Roadha Mihaaru
ފަގީރުން މަދުވިޔަސް އަދި ޒަކާތް ލިބުނީ މަދުން

ފަގީރުން މަދުވިޔަސް އަދި ޒަކާތް ލިބުނީ މަދުން

14 އެޕްރީލް 2022

ފާއިތުވި ދެ އަހަރަށް ވުރެ މި ރޯދަމަހުގެ ފުރަތަމަ 11 ގައި ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ މަދު ކަމަށް އިސްލާމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފާއިތުވި ދެ އަހަރަށް ވުރެ މި ރޯދަމަހުގެ ފުރަތަމަ 11 ގައި ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ މަދު ކަމަށް އިސްލާމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ރޭ ނެރުނު ނޫސްބަޔާނުގައި ބުނީ މި ރޯދަމަހުގެ ފުރަތަމަ 11 ދުވަހު ޒަކާތުގެ ގޮތުގައި މާލެއިން ލިބުނީ 878،646ރ. ކަމަށެވެ. މާލެއިން ޒަކާތް ދެއްކީ 19،523 މީހުންނެވެ. އެއީ އިސްލާމީ މަރުކަޒުގައި ހުރި މިނިސްޓްރީގެ ކައުންޓަރަށް ޒަކާތް ދެއްކި 4،956 މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކި 14،567 މީހުންނެވެ.

މިދިޔަ އަހަރު އެ މުއްދަތުގައި މާލެއިން ޒަކާތުގެ ގޮތުގައި 899،031ރ. ލިބުނެވެ. އަދި 2020 ވަނަ އަހަރު އެ މުއްދަތުގައި 1،942،201ރ. ލިބުނެވެ.

އިސްލާމިކް މިނިސްޓްރީގެ ހޯލުގަ އާއި އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަނެ އެވެ. މިނިސްޓްރީން ޒަކާތް ބަލައިގަންނަނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 1:00 އަށެވެ.

އޮންލައިންކޮށް ޒަކާތް ބަލައިގަންނަނީ ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް އަދި ބީއެމްއެލް އޮންލައިން ޕޯޓަލް، އުރީދޫ އެމް ފައިސާ، ދިރާގު ޕޭ އަދި އެމްއައިބީގެ ފަހި ޕޭ މެދުވެރިކޮށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ހުރިހާ ރަށަކުން ވެސް އެއް ވަރަކަށް ދައްކާ ގޮތަށް މި ފަހަރު ކަނޑަޅާފައިވާއިރު، މި ރޯދަ މަހު ފިތުރު ޒަކާތް ދައްކާއިރު އިތުރު ބަދަލުތަކެއް ވެސް ގެނެސްފައިވެ އެވެ. މީގެ ކުރިން، އޮންލައިންކޮށް ޒަކާތް ދައްކާއިރު، އެ މީހަކު ޒަކާތް ދައްކަން ބޭނުންވާ ވަކި ރަށެއް އިހުތިޔާރު ނުކުރެވުނަސް، މި އަހަރު މާލޭގައި ހުންނަ މީހާ އަށް ވެސް އެ މީހެއްގެ އަމިއްލަ ރަށަށް ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާދީފައިވެ އެވެ.

ފިތުރު ޒަކާތުގެ މިންވަރު

ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. އެއީ އެ ބަޔަކު ކައި އުޅޭ ހަނޑުލުގެ ބާވަތަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަންނާނީ އެ ހަނޑުލުގެ އަގަށްވާ ފައިސާ އިންނެވެ.

މިއަހަރުގެ ފިތުރު ޒަކާތް ދައްކަން ޖެހޭ މިންވަރާއި މިހާތަނަށް މާލެއިން ޒަކާތް ދެއްކި މީހުންގެ އަދަދުތައް.

މިއަހަރުގެ ފިތުރު ޒަކާތް ދައްކަން ޖެހޭ މިންވަރާއި މިހާތަނަށް މާލެއިން ޒަކާތް ދެއްކި މީހުންގެ އަދަދުތައް.

ފަގީރުންގެ ލިސްޓް އަޕްޑޭޓްކޮށްފި

ރޭގެ ނެރުނު ނޫސްބަޔާނުގައި މިނިސްޓްރީން ބުނީ، ރޯދަމަސް ފެށުނު ފަހުން ފަގީރުންގެ ލިސްޓް ވެސް އަޕްޑޭޓްކޮށްފައިވާ ކަމަށެވެ. އެ ބަދަލާ އެކު ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންގެ އަދަދު ވަނީ އިތުރަށް މަދުވެފަ އެވެ. އަޕްޑޭޓް ކުރި ލިސްޓުގައި ހިމެނެނީ 8،984 މީހުންނެވެ. މިދިޔަ އަހަރު އެ ލިސްޓުގައި ހިމެނުނީ 7،778 މީހުންނެވެ.

މިދިޔަ އަހަރު ފިތުރު ޒަކާތަށް މާލެ ސަރަހައްދުން 6.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ. އެއީ ފާއިތުވި ހަތަރު އަހަރާ އަޅާބަލާއިރު ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު ފަހަރެވެ.

މާލެ ފިޔަވާ އެހެން ރަށްރަށުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެ ރަށެއް ކައުންސިލްގެ އިދާރާ އިންނެވެ.