Roadha Mihaaru
ޕްރަފުލްއަށް އިންޑިއާގެ އެފްއޭގައި ނުހުރެވޭނެ: ސަރުކާރު

ޕްރަފުލް އަށް ފުޓްބޯޅަ ފެޑެރޭޝަންގައި ނުހުރެވޭނެކަމަށް އިންޑިއާގެ ސަރުކާރުން އަންގައިފި

13 އެޕްރީލް 2022

ނިއު ދިއްލީ (އޭޕްރީލް 13) - އޯލް އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް) ހިންގަން އެފެޑެރޭޝަންގެ ރައީސް ޕްރަފުލް ޕަޓޭލް އަށް އިތުރަށް ނުހުރެވޭނެ ކަމަށް އިންޑިއާގެ ސަރުކާރުން އެގައުމުގެ ސުޕްރީމް ކޯޓަށް އަންގައިފި އެވެ.

ނިއު ދިއްލީ (އޭޕްރީލް 13) - އޯލް އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް) ހިންގަން އެފެޑެރޭޝަންގެ ރައީސް ޕްރަފުލް ޕަޓޭލް އަށް އިތުރަށް ނުހުރެވޭނެ ކަމަށް އިންޑިއާގެ ސަރުކާރުން އެގައުމުގެ ސުޕްރީމް ކޯޓަށް އަންގައިފި އެވެ.

ޕްރަފުލް އާއި އޭނާގެ އެކްސްކޯގެ ދައުރު ޑިސެމްބަރު 2020 ގައި ހަމަވުމުގެ ކުރިން އޭއައިއެފްއެފް އިން ވަނީ މައްސަލަ އިންޑިއާގެ ސުޕްރީމް ކޯޓަށް ވައްދައިފަ އެވެ. ކޯޓަށް މައްސަލަ ވެއްދީ އޭއައިއެފްއެފްގެ އަސާސީ ގަވާއިދު މުރާޖާކުރުމުގެ މައްސަލަ 2017 އިން ފެށިގެން ސުޕްރީމް ކޯޓްގައި އޮތުމުން ދެން އަމަލު ކުރާނެ ގޮތެއް ކަނޑައަޅައި ދިނުމަށެވެ.

އޭއައިއެފްއެފްއިން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަށް ސްޕޯޓްސް މިނިސްޓްރީން ތަދައްޚުލްވެ ކޯޓަށް އަންގާފައި ވަނީ އިންޑިއާގެ ގައުމީ ކުޅިވަރު ކޯޑްގައިވާ ގޮތުގެމަތިން ޕްރަފުލް އަށް އޭއައިއެފްއެފްގެ ރައީސް ކަމުގައި އިތުރަށް ނުހުރެވޭނެ ކަމަށެވެ.

އިންޑިއާގެ ގައުމީ ކުޅިވަރު ކޯޑްގައި ބުނެފައި ވަނީ އެގައުމުގެ އެއްވެސް ކުޅިވަރު ފެޑެރޭޝަނެއް ނުވަތަ އެސޯސިއޭޝަނެއްގެ ރައީސް ކަމުގައި އެކަކަށް 12 އަހަރަށް ވުރެ ގިނަ މުއްދަތެއް ހޭދަ ނުކުރެވޭނެ ކަމަށެވެ. އެކޯޑަށް އިންޑިއާއިން އަމަލުކުރަން ފެށީ 2011 ގަ އެވެ.

މިދިޔަ ހަފުތާގައި އިންޑިއާގެ ސްޕްރީމް ކޯޓަށް ސްޕޯޓްސް މިނިސްޓްރީން އަންގާފައި ވަނީ އިންޑިއާގެ ގައުމީ ކުޅިވަރު ކޯޑްގައި ބުނާ މުއްދަތަށް ވުރެ އިތުރަށް ޕްރަފުލް އޭއައިއެފްއެފްގެ ރައީސްކަމުގައި ހޭދަކޮށްފި ކަމަށެވެ.

"އެންމެ ފަހުން އޭއައިއެފްގެ އިންތިހާބު ބާއްވާފައި ވަނީ ޑިސެމްބަރު 12 2016 ގައި. ޕްރަފުލްގެ ދައުރު ވަނީ ޑިސެމްބަރު 2020 ގައި ހަމަވެފައި. އިންޑިއާގެ ގައުމީ ކުޅިވަރު ކޯޑްގައި ބުނާ މުއްދަތަށް ވުރެ އިތުރަށް އެމަގާމުގައި އޭނާ ހޭދަކޮށްފި. އިތުރަކަށް އެ މަގާމުގައި ނުހުރެވޭނެ. އެހެންވެ މިހާރުން މިހާރަށް އިންތިހާބަކަށް ދާން ޖެހޭނެ،" އިންޑިއާގެ ސުޕްރީމް ކޯޓަށް ސްޕޯޓްސް މިނިސްޓްރީން މިދިޔަ ހަފުތާގައި ލިޔުމުން ފޮނުވި ބަޔާނުގައި ވެއެވެ.

ސްޕޯޓްސް މިނިސްޓްރީން ބުނީ އޭއިއެފްއިން އިންތިހާބަކަށް ނުދާނަމަ ސަރުކާރުން އެ ފެޑްރޭޝަން ބަލައި ނުގަންނަ ހިސާބަށް ހިނގައިދާނެ ކަމަށެވެ. އިންޑިއާގެ ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ކަމަށް ޕްރަފުލް އެންމެ ފުރަތަމަ ވަޑައިގަތީ ޑިސެމްބަރު 2009 ގަ އެވެ.

ޕްރަފުލްގެ ވަކީލް ބުނީ ދައުރު ހަމަވެގެން ދިޔައިރު ވެސް އިންތިހާބަކަށް މިނިސްޓްރީން ބާރު އަޅާފައި ނުވާ ކަމަށެވެ. އަދި ސަރުކާރުން އެގޮތަށް މިހާރު އެންގަނީ ޕްރަފުލް މަގާމުން ދުރުކުރުމުގެ ނިޔަތް އޮތުމުން ކަމަށް ވެސް ވަކީލް ބުންޏެވެ.

ޕްރަފުލް އަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ އޭނާގެ ދައުރު ހަމަވާން ކައިރިވެފައި ވަނިކޮށް އިންތިހާބަކަށް ނުގޮސް މައްސަލަ ކޯޓަށް ހުށަހެޅީ އިތުރު މުއްދަތަކަށް އޭނާ އޭއައިއެފްއެފްގައި ދެމިހުރުމުގެ ގޮތުން ކަމަށެވެ.