Roadha Mihaaru
ދެ ވަނަ ފިޔަވަހީގައި އަންނަ ޖެނުއަރީ މަހު ކިޔަވައިދެނީ

ދެ ވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް ޖެނުއަރީގައި ހުޅުވަނީ

28 އެޕްރީލް 2022

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލްގެ މަސައްކަތްތައް އަންނަ ޖެނުއަރީ މަހަށް ނިންމައި، ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލްގެ މަސައްކަތްތައް އަންނަ ޖެނުއަރީ މަހަށް ނިންމައި، ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށުމާއެކު، ހުޅުމާލޭގެ އާބާދީ ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ. ދެ ވަނަ ފިޔަވަހީގައި އެކަނި ވެސް 10،000 އަށް ވުރެ ގިނަ މީހުން ތިބިއިރު، އެ މީހުންގެ ކަންބޮޑުވުމަކީ ކައިރި ހިސާބެއްގައި ސްކޫލެއް ނެތުމެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަމިން ކޮންސްޓްރަކްޝަން ކުންފުނިން އިމާރަތްކުރާ ސަލާހުއްދީން ސްކޫލްގެ މަސައްކަތްތައް ޖެނުއަރީ މަހަށް ނިންމައިލެވޭނެ ކަމަށް ކޮންޓްރެކްޓަރު ތާރީހު ދީފައިވާ ކަމަށެވެ. އެއީ އަންނަ އޮގަސްޓުގައި ފަށާ ދިރާސީ އާ އަހަރުގެ ދެ ވަނަ ޓާމެވެ.

އެ ސްކޫލް އަޅަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އަމިންއާ ހަވާލުކުރީ، މި މަހަށް ނިންމާ ގޮތަށް، 118 މިލިއަން ރުފިޔާ އަށެވެ.

މި އަހަރުގެ ތެރޭގައި އެ ސްކޫލް ހުޅުވަން ވެސް މިނިސްޓްރީން އުޅުނެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި މަސައްކަތް ލަސްވީ އެވެ.

ދެވަނަ ފިޔަވަހީގައި ހިއްކި ސަރަހައްދުގައި މިހާރު ވެސް ހަތަރު ސްކޫލެއްގެ މަސައްކަތް ކުރިއަށް ގެންދެ އެވެ. އެއީ "ސަލާހުއްދީން ސްކޫލް" އާއި އާރްސީސީއާ ހަވާލުކުރި ސްކޫލު އަދި ދެ ޕްރީ ސްކޫލެކެވެ. އިތުރު ދެ ސްކޫލެއް އިމާރާތްކުރަން އެޗްޑީސީން ވަނީ ދާދި ފަހުން އެޑިއުކޭޝަން މިނިސްޓްރީއާ ބިން ހަވާލުކޮށްފަ އެވެ.

މި ސަރުކާރުގެ ޕްލޭނަކީ ސްކޫލްތަކުގެ ކިޔެވުން އެއް ދަންފަޅި އަށް ބަދަލުކުރުމެވެެ. އެ ސިޔާސަތަށް ބަލައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވެސް، މިހާރު ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރު ސްކޫލުތައް އިމާރާތްކުރަން ޖެހޭނެ އެވެ. ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 14 ސްކޫލެއް އިމާރާތް ކުރާނެ ބިން ކަނޑައަޅައި އެޗްޑީސީން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފައި ވެ އެވެ.