13 އެޕްރީލް 2022
މެޑްރިޑް (އޭޕްރީލް 13) - އަމިއްލަ ދަނޑުގައި ޗެލްސީ އަތުން 3-2 އިން ބަލިވި ނަމަވެސް، އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެން ރެއާލް މެޑްރިޑް، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މެޑްރިޑް (އޭޕްރީލް 13) - އަމިއްލަ ދަނޑުގައި ޗެލްސީ އަތުން 3-2 އިން ބަލިވި ނަމަވެސް، އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެން ރެއާލް މެޑްރިޑް، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ޗެލްސީގެ ދަނޑުގައި ކުޅުނު މެޗު ރެއާލް މެޑްރިޑުން 3-1 އިން މޮޅުވިއިރު، ދެވަނަ ލެގުން ބަލިވެގެން ވެސް ރެއާލް ސެމީ އަށް ދަތުރު ކުރީ 5-4 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް އަވަސް ކުޅުމެއް ފެނުނުއިރު، އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީން ވަނީ، މެޗުގެ ކުރިން ކޯޗު ޓުޗެލް ބުނިހެން އޭނާ އެންމެ ބޭނުންވާ ފިޒިކަލް ސްޓައިލުގައި ކުޅެފަ އެވެ. ނަތީޖާއެއްގެ ގޮތުން ޗެލްސީން މެޗުގެ ވަރަށް ކުރީކޮޅު ވަނީ ލީޑު ނަގައިފަ އެވެ. މެޗުގެ 15 ވަނަ މިނިޓުގައި ލަނޑު ޖެހީ، ރުބެން ލޮފްޓަސް ޗީކާއި ޓިމޯ ވާނާ ގުޅިގެން އުފެއްދި އެޓޭކެއްގައި މޭސަން މައުންޓެވެ. މައުންޓް ވަނީ މިދިޔަ ސީޒަނުގެ ސެމީ ފައިނަލުގައި ވެސް ރެއާލް ކޮޅަށް ލަނޑު ޖަހައިފަ އެވެ.
ރެއާލް އިން މެޗުގައި ފޮނުވާލި ފުރަތަމަ ހަމަލާ އޭރިއާ ބޭރުން ކަރީމް ބެންޒެމާ ފޮނުވާލުމުން ޗެލްސީގެ ޑިފެންޑަރު ތިއާގޯ ސިލްވާ ބޮލުގައި ޖެހިފައި ދިޔައީ ގޯލު މަތިން ބޭރަށެވެ. މި ހާފުގައި ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލާ އަމާޒު ނުވިއިރު ކޯނަރަކުން އައި ބޯޅަ ބޮލުން ފޮނުވާލުމުން ވެސް ދިޔައީ ގޯލް ދަނޑި މަތިން ބޭރަށެވެ.
ޓިމޯ ވާނާ ޗެލްސީގެ ތިންވަނަ ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
ޗެލްސީގެ ދެވަނަ ލަނޑު 51 ވަނަ މިނިޓުގައި މައުންޓް ނެގި ކޯނަރަކުން ޖެހީ ރުޑިގާ އެވެ. އަދި އެގްރިގޭޓް ނަތީޖާ 3-3 އިން އެއްވަރުވީ އެވެ. އޭގެ އިރުކޮޅެއް ފަހުން ޗެލްސީގެ ގޯލްކީޕަރު އެޑުއާޑް މެންޑީ އަށް ވަނީ މެޗުގައި ރެއާލް މެޑްރިޑުގެ ފުރަތަމަ ހަމަލާ ދިފާއު ކުރަން ޖެހިފަ އެވެ. މިއީ ހިލޭ ޖެހުމަކުން ޓޯނީ ކްރޫސް ގޯލު މަތީ ކަނަށް ފޮނުވާލި ހަމަލާއެކެވެ.
ރެއާލް އަށް މެޗުގައި ލަނޑުޖަހަން އެންމެ ފުރަތަމަ ހުސް ފުރުސަތެއް ތަނަވަސް ކޮށްދިނީ ލެފްޓް ބެކް ފާލަންޑް މެންޑީ އެވެ. މެޗުގެ 59 ވަނަ މިނިޓުގައި އޭނާ ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅައަށް ބެންޒެމާ އާއި ވިނީޝަސް ޖޫނިއާ އަރައި ހުރި ނަމަވެސް ދެ ކުޅުންތެރިންނަށް ވެސް ބޯޅައިގައި ލައްވާލާ ގޮތެއް ނުވި އެވެ.
އިރުކޮޅެއް ފަހުން އެންގޯލޯ ކަންޓޭ ހުސް ކޮށްލާފައި ދިން ބޯޅައެއްގައި މާކޮސް އޮލޮންސޯ ޗެލްސީ އަށް ތިންވަނަ ލަނޑެއް ޖަހައިދިނެވެ. ނަމަވެސް ރެފްރީ ވަނީ ވީއޭއާރު ބެލުމަށް ފަހު އޭނާ އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމައިފަ އެވެ. އޭގެ ފަހުން ބެންޒެމާ ވަނީ ޗެލްސީގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ރޮޑްރިގޯ ރެއާލް އަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: އޭނާ ލަނޑު ޖެހީ ކުޅެން އެރިތާ ދެ މިނިޓު ތެރޭ.-- ފޮޓޯ: އޭއެފްޕީ
ޗެލްސީން ތިންވަނަ ލަނޑު ޖަހައި ފުރަތަމަ ފަހަރަށް އެގްރިގޭޓުން ކުރި ހޯދީ 75 ވަނަ މިނިޓުގައި މަޓެއޯ ކޮވަސިޗް ދިން ބޯޅައެއް ހޯދައި، ޓިމޯ ވާނާ އެވެ. ކަސެމީރޯ އާއި ޑޭވިޑް އަލަބާ ކައިރިން ނައްޓާފައި ވާނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ތިބައު ކޯޓުއާ އަތުގައި ޖެހިފަ އެވެ.
ރެއާލް އިން މެޗުގައި ކޮންޓްރޯލް ނެގީ ޗެލްސީން ކުރި ހޯދުމުން، އެޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ، މާސެލޯ އާއި ރޮޑްރިގޯ ކުޅެން އެރުވި ހިސާބުންނެވެ. ލޫކާ މޮޑްރިޗް އޭރިއާ ތެރެއަށް ނަގައިދިން ރީތި ބޯޅައެއް އެއްފަހަރުން ޖަހައި ގޯލު ތިރީ ކަނަށް އަމާޒު ކޮށްލައިގެން 80 ވަނަ މިނިޓުގައި އެގްރިގޭޓް ނަތީޖާ 4-4 އިން އެއްވަރުކުރީ ކަސެމީރޯގެ ބަދަލުގައި ކުޅެން އެރި ރޮޑްރިގޯ އެވެ. މި ލަނޑަށް ފަހު މޮޑްރިޗް ފޮނުވާލި ހަމަލާއެއް ޗެލްސީގެ ކީޕަރު މެންޑީ ދިފާއު ކުރި އެވެ.
ފުރިހަމަ ވަގުތުގެ ކުޅުން ހަމަވުމުގެ ކުރިން ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗަށް ވަނީ އަލުން ލީޑު ނަގަން ހުސް ފުރުސަތެއް ލިބިފަ އެވެ. ކައި ހަވާޓްޒް ބޮލުން ގޯލު ކުރިމަތީ ހުސްކޮށް ހުރި ޕުލިސިޗަށް ޖައްސާލި ބޯޅަ އޭނާ ފޮނުވާލުމުން ދިޔައީ ގޯލު މަތިން ބޭރަށެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެގްރިގޭޓް ނަތީޖާ އެއްވަރުވުމުން ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅޭށެވެ. ރެއާލް މެޑްރިޑަށް މެޗުގައި ދެވަނަ ލަނޑު ޖަހައި ސެމީ ފައިނަލުގެ ޖާގަ ހޯދައިދިނީ، ފުރަތަމަ ލެގުގައި ހެޓްރިކް ހެދި ކަރީމް ބެންޒެމާ އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ހަވަނަ މިނިޓުގައި އޭނާ މި ލަނޑު ޖެހީ، ޗެލްސީ އަށް ގެއްލުނު ބޯޅައެއްގައި ވާތްފަޅިން އުފެއްދި އެޓޭކެއްގައި ވިނީޝަސް ޖޫނިއާ އޭރިއާ ތެރެއަށް ވަދެ ނަގައިދިން ބޯޅައެއް ބޮލުން ޖަހައި ގޯލުތެރަށް ފޮނުވާލައިގެންނެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފުގެ ފަހުކޮޅު ޗެލްސީން ވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ. ހަކީމް ޒިޔެޝްގެ ހަމަލާ ކޯޓުއާ ދިފާއު ކުރިއިރު ކައި ހަވާޓްޒް އާއި ޖޯޖީނިއޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ ކައިރިން ބޭރަށެވެ.
މެޗަށް ފަހު ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ކުޅުންތެރިންގެ މަސައްކަތާ މެދު ފަހުރުވެރި ވާކަމަށާއި، ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް ސެމީ އަށް ނުދެވުނީ ނަސީބު އެހީ ނުވުމުން ކަމަށެވެ.
ރެއާލް ސެމީ އަށް، ޗެލްސީ އަށް ސީޒަން ނިމިއްޖެ
ޗެލްސީ ބަލިކޮށް ރެއާލް މެޑްރިޑް ސެމީ ފައިނަލާ ގާތަށް
ކުއާޓާގެ ކުރިން އަންޗެލޮޓީގެ ތައުރީފް ލަމްޕާޑަށް
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ
ރެއާލް ބަރޯސާ ވަނީ ބެންޒެމާގެ މައްޗަށް: އަންޗެލޮޓީ
ޗެލްސީއަށް އޮތް ހުރަހަކީ ލީގުގައި ފަސް ބަދަލު ނުުކުރެވުން
ބެންޒެމާގެ ހެޓްރިކާ އެކު ރެއާލުން ޗެލްސީ ބަލިކޮށްފި
ފާޑުކިޔުން އަމާޒުވުމުން ހަޒާޑް މާފަށް އެދިއްޖެ
ރެއާލް-ޕީއެސްޖީ އަދި ބާސެލޯނާ-ޗެލްސީގެ ކުރިމަތިލުމެއް
އެޓަލާންޓާ އަތުން މޮޅުވެ ރެއާލް މެޑްރިޑަށް ހަމަނޭވާއެއް