Roadha Mihaaru
އާސެނަލް ހަތަރަކާ ގާތަށް، ޗެލްސީ އަށް މާޔޫސްކަން

އާސެނަލް ހަތަރަކާ ގާތަށް، ޑިފެންސް ނުކުރެވޭތީ ޓުޗެލް މާޔޫސްވެފައި

21 އެޕްރީލް 2022

ލަންޑަން (އޭޕްރީލް 21) - އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އިން ޗެލްސީގެ ދަނޑުގައި ކުޅެ 4-2 އިން މެޗު ކާމިޔާބުކޮށްގެން ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޭޕްރީލް 21) - އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އިން ޗެލްސީގެ ދަނޑުގައި ކުޅެ 4-2 އިން މެޗު ކާމިޔާބުކޮށްގެން ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފި އެވެ.

ސްޓޭމްފޯޑް ބްރިޖުގައި ފުރަތަމަ ލަނޑު ޖެހީ ވެސް އާސެނަލް އެވެ. މެޗުގެ 13 ވަނަ މިނިޓުގައި އެޓީމަށް ލީޑު ނަގައިދިނީ ޗެލްސީގެ އެކަޑަމީގައި ކުޅެން ފެށި ފޯވާޑް އެޑީ ކެޓިއާ، 22، އެވެ. އޭގެ ހަތަރު މިނިޓު ފަހުން ޗެލްސީ އަށް އެއްވަރުކޮށްދިނީ ޓިމޯ ވާނާ އެވެ. އާސެނަލް އިން ދެވަނަ ފަހަރަށް ލީޑު ނެގީ 27 ވަނަ މިނިޓުގައި އެމީލް ސުމިތު ރޯ ޖެހި ލަނޑުންނެވެ. މި ފަހަރު ވެސް ޗެލްސީން ވަނީ މާ ގިނައިރެއް ނުވެ، 31 ވަނަ މިިޓުގައި އަޒްޕިލިކުއެޓާގެ ލަނޑުން އެއްވަރު ކޮށްފަ އެވެ.

ޕެނަލްޓީ އިން ސަކާ އާސެނަލްގެ ހަތަރުވަނަ ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ޕެނަލްޓީ އިން ސަކާ އާސެނަލްގެ ހަތަރުވަނަ ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

އާސެނަލް މޮޅުވި ލަނޑު ދެވަނަ ހާފު ފެށިގެން 12 ވަނަ މިނިޓުގައި ޖަހައިދިނީ، ފުރަތަމަ ލަނޑު ވެސް ޖެހި ކެޓިއާ އެވެ. އަދި އިތުރު ވަގުތުގައި އަޒްޕިލިކުއެޓާ ފައުލް ކޮށްގެން ލިބުނު ޕެނަލްޓީން ހަތަރު ވަނަ ލަނޑު ޖެހީ ބުކަޔޯ ސަކާ އެވެ. ސަކާ އާއި ސްމިތު ރޯ ވެސް ވަނީ ރޭގެ ލަނޑުތަކާ އެކު ލީގުގައި 10 ލަނޑު ހަމަކޮށްފަ އެވެ.

ރޭގެ މޮޅަކީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވުމަށް ފަހު އާސެނަލް ހޯދި ފުރަތަމަ މޮޅެވެ. އާސެނަލް އާއި ޓޮޓެންހަމް ވެސް 31 މެޗުން 57 ޕޮއިންޓް ހޯދާފައިވާއިރު، ޓޮޓެންހަމް ކުރީގައި އޮތީ ފައިދާ ގޯލުން ކުރި ލިބޭތީ އެވެ. ޗެލްސީ އޮތީ 31 މެޗުން 62 ޕޮއިންޓް ހޯދައިގެން ލީގުގެ ތިންވަނައިގަ އެވެ.

މެޗަށް ފަހު އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނީ މި މޮޅާ އެކު ކުރިޔަށް އޮތް މެޗުތަކަށް ކުޅުންތެރިންނަށް އިތުބާރު ލިބިއްޖެ ކަމަށެވެ.

މިއީ އިނގިރޭސިވިލާތުގެ ސަރުކާރުން ދޭ ހާއްސަ ހުއްދައަކާ އެކު ޗެލްސީ ކުޅެން ފެށި ފަހުން އަމިއްލަ ދަނޑުގައި ބަލިވި ތިންވަނަ މެޗެވެ. މި މަހުގެ ކުރީކޮޅު ލީގުގައި ބްރެންޓްފޯޑް އަތުން 4-1 އިން ބަލިވި އިރު ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އަތުން ވަނީ 3-1 އިން އަމިއްލަ ދަނޑުގައި ބަލިވެފަ އެވެ.

މެޗުގެ 60 ވަނަ މިނިޓުގައި ފޯވާޑް ލުކާކޫ ބަދަލުކުރި ވަގުތު ޗެލްސީގެ ކޯޗު ޓުޗެލް.-- ފޮޓޯ: އޭއެފްޕީ

މެޗުގެ 60 ވަނަ މިނިޓުގައި ފޯވާޑް ލުކާކޫ ބަދަލުކުރި ވަގުތު ޗެލްސީގެ ކޯޗު ޓުޗެލް.-- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުން ބަލިވުމުން ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މެޗުން ބަލިވީ ވަކި ކުޅުންތެރިއަކަށް މެޗުގައި ނުކުޅެވޭތީ ނޫން ކަމަށާއި، ބަލިވީ ޑިފެންސް ކުރުމުގައި ހެދޭ ގޯސްތައް ރަނގަޅު ނުކުރެވިގެން ކަމަށެވެ. މީގެ އިތުރުން ޓުޗެލް ވަނީ ޗެލްސީގެ ދަނޑުގައި ކުޅެން އުނދަގޫކަން ވެސް ފާހަގަ ކޮށްފަ އެވެ.

"އަހަރެން ހީކުރީ ބްރެންޓްފޯޑާއި ރެއާލް މެޑްރިޑް މެޗުން ކުޅުންތެރިންނަށް ރަނގަޅު ފިލާވަޅެއް ލިބުނު ކަމަށް. އެކަމަކު އެހެނެއް ނޫން ކަންވެފައި މިއޮތީ،" އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި ބައިކޮޅަށް 11 ލަނޑު ވަނުމާ ގުޅިގެން ޓުޗެލް ބުންޏެވެ.

"ކޮންމެ މެޗެއްގައި މިކަހަލަ ގޯސްތައް ހެދޭކަމަށް ވަންޏާ މެޗުން މޮޅުވުން އެއީ އުނދަގޫ ކަމަކަށް ވާނެ. ޓޯނީ (ރުޑިގާ) އަރުވައިގެން ވެސް ބްރެންޓްފޯޑާއި ރެއާލް މެޑްރިޑުން ވެސް މުޅިއަކު ހަތް ގޯލު ޖެހި އަހަރެމެން ކޮޅަށް. މިއީ ވަކިވަކި ކުޅުންތެރިންގެ މައްސަލައެއް ނޫން، އަހަރެމެންނަށް ޑިފެންސް ނުކުރެވެނީ."

ޗެލްސީގެ ކްރިސްޓެންސަން، އާސެނަލްގެ ކެޓިއާ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ކްރިސްޓެންސަން، އާސެނަލްގެ ކެޓިއާ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އަނިޔާގެ ސަބަބުން ރުޑިގާ މި މެޗަށް ނަގައިފައެއް ނުވެ އެވެ. ތިއާގޯ ސިލްވާ ވެސް އިނީ ބެންޗުގަ އެވެ. ބަދަލުގައި ކުޅުނީ މި ސީޒަނަށް ފަހު ބާސެލޯނާ އަށް ބަދަލުވާކަމުގެ އަޑުތައް ފެތުރިފައިވާ ޑެންމާކުގެ ޑީފެންޑަރު އަންޑްރެސް ކްރިސްޓެންސެން އެވެ. އާސެނަލްގެ ފުރަތަމަ ލަނޑު ޖެހީ ކްރިސްޓެންސަން އަށް ހެދުނު ގޯހަކުން ކެޓިއާ ހޯދި ބޯޅައެއްގަ އެވެ. ދެވަނަ ހާފުގައި އޭނާގެ ބަދަލުގައި އެރީ ތިއާގޯ ސިލްވާ އެވެ. އާސެނަލް މޮޅުވި ލަނޑު ކެޓިއާ ޖެހީ ތިއާގޯ ސިލްވާ އަށް ރަނގަޅަށް ސާފްކޮށްނުލެވުނު ބޯޅައެއް ހޯދައިގެންނެވެ.

"އޭނާ (ކްރިސްޓެންސެން) ބުނީ އިތުރަށް މެޗު ކުރިޔަށް ނުގެންދެވޭނެއޭ. ކުޅުންތެރިއަކަށް ހެދޭ އެންމެ ގޯހަކަށް ބަލައިގެން އަހަރެން މެޗުގައި ބަދަލެއް ނުގެންނާނަން. މި ޕިޗް ވެސް ކުޅެން އުނދަގޫ. ފަހަރުގައި ހީވެދާނެ މިއީ ބަހަނާއެކޭ، އެކަމަކު ހަގީގަތުގައި ވެސް މިއީ އަހަރެމެންނަށް ކުޅެން ވަރަށް އުނދަގޫ ދަނޑެއް،" ޓުޗެލް ބުންޏެވެ.

"އަންޑްރެސް (ކްރިސްޓެންސްން) ކުރިމަތީ ވަރަށް ފާޑަކަށް ބޯޅަ ފެނުޖެހުނީ، އެކަމަކު ހަމަ އެ ގޯސް ހެދުނު މި ދަނޑުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް. އަނެއްކާ ފަހުވަގުތު ޕެނަލްޓީ ވެސް އިދިކޮޅަށް ލިބުނީ އަހަރެމެން އަތުގައި ބޯޅައިގެ ކޮންޓްރޯލް އޮތް ވަގުތެއްގައި. ޑިފެންސް ކުރުމުގައި ނެތް ޓެކްޓިކްސްއެއް. ދިހަ ސިކުންތު ތެރޭ ތިން ފަހަރަށް ބޯޅަ ގެއްލިފައި ދެން އެއްވެސް ނުރައްކަލެއް ނެތް ވަގުތުގައި ފެނުނީ ފައުލްކުރިތަން."

އަޒްޕިލިކުއެޓާ އާއި ޗެލްސީގެ ސަޕޯޓަރާ ދެމެދު ހިނގި ދެބަސްވުމުގެ ތެރެއިން.-- ފޮޓޯ: ގެޓީ އިމޭޖަސް

އަޒްޕިލިކުއެޓާ އާއި ޗެލްސީގެ ސަޕޯޓަރާ ދެމެދު ހިނގި ދެބަސްވުމުގެ ތެރެއިން.-- ފޮޓޯ: ގެޓީ އިމޭޖަސް

މެޗުގެ ފުރިހަމަ ވަގުތު ހަމަވުމާ އެކު ބަލިވުމުން ޗެލްސީގެ ކުޅުމާ މެދު ހިތްހަމަ ނުޖެހިފައި ހުރި ސަޕޯޓަރަކާއި ޗެލްސީގެ ކެޕްޓަން އަޒްޕިލިކުއެޓާއާ ދެމެދު ދެބަސްވުންތަކެއް ވެސް ކުރިޔަށް ދިޔަ އެވެ. ކުޅުމާ މެދު ހިތްހަމަ ނުޖެހިފައި ހުރި ޗެލްސީގެ ސަޕޯޓަރު މަލާމާތުގެ ގޮތުން އަޒްޕިލިކުއެޓާ، 32، އާ ދިމާލަށް އަތްޖަހަން ފެށުމުން އޭނާ ފުރަތަމަ އަޅާ ނުލާ އެތަނުން ދާން މަސައްކަތް ކުރި އެވެ. ނަމަވެސް ފަހުން އޭނާ ސަޕޯޓަރާ ދިމާއަށް ގޮސް އޭނާއަށް ރައްދު ދިނެވެ.

މިއާ އެކު ދެން ފެނުނީ ކެޕްޓަން އަޒްޕިލިކުއެޓާގެ ވާހަކަތައް ގަބޫލުކޮށް އެ ސަޕޯޓަރު އޭނާ ކިބައިން މާފަށް އެދުނު ތަނެވެ. އަދި އިތުރު ސަޕޯޓަރުން ވެސް އެދިމާއަށް އެއްވެ ވަނީ ކުލަބުގެ ކެޕްޓަނަށް ތައުރީފް ކޮށްފަ އެވެ.

ޗެލްސީގެ ވެރިޔާ ރަޝިއާގެ ރޯމަަން އަބްރަމޮވިޗަށް އިނގިރޭސިވިލާތުގެ ސަރުކާރުން ފިޔަވަޅު އެޅުމުގެ ސަބަބުން ޗެލްސީއަށް ވަނީ ޕްރިމިއާ ލީގުގެ ހޯމް މެޗުތަކުގައި ސަޕޯޓަރުންނަށް ޓިކެޓް ވިއްކުން މަނާކޮށްފަ އެވެ. ދަނޑަށް ވަދެވޭނީ ހަމައެކަނި ސީޒަން ޓިކެޓް ގަނެފައިވާ ޗެލްސީގެ ސަޕޯޓަރުންނަށެވެ.

ފިޔަވަޅުތަކާ އެކު ވެސް ވޭތުވެ ދިޔަ މެޗުތަކުގައި ސަޕޯޓަރުން ދަނޑަށް ވަދެފައި ވަނީ، ފިޔަވަޅު އެޅުމުގެ ކުރިން އެ މެޗްތަކުގެ ޓިކެޓް ވިކިފައި ވާތީ އެވެ. ނަމަވެސް 41،837 މީހުންގެ ޖާގައިގެ ސްޓޭމްފޯޑް ބްރިޖަށް ރޭގެ މެޗު ބަލަން ވަނީ ޗެލްސީގެ 25،000 އެއްހާ ސީޒަން ޓިކެޓް ހޯލްޑަރުންނެވެ.

ރޭގެ މެޗުގައި ފޮޑެން (ކ) މެންޗެސްޓާ ސިޓީ އަށް ލަނޑު ޖެހުމަށް ފަހު، ޑިބްރޭނާ އާއެކު.- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގައި ފޮޑެން (ކ) މެންޗެސްޓާ ސިޓީ އަށް ލަނޑު ޖެހުމަށް ފަހު، ޑިބްރޭނާ އާއެކު.- ފޮޓޯ: އޭއެފްޕީ

ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ ވަނީ ބްރައިޓަންއާ ބައްދަލުކުރި މެޗް 3-0 އިން ކާމިޔާބުކޮށް އަލުން ލީގުގެ އެއްވަނައަށް ޖެހިލައިފަ އެވެ. ރިޔާދް މަހްރޭޒް އާއި ފިލް ފޮޑެން އަދި ބެނާޑޯ ސިލްވާ ދެވަނަ ހާފުގައި ޖަހައިދިން ލަނޑުތަކުން މޮޅުވެ ސިޓީ އެއްވަނައިގައި އޮތީ 32 މެޗުން 77 ޕޮއިންޓް ހޯދައިގެންނެވެ. އަންގާރަ ހުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑް ބަލިކުރި ލިވަޕޫލް ދެވަނައިގައި އޮތީ 32 މެޗުން ހޯދި 76 ޕޮއިންޓާ އެކު އެވެ.

މީގެ އިތުރުން ނިއުކާސަލް ޔުނައިޓެޑުން ވެސް ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ. ފުރަތަމަ ހާފުގައި އެޓީމުގެ ހަމައެކަނި ލަނޑު ޖަަހައިދިނީ މިގޭލް އަލްމިރޯން އެވެ.

ރެލިގޭޝަން ޒޯނާ އެންމެ ކައިރީގައި އޮތް އެވަޓަން ވަނީ ރޭ އެންމެ ފަހު ވަގުތުގައި ކާމިޔާބުކުރި ލަނޑުން ލެސްޓާ ސިޓީއާ 1-1 އިން އެއްވަރު ކޮށްފަ އެވެ. ލެސްޓާގެ ހާވީ ބާންސް ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ޖަހައިދިން ލަނޑާ އެކު މެޗު ނިމެން ދަނިކޮށް އިތުރު ވަގުތުގައި އެވަޓަން އަށް އެއްވަރު ކޮށްދިނީ ރިޗާލިސަން އެވެ.