25 ޑިސެމްބަރ 2016
އައްޑޫ ގަމުގެ ސިޓީ ހޮޓާ، އީކުއޭޓަ ވިލެޖް ހިންގާތާ މިހާރު 18 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ކައިމޫ އިން ހިންގާ މި ހޮޓާ ހުންނަނީ އެއާޕޯޓް އޮތް ގަމުގައި ކަމަށް ވާތީ، އީކުއޭޓަ ވިލެޖަށް ރަނގަޅު މުސްތަގުބަލެއް އޮތް ކަމަށް އައްޑޫގެ އެތައް ބަޔަކު ގަބޫލުކުރެ އެވެ.
އައްޑޫ ގަމުގެ ސިޓީ ހޮޓާ، އީކުއޭޓަ ވިލެޖް ހިންގާތާ މިހާރު 18 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ކައިމޫ އިން ހިންގާ މި ހޮޓާ ހުންނަނީ އެއާޕޯޓް އޮތް ގަމުގައި ކަމަށް ވާތީ، އީކުއޭޓަ ވިލެޖަށް ރަނގަޅު މުސްތަގުބަލެއް އޮތް ކަމަށް އައްޑޫގެ އެތައް ބަޔަކު ގަބޫލުކުރެ އެވެ.
އެކަމަކު މާޒީ އަށް ބަލާ އިރު މިތަން ހުރީ ރާއްޖޭގެ ކުރިއަރަމުން އަންނަ ޓޫރިޒަމްގެ ތަރައްގީއާ އަޅާބަލާލެވޭނެ ހިސާބެއްގައެއް ނޫނެވެ. ގިނަ މީހުން ސިފަކުރަނީ މިއީ މާ ބޮޑު ކުރިއެރުމެއް ނައިސް، ވަރަށް ފަނޑުކޮށް ހިންގާ ތަނެއްގެ ގޮތުގަ އެވެ.
ނަމަވެސް އީކުއޭޓަ ވިލެޖްގެ ތަސައްވުރާއި ކުރިމަގަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަޝްރޫއެއް މިހާރު ވަނީ ފަށައިފަ އެވެ. ހަމައެކަނި އިމާރާތްތަކަށް ގެންނަ ބަދަލުތަކަކުން އެކަންޏެއް ނޫނެވެ. މުޅި ތަން ހިންގާ ނިޒާމުން ވެސް ޒަމާނީ ކުރިއެރުންތަކެއް ފެންނާނެ ކަމަށް، މިހާރު ލިބިފައި ހުރި މައުލޫމާތުތަކުން އެނގެ އެވެ.
އީކްއޭޓަ ވިލެޖްގެ ރިސޯޓް މެނޭޖަރު ވަހީދު -- ފޮޓޯ: އަހުމަދު އަދުޝަން/ މިހާރު
އީކުއޭޓާ ވިލެޖްގެ ތަރައްގީ އަށް މިހާރު ކުރަމުން އަންނަ މަސައްކަތުގެ މުގުލުގައި ހުންނެވި އެއް ބޭފުޅަކީ، މީގެ ތިން މަހެއްހާ ދުވަސް ކުރިން އެތަނާ ގުޅިވަޑައިގެންނެވި، ފޭދު އަށް ނިސްބަތްވެވަޑައިގަންނަވާ މުހައްމަދު ވަހީދެވެ. މިއީ އައްޑޫން ބޭރުގައި ޓޫރިޒަމް ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާގެ ތަޖުރިބާ ވަރަށް ބޮޑެވެ. އުފަން ސިޓީގައި ހިންގާ އީކްއޭޓާ ވިލެޖްގެ މުސްތަގުބަލް ވަހީދުގެ ދުރުމީން ބެއްލެވީމާ އޭނާ އަށް ފެނިވަޑައިގަންނަވަނީ ވަރަށް ފާގަތިކޮށެވެ. އޭނާ ވިދާޅުވާ ގޮތުގައި އީކުއޭޓާ ވިލެޖަކީ އައްޑޫގެ ޓޫރިޒަމްގެ "އައިކަން" އެވެ.
އޭނާ ގަބޫލުކުރައްވަނީ އައްޑޫގެ އާބާދީގެ ބޮޑު ބައެއް ހިމެނޭ ރަށްރަށާ އެއްފަސްކޮށް ގުޅިފައި އޮތުމަކީ އީކުއޭޓާ ވިލެޖްގެ އެންމެ ޚާއްސަ ސިފަ ކަމަށެވެ. އަދި އެއީ އެތަނަށް އަންނަ ޓޫރިސްޓުން ވެސް އެންމެ ގަޔާވާ އެއް ކަންތަކެވެ.
އީކުއޭޓާ ވިލެޖްގެ ކުރިމަތިން މޫދު: ގެސްޓުންނަށް އިތުރު ޚިދުމަތްތައް ފޯރުކޮށްދޭން ރާވާފައިވޭ
"މިއީ ވަރަށް ޔުނިކް ތަނެއް. ޓޫރިޒަމްއޭ ބުނީމާ އެއީ ހަމައެކަނި ބީޗެއް އޮތުމެއް ނޫން. އީކްއޭޓަ ވިލެޖް މިއޮތް ތަނަށް ބަލާ އިރު، މިއީ ވަރަށް ޔުނިކް ތަނެއް،" އީކުއޭޓާ ވިލެޖްގެ މެނޭޖަރު ވަހީދު ވިދާޅުވި އެވެ.
"މުޅި އައްޑުއަކީ ވެސް ޔުނިކް ތަނެއް. މިތަނުގައި ވަރަށް މުއްސަނދި ސަގާފަތަކާއި ތާރީހެއް އެބަ އޮތް."
އޭނާ ވިދާޅުވީ އެ ޚާއްސަ ސިފަތަކާ އެކު އައްޑޫ ޓޫރިޒަމްގެ އައިކަންއަކަށް އީކުއޭޓާ ވިލެޖް ހެއްދެވުމުގެ މަގުސަދު ވަރަށް ބޮޑު ކަމަށެވެ. އެ މަސައްކަތަށް ހޮޓަލުގެ ވެރިފަރާތް، ކައިމޫ ހޮޓެލްސް އިން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން ފާހަގަކުރެއްވި އެވެ. ޚާއްސަކޮށް އެ ކުންފުނީގެ ޒުވާން މެނޭޖިން ޑިރެކްޓަރު މުހައްމަދު މާނިހް އަހުމަދު، ވަރަށް ގާތުން އެ މަސައްކަތް ބައްލަވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަތްދިހަ އަށް ކޮޓަރީގެ އީކްއޭޓަ ވިލެޖްގައި ބޮޑެތި މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ރިސެޕްޝަން އޭރިޔާ ރީތިކުރުމާއި ޖިމާއި ރެސްޓޯރަންޓްތަކާއި ވޯޓަ ސްޕޯޓްސް އާއި އިންޑޯ އަދި އައުޓް ޑޯ ކުޅިވަރުތައް ކުޅެވޭނެ އިތުރު ފެސިލިޓީތައް ގާއިމްކުރުން ހިމެނެ އެވެ.
އީކުއޭޓާ ވިލެޖްގެ ކޮޓަރިއެއް: އަންނަ އަހަރު އިތުރު 30 ކޮޓަރި އަލަށް ހަދާނެ
މީގެ އިތުރުން ޕޫލް އޭރިއާ އަށް ވެސް ބަދަލުތަކެއް ގެނެސް މިހާރަށް ވުރެ ރަނގަޅު ބީޗެއް ހަދަން ވެސް ވަނީ ޕްލޭންކޮށްފަ އެވެ. އެތަނުގެ ކޮޓަރިތަކުގެ ފެންވަރު ހަމައެކަނި ރަނގަޅު ކުރުމުގެ އިތުރުން އަލަށް 30 ކޮޓަރި ވެސް ހަދާނެ އެވެ.
"މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިތަނުގެ އަޕްގްރޭޑިން މަސައްކަތްތައް ކުރިއަށް މި ދަނީ. އަންނަ އަހަރުގެ ނޮވެމްބަރާ ހަމައަށް އެކި ކަހަލަ ރިނޮވޭޝަން މަސައްކަތްތައް ކުރިއަށް ދާނެ،" ރިސޯޓްތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ވަހީދު ވިދާޅުވި އެވެ.
"އޭގެ ފަހުން މިތަނުން ބޮޑެތި ތަފާތުތަކެއް ފެންނަން ފަށާނެ. އަޅުގަނޑުމެން ބޭނުންވާ ޓާގެޓަށް މަސައްކަތް ކުރާނަން. އެ ހިސާބަށް ދެވޭނެ."
އޭނާ ވިދާޅުވީ އިމާރާތަށާއި ތަނަށް ހަމައެކަނި ބަދަލު ގެނައުމަކީ ހިދުމަތްތައް ރަނގަޅު ވުން ނޫން ކަމަށެވެ. ހަމައެއާ އެކު ދޭ ޚިދުމަތްތަކަށް ވެސް އެ ކުރިއެރުން ގެންނަވާނެ ކަމަށް ވިދާޅުވި އެވެ.
"އީކްއޭޓަ ވިލެޖް ވެގެން ދާނެ ރިސޯޓްތަކާއި ސިޓީ ހޮޓާތަކާއި ގެސްޓްހައުސްތަކުން ދޭ ހުރިހާ ހިދުމަތްތަކެއް މިކްސްކޮށް ދޭ ތަނަކަށް. އެހެންވީމާ މިތަން އަބަދު މާކެޓް ކުރާނީ އެންމެ ދަށް ފަންތިން ފެށިގެން އެންމެ މަތީ ފަންތީގެ މީހުންނަށް ވެސް ހިދުމަތް ދެވޭ ގޮތަށް،" ވަހީދު ވިދާޅުވި އެވެ.
"އަދި ހަމަ ދިވެހިންގެ މެދުގައި ވެސް މަގުބޫލު ތަނަކަށް މިތަން ވާނެ. ބޭނުމަކީ އީކްއޭޓަ ވިލެޖަކީ އެންމެނަށް ވެސް އެނގޭ ތަނަކަށް ހެދުން."
އެ ހިސާބަށް ވާސިލް ވާން ކުރަން ޖެހޭ ދަތުރާއި މަސައްކަތްތައް ވެސް ގިނަ އެވެ. ވަހީދު ވިދާޅުވީ ބޭނުން ވަނީ ހަރުފަތަކަށް ފަހު، ހަރުފަތެއް ގިރާކުރެއްވުން ކަމަށެވެ. އޭގެ ތެރޭގައި މުވައްޒަފުން ތަމްރީންކުރުމާއި އެ މީހުން މަސައްކަތްކުރާ ހިތްވާ ކަހަލަ މާހައުލެއް އުފެއްދުން ވެސް ހިމެނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ވަގުތު 80 ވަރަކަށް މުވައްޒަފުން މަސައްކަތްކުރާ ހޮޓެލްގައި ވަޒީފާ އަދާކުރަން އައްޑޫގެ ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރެ އެވެ.
އީކްއޭޓަ ވިލެޖްގައި ތިބި ޓޫރިސްޓުންތަކަކާ ވަހީދު ވާހަކަ ދައްކަވަނީ
"މިތަނުގައި މަސައްކަތެއް ކުރާ ކަމަށް ވަންޏާ އެ ފުރުސަތު ދޭނީ އައްޑޫ މީހުންނަށް. އައްޑޫގައި އެބަ ތިބި ހުރިހާ ދާއިރާއަކުން ބޭނުންވާ މީހުން. އެ މީހުންނަށް ފުރުސަތުތައް ހޯދައި ދިނުމަކީ މުޅި އައްޑު އަށް ވެސް ލިބޭނެ ކުރިއެރުމެއް،" ވަހީދު ވިދާޅުވި އެވެ.
"މިސާލަކަށް ފޮޓޯ ނަގާ މީހަކަސް، ކުރަހާ މީހަކަސް އަދި އައްޑޫގެ ކެއުންތައް ކައްކަން އެނގޭ މީހަކަށް ވިޔަސް އައްޑޫ މީހުންނަށް ފުރުސަތު ދީގެން ކުރިއަށް ދާން ބޭނުންވަނީ."
އީކްއޭޓަ ވިލެޖްގެ މެނޭޖަރުކަމާ އޭނާ ހަވާލުވެވަޑައިގަތީ، ވަހީދު ވިދާޅުވި ގޮތުގައި، އެތަނާ މެދު މީހުން ދެކޭ ގޮތް ބަދަލުކުރެއްވުން ނިޔަތަކަށް ހައްދަވައިގެންނެވެ.
"މިތަން ހިންގަން ފުރުސަތު ލިބުނީމަ އަޅުގަނޑު މި ހުންނަނީ ހަމަ ހަގީގަތުގައި ވެސް ވަރަށް އުފަލުން. މިއީ މުޅި އައްޑޫގެ ކުރިއެރުމަށް ކުރެވޭ މަސައްކަތެއް،" ވަހީދު ވިދާޅުވި އެވެ.
"އެކަން ވާނެ. ކޮންމެ ކަމެއް ވެސް ފެށިގެން އަންނާނީ ހުވެފަނަކާ ހިސާބުން. މަސައްކަތް ކުރީމަ ކާމިޔާބު ވާނެ."
ސަދަން އެކްސްޕޯ ހުޅުއްވައި ދެއްވާނީ ނަޝީދު
ސަދަން މޯލްޑިވްސް އެކްސްޕޯ އަންނަ މަހު އައްޑޫގައި
އިތުރު އެއާލައިނެއްގެ ދަތުރު އަންނަ އަހަރު އައްޑު އަށް
އައްޑޫން ޓޫރިޒަމްގެ ބޭނުމަށް 23 ބިމެއް ދޫކޮށްފި
ދޫގަސް ބިން އައްޑޫ އެއާޕޯޓަށް، ދަރަނި ސަރުކާރަށް
ލޯބީގެ ސިޓީތަކުން ފެށުނު ގުޅުމުން ބަދަލުވީ ދިވެއްސަކަށް
އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް
އައްޑޫ ސަވާހިލި ޓޫރިޒަމަށް ތަރައްގީކުރަނީ
ގަން އެއާޕޯޓްގައި 35 ޖެޓް؛ މިއަހަރު ރެކޯޑް ހަދާނެ
އައްޑު އާއި ހުވަދުއާ ދެމެދު އަލުން ސީޕްލޭން