14 އެޕްރީލް 2022
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދައުވާތައް ކުރިއަށް ގެންދަން ނިންމި މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދައުވާތައް ކުރިއަށް ގެންދަން ނިންމި މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.
މަނީ ލޯންޑާކުރަން މަގުފަހިކޮށް ދިންކަމުގެ ދައުވާ އާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރާ ގުޅިގެންނެވެ.
އެ ދައުވާތައް މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ އާޒިމާގެ ފަރާތުން އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާ ނިންމުންތައް އިސްތިއުނާފް ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އާޒިމާގެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުންޏެވެ.
އާޒިމާގެ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ ހައި ކޯޓުގެ އެ ނިންމުން ރަނގަޅު ނޫން ކަމަށާއި އެހެންވެ، އެ ނިންމުމާ ދުރަށް ދާންޖެހޭ ކަމަށެވެ. އަދި ހައި ކޯޓުގެ ނިންމުމަކާ ދުރަށް ހައި ކޯޓުން ދިއުމަށް ހުރަހެއް ނެތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 198 ވަނަ މާއްދާ އޮތްގޮތުން، ޝަރީއަތުގެ ކުރީގެ ހުށަހެޅުން ހުށަހަޅާ މަރުހަލާގައި ނިންމާ ނިންމުންތައް އިސްތިއުނާފް ކުރެވޭނެތީ އާއި މަދަނީ މިންގަނޑުން ނިންމާ ނިންމުމަކީ އެ މަރުހަލާގައި ނިންމާ ނިންމުމަކަށް ވާތީ ކަމަށެވެ. އަދި ހައި ކޯޓުގެ އެ ހުކުމް ރަނގަޅު ކަމަށް ބަލާ ނަމަ، މަދަނީ މިންގަނޑުން ބޭރުކުރާ މައްސަލަައެއް ވެސް އިސްތިއުނާފް ނުކުރެވޭނެ ކަމަށް ނިހާޔަތު ވިދާޅުވި އެވެ.
ނިހާޔަތު ވިދާޅުވީ މަދަނީ މިންގަނޑުން ބޭރުކުރާ އެތައް މައްސަލައެއް ދައުލަތުން އިސްތިއުނާފް ކުރާއިރު، ކުރިއަށް ގެންދަން ނިންމާ މައްސަލަތައް ދައުވާލިބޭ މީހުންނަށް އިސްތިއުނާފް ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ. އަދި އާޒިމާއާ މެދު އަބަދުވެސް ދައުލަތުން ތަފާތު ގޮތަކަށް އަމަލު ކުރަމުންދާ ކަމަށް ބުނެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ އާއި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްސަލަ އޭނާ ފާހަގަ ކުރެއްވި އެވެ.
ރައްދުގައި ދައުލަތުން ބުނީ އަލީ ވަހީދުގެ މައްސަލަ އާއި މަހްލޫފްގެ މައްސަލަ ނޫނަސް، އެފަދަ އެތައް މައްސަލައެއް ދައުލަތުން އިސްތިއުނާފް ކުރާ ކަމަށެވެ. އަދި އާޒިމާއާ މެދު ތަފާތު އުސޫލަކުން އަމަލު ނުކުރާ ކަމަށް ދައުލަތުން ބުންޏެވެ.
އާޒިމާ ވިދާޅުވީ މަދަނީ މިންގަނޑުން ގޮތެއް ނިންމަންޖެހޭ ގޮތަށް ގާނޫނުގައި ލިޔުނީ އެއްވެސް ހެއްކެއް ނެތި މީހުންނަށް ދައުވާ ކުރުމުން މައްސަލަ ނުނިމި އެތައް އަހަރެއް ވަންދެން މީހުންނަށް ކުރިމަތިވާ ގެއްލުންތަކުން ސަލާމަތް ކުރުމަށް ކަމަށެވެ. އެކަމަކު އޭނާގެ މައްސަލަ އެގޮތަށް ކުރިއަށް ގެންދާތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަދަނީ މިންގަނޑުން ނިންމާ ނިިންމުން ދައުލަތަށް އިސްތިއުނާފް ކުރެވޭއިރު، ދައުވާލިބޭ މީހާއަށް އެކަން ނުކުރެންވީ ކީއްވެގެންތޯ ވިދާޅުވެ، ފަނޑިޔާރުންގެ ބެންޗުން ވެސް ދައުލަތާ ސުވާލު ކުރެއްވި އެވެ.
ދައުލަތުން ބުނީ ކުރިން ގާނޫނުގެ އިބާރާތް އޮތްގޮތުން އެފަދަ ނިންމުން ވެސް އިސްތިއުނާފް ކުރެވޭ ކަމަށެވެ. ފަހުން ގާނޫނު އިސްލާހުކޮށް، އިބާރާތަށް ބަދަލު ގެނެސްފައި އޮތީ އެފަދަ ކޮންމެ ނިންމުމެއް އިސްތިއުނާފް މަރުހަލާއަށް ގެންދިއުމުން ނުބައި ދޮރެއް ހުޅުވޭތީ އެކަން ހުއްޓުވުމަށްޓަކައި ކަމަށް ދައުލަތުން ބުންޏެވެ.
ބެންޗުން ވިދާޅުވީ އެ މައްސަލަ ބެލޭނެ ކަމާ މެދު ގޮތެއް ނިންމާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭ ނަމަ، މައުލޫއީ ގޮތުން ވާހަކަ ދައްކަން އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.
ޕީޖީ އޮފީހުގައި ކުރިން މަސައްކަތް ކުރައްވާފައިވާތީ ނިހާޔަތަށް އެ މައްސަލާގައި ވަކާލާތު ނުކުރެވޭނެ ކަމަށް ދައުލަތުން އިއްޔެ ބުނެފައިވެ އެވެ. އެކަމަކު ފަނޑިޔާރުން މިއަދު ނިންމެވީ ނިހާޔަތަށް ވަކާލާތު ކުރެވޭނެ ކަމަށެވެ.
ފަނޑިޔާރު ފާތިމަތު ފަރުހީޒާ ރިޔާސަތު ބަލަހައްޓަވާ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ.
"އާޒިމާގެ މައްސަލާގައި ނިހާޔަތަށް ވަކާލާތު ނުކުރެވޭނެ"
"ޔާމީންގެ އިސްތިއުނާފް މިންގަނޑަށް ވާސިލެއް ނުވެވޭ"
"ޑްރަގް ފައިސާ ލޯންޑާ ކުރި" މައްސަލަ ހައި ކޯޓަށް
އާޒިމާއަށް ސުޕްރީމް ކޯޓުގައި ވެސް ނާކާމިޔާބު
އާޒިމާއަށް ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެ: ހައި ކޯޓް
އާޒިމާ މިހާރު ކުރައްވަނީ ގާޒީ ބަދަލުވުމުގެ ޝަކުވާ
އާޒިމާ އަށް އުފުލި ދައުވާގެ ލިޔުންތައް ހަވާލުކޮށްފި
އާޒިމާގެ މައްޗަށް ދައުވާކޮށް، ކޯޓަށް ފޮނުވައިފި
ލަމްހާ ދޫކުރި މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް
ލަމްހާ ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި