Roadha Mihaaru
ބޭނުމީ ސަރުކާރުން ހިޔާނާތްތެރި ނުވާން: ނަޝީދު

އެމްޑީޕީ އާއި އަޅުގަނޑު ބޭނުންވަނީ ސަރުކާރު ކޮރަޕްޓު ނުވާން:ނަޝީދު

25 އެޕްރީލް 2022

ބޭނުންވާ ހަމައެކަނި ކަމަކީ ސަރުކާރު ހިޔާނާތްތެރި ނުވެ ކޮރަޕްޝަންގެ މައްސަލަތައް ބެލަން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ބޭނުންވާ ހަމައެކަނި ކަމަކީ ސަރުކާރު ހިޔާނާތްތެރި ނުވެ ކޮރަޕްޝަންގެ މައްސަލަތައް ބެލަން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މި ފަހުން ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދަވާ އެމްޑީޕީގެ ރައީސް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ޕާޓީ އާއި އެމަނިކުފާނު ބޭނުން ވަނީ ވަރަށް އާދައިގެ ކަންކަން ކަމަށެވެ. އެއީ އެއްވެސް ސަރުކާރަކުން ހިޔާނާތްތެރި ނުވުމާއި އެކަކު އަނެކަކާ ތަފާތު ނުކޮށް އަނިޔާވެރި ނުވުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީ ތެރޭގައި ހިންގި ބޮޑު ކޮރަޕްޝަންގެ މައްސަލަ އާއި މި ސަރުކާރުގެ ތެރޭ ހިނގި ވެންޓިލޭޓަރުގެ ކޮރަޕްޝަންގެ މައްސަލަ ބެލުމަކީ އިތުބާރު ލިބޭނެ ކަންކަން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވި އިރު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސެޕް ގްރޫޕަށް ނަޝީދު ފޮނުވި މެސެޖެއްގައި ވަނީ އެ ޕާޓީގެ މެމްބަރުން ސަރުކާރާ ފެޔަށް ޖެހިވަޑައިގަތުމަށް ގޮވާލައިފަ އެވެ.

"މިވަގުތު މި ޕާޓީ އަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރަކާ އެކީ މި ޕާޓީ ނުފެތުން،" ނަޝީދު ވިދާޅުވެފައިވެ އެވެ.

އެމްޑީޕީ ތެރޭ އުފެދިފައިވާ ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވާދަވެރިކަން މި ފަހުން އަނެއްކާވެސް ބޮޑުވެފައި ވަނީ އަންނަ މަހު 14 ވަނަ ދުވަހު ބާއްވާ ޗެއާޕާސަން އިންތިހާބާ ގުޅިގެނެވެ.

ދެ ރައީސުން ފާޅުގައި އެއްވެސް ކެނޑިޑޭޓަކު އެންޑޯޒް ނުކުރެއްވި ނަމަވެސް ނަޝީދު ވަނީ އެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ތާއީދު ކުރައްވާފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވާފައި ވަނީ އެމަނިކުފާނާ އެންމެ އަރިސް މިނިސްޓަރެއް ކަމަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ.