Roadha Mihaaru
ނިދުމުގެ މައްސަލަތަކަށް ފަރުވާދޭ ކްލިނިކެއް ޓްރީޓޮޕްގައި

ނިދުމުގެ މައްސަލަތަކަށް ފަރުވާދޭ ކްލިނިކެއް ޓްރީޓޮޕްގައި ހުޅުވައިފި

26 އެޕްރީލް 2022

ނިދުމުގެ މައްސަލަތަކަށް ފަރުވާ ދޭން ޓްރީ ޓޮޕް ހޮސްޕިޓަލްގައި ހާއްސަ ކްލިނިކެއް ހުޅުވައިފި އެވެ.

ނިދުމުގެ މައްސަލަތަކަށް ފަރުވާ ދޭން ޓްރީ ޓޮޕް ހޮސްޕިޓަލްގައި ހާއްސަ ކްލިނިކެއް ހުޅުވައިފި އެވެ.

"ސްލީޕް އަދި ސްނޯރިންގް ކްލިނިކް"ގެ ނަމުގައި ހުޅުވި ކްލިނިކާ ބެހޭ ގޮތުން އެ ހޮސްޕިޓަލުން ބުނީ އެތަނުން، ނިދުމުގެ ތެރޭގައި ދިމާވާ މައްސަލަތަކަށް ހާއްސަ ޑޮކްޓަރުންނާ އެކު ފަރުވާ ދޭނެ ކަމަށެވެ.

"ނިދުމުގައި ދިމާވާ މައްސަލަތަކުގެ ތެރޭގައި ސްލީޕް އެޕްނިއާ (ނިދާފައި އޮންނައިރު އެކި ފަހަރު މަތިން ނޭވާ ހުއްޓުމާއި، ގުގުރި ދެމުން) ހިމެނެއެވެ. ސްލީޕް އެޕްނިއާގެ އެންމެ އާއްމު ވައްތަރަކީ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާއެވެ،" ހޮސްޕިޓަލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވެ އެވެ.

"ސްލީޕް އެޕްނިއާގެ މައިގަނޑު އަލާމާތްތަކަކީ، ނިދުމުގެ ތެރޭގައި ނޭވާ ހުއްޓިފަ ފެށުމާއި، ނިދާފައި އޮންނައިރު ގުގުރި ދެމުމާއި ކުއްލި ސިހުމުގެ އަޑު އަދި ދުވާލުގަޑީގައި ވަރުބަލިވުން ހިމެނެއެވެ. ގުގުރި ދެމުމަށް ކުރިމަތިވާ ސަބަބަކީ މީހާގެ ދޫ، އަނގަ، ކަރުތެރެ ނުވަތަ ނޭފަތް ނޭވާލާއިރު ގުޑުމުގެ ސަބަބުންވާ ކަމެކެވެ. މިއިން އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ފަރުވާ ހޯދުމަކީ މުހިންމުކަމެވެ."

ސްލީޕް އަދި ސްނޯރިންގް ކްލިނިކުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިސްކޮށް އުޅުއްވަނީ ފުއްޕާމޭގެ ހާއްސަ ޑރ. ރަގުލާން ރާޖާލިންގަމްއެވެ. ފުއްޕާމޭގެ ހާއްސަ ޑރ. ރަގުލާން އަކީ ސިއްހީ ދާއިރާގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާ ބޭފުޅެއް ކަމަށް ޓްރީ ޓޮޕުން ބުންޏެވެ. އަދި އޭނާ އަކީ އިންޑިއާގެ ޗެޓިނާޑް މެޑިކަލް ކޮލެޖް އަދި ރިސާޗް އިންސްޓިޓިއުޓްގައި އެސޯސިއޭޓް ޕްރޮފެސަރުގެ މަގާމް އަދާކުރައްވާ ބޭފުޅެއް ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރު ވެސް މި ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

މި ކްލިނިކާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް 3351610 ގުޅުއްވަން، ނުވަތަcare@treetophospital.com އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެ އެވެ.