަނުޖެހުންތައް ހިނގި ސަރަހައްދާ ދުރުގައި ކަމަށްވާއިރު ވެސް، އެ މަރުކަޒުގެ ބޭރުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމާ ގުޅިގެންނެވެ. އާންމުން ބުނާ ގޮތުގައި އެ މަރުކަޒުގެ ސަލާމަތީ ކަންތައް ވަރުގަދަ ކުރީ، އެ ތަނުގައި ރާޖަޕަކްސަ އާއި އޭނާގެ އާއިލާ ތިއްބެވުމުންނެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން، ސިފައިންގެ ހިމާޔަތުގައި ޓެމްޕަލް ޓްރީ އިން ރާޖަޕަކްސަ އާއި އޭނާގެ އާއިލާ، ކަނޑުގެ ސިފައިންގެ މަރުކަޒަށް ގެންދިޔައީ ހެލިކޮޕްޓަރެއްގަ އެވެ. ނަމަވެސް ސަރުކާރުގެ އެއްވެސް ރަސްމީ އިދާރާއަކުން، ރާޖަޕަކްސަ މިހާރު ހުންނެތި ތަނަކާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ސިފައިންގެ ހިމާޔަތުގައި ރާޖަޕަކްސަ ހުންނެވި އިރު، ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން ވަނީ، ރާޖަޕަކްސްގެ އަމިއްލަ ގެކޮޅަކާއި އޭނާގެ އާއިލާގެ މެމްބަރުންގެ ގެއެއްގައި، މިދިޔަ ހޯމަ ދުވަހުގެ ރޭ ހުޅުޖަހައި އަންދާލައިފަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން، ހޯމަ ދުވަހު ފެށުނު ހަމަނުޖެހުންތައް ރެއާ ހަމައަށް ދެމިގެން ދިޔައިރު، ލަންކާގެ ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ އިސް ވެރިންގެ 50 ގެއެއް ވަނީ ހުޅުޖަހައި އަންދާލައިފަ އެވެ. އޭގެ އިތުރުން ސަރުކާރުގެ އިސް ވެރިންގެ އެތައް އުޅަނދުތަކެއް ވެސް ވަނީ އަންދާލައިފަ އެވެ.