Roadha Mihaaru
އޮސްޓްރޭލިއާގެ ވިނައިން ޖުމްހޫރީ މައިދާން ފެހިކޮށްލައިފި

އޮސްޓްރޭލިއާގެ ވިނައިން ޖުމްހޫރީ މައިދާން ފެހިކޮށްލައިފި

30 އެޕްރީލް 2022

ޖުމްހޫރީ މައިދާނުގައި މަރުވެފައި އޮތް ވިނަގަނޑު ނަގައި އަލަށް އިންދި ވިނަގަނޑުން ތަން ފެހިކޮށްލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޖުމްހޫރީ މައިދާނުގައި މަރުވެފައި އޮތް ވިނަގަނޑު ނަގައި އަލަށް އިންދި ވިނަގަނޑުން ތަން ފެހިކޮށްލައިފި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ސިޓީ ކައުންސިލްގެ މީޑިއާ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މިދިޔަ އަހަރު ނޮވެމްބަރު 15 ގައި ފެށި އެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ޖުމްހޫރީ މައިދާނުގައި އިންދާފައި ވަނީ އޮސްޓްރޭލިއާގެ ވިނަ އެވެ.

އޭނާ ވިދާޅުވީ ވިނަ އިންދުމުގެ މަސައްކަތް 15 ދުވަހުގެ ތެރޭގައި ނިންމާލަން ކުރިން ރޭވިޔަސް، ސަރުކާރުގެ އެކި އިވެންޓްތަކަށް ޖުމްހޫރީ މައިދާން ބޭނުންކުރަން ޖެހުމުގެ ސަބަބުން، ފުރަތަމަ އިންދި ވިނަތަކަށް ގެއްލުންވެ، އެ މަސައްކަތް މަސް ދުވަހަށް ދިގު ލައިގެން ދިޔަ ކަމަށެވެ.

ޖުމްހޫރީ މައިދާނުގައި ވިނަ އިންދާ ނިންމާލައިފައި -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ޖުމްހޫރީ މައިދާނުގައި ވިނަ އިންދާ ނިންމާލައިފައި -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ވިނަތައް ރަނގަޅަށް ނުހެދެނީސް، މިދިޔަ އަހަރު ޑިސެމްބަރު 26 ގައި، ސަރުކާރުން ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާ އަށް ވިނަގަނޑު މަތީގައި އެއްޗެހި ބެހެއްޓުމުން މުއިއްޒު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެކަމުގެ ސަބަބުން ވިނަގަނޑަށް ބޮޑު ގެއްލުމެއް ލިބުނު ކަމަށް ވިދާޅުވި އެވެ.

ނިމުނު މަސައްކަތުގެ ތަފުސީލު

- ޖުމްހޫރީ މައިދާނުގެ ރުއްގަސްތައް ވަށައިގެން ހަދާފައިވާ އަށިތަކުގެ ޓައިލްސް ބަދަލުކުރުން.

- ބުރުތަކުގެ ގަސްތައް ސާފުކޮށް، ބުރުތަކުގެ ކުލަ ބަދަލުކުރުން.

- ހުރިހާ ރުއްތައް ސާފުކުރުން.

- ހެލިޕެޑް ލޭންޑިން ސަރަހައްދުގައި ކުލަ އާކުރުން.

އެއްވެސް ވަރަކަށް އަޅާނުލައި، ޖުމްހޫރީ މައިދާނުގެ އާބާތުރަ ނުފިލުވާ ދޫކޮށްލައިފައި އޮންނަތާ އެތައް ދުވަހެއްވީ ފަހުން އެތަނުގައި ވިނަ އިންދައި، އެ ތަން ފެހިކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ އަހަރު އެވެ. އެކަމާ ގުޅިގެން ކުރީގެ ސިޓީ ކައުންސިލާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ.

ސިޓީ ކައުންސިލުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރުގައި މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، ޖުމްހޫރީ މައިދާނުގައި ބެހެއްޓި ފެންއަރުވާ ވަޑާން ވެސް ހަލާކުވާން ކައިރިވެފައި ހުއްޓާ އެ އަލުން މަރާމާތުކޮށްފަ އެވެ.