Roadha Mihaaru
"ފަޒީލްގެ ހާލު ރަނގަޅު، ސީރިއަސް މައްސަލައެއް ނެތް"

ފަޒީލްގެ ހާލު ރަނގަޅު، ސީރިއަސް މައްސަލައެއް ނެތް: އާއިލާ

26 ޑިސެމްބަރ 2016

ޑިންގީއެއްގެ އިންޖީނު ގޮވައި ބަނޑު ކަފައިގެން ދިޔަ އަބްދުﷲ ފަޒީލްގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޑިންގީއެއްގެ އިންޖީނު ގޮވައި ބަނޑު ކަފައިގެން ދިޔަ އަބްދުﷲ ފަޒީލްގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.

އިންޑިއާގެ ކިމްސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ފަޒީލްގެ ބަނޑު ކަފައިގެން ދިޔައީ، މީގެ ހަފުތާއެއްހާ ދުވަސްކުރިން ށ. ފީވަކުން އެ އަތޮޅު ފޯކައިދު އަށް ޑިންގީގައި ދަނިކޮށް، އޭގެ އިންޖީނު ގޮވައި، ފްލައިވީލް ނުވަތަ އިންޖީނުގެ އެތެރޭގައި ހުންނަ ބޮޑު ބުރުން ޖެހިގެންނެވެ.

ފަޒީލްގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނީ އިންޑިއާގައި ވެސް ފަޒީލްގެ އޮޕަރޭޝަނެއް މިހާރު ކޮށްފައިވާ ކަމަށެވެ. އެ އޮޕަރޭޝަނަށް ފަހު، ހާލު ރަނގަޅުވެ، ވާހަކަ ދައްކައި ހަދާ ކަމަށް ވެސް އާއިލާ އިން ބުންޏެވެ.

"ކުޅުދުއްފުށީ ހޮސްޕިޓަލުން ކުރި އޮޕަރޭޝަން ވަރަށް ރަނގަޅު ކަމަށް ޑޮކްޓަރުން ވިދާޅު ވަނީ. އޭގެ ފަހުން ވެސް ކުޑަ އޮޕަރޭޝަނެއް ކުރި،" މިހާރު އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެކްސިޑެންޓުގައި ފަޒީލުގެ ހަށިގަނޑުގެ ގިނަ ގުނަވަންތަކަކަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބުމުގެ އިތުރުން މައިބަދަ އަށް ވެސް ސީރިއަސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

ފަޒީލް އިންޑިއާ އަށް ފޮނުވީ އޭނާ އަށް އިތުރު ފަރުވާތަކެއް ދޭން ޖެހޭ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރުން ލަފާ ދިނުމުންނެވެ.

ފީކަވު ސްކޫލްގެ ޓީޗަރަކަށް އުޅޭ ފަޒީލް ފޯކައިދު އަށް ދަތުރުކުރީ އޭނާގެ ގާތް ރަހުމަތްތެރިޔަކާ އެކުގައި ކޮފީއެއް ބޯލަން ކަމަށްވެ އެވެ. ގާތްގަނޑަކަށް 15 މިނެޓު ހޭދަވާ ދަތުރުމަތީގައި ހިނގި އެކްސިޑެންޓުގައި ރަހުމަތްތެރިޔާ އަށް އެއްވެސް އަނިޔާއެއް ނުލިބުނީ ޑިންގީގެ ކުރީކޮޅުގައި އޭނާ އިނުމުންނެވެ.