12 އެޕްރީލް 2022
ލަންޑަން (އޭޕްރީލް 12) - މިދިޔަ ސީޒަނުގެ ޗެމްޕިއަން ޗެލްސީ އަށް މި ފަހަރުގެ މުބާރާތް ދިފާއު ކުރަން އޮތް އެންމެ ބޮޑު ހުރަހެއް ކަމަށް ދެކެނީ އިނގިރޭސި ޕްރިމިއާ ލީގުގައި މެޗެއްގައި، ފަސް ބަދަލު ނުގެނެވޭ ގޮތަށް އޮތް އުސޫލު ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
ލަންޑަން (އޭޕްރީލް 12) - މިދިޔަ ސީޒަނުގެ ޗެމްޕިއަން ޗެލްސީ އަށް މި ފަހަރުގެ މުބާރާތް ދިފާއު ކުރަން އޮތް އެންމެ ބޮޑު ހުރަހެއް ކަމަށް ދެކެނީ އިނގިރޭސި ޕްރިމިއާ ލީގުގައި މެޗެއްގައި، ފަސް ބަދަލު ނުގެނެވޭ ގޮތަށް އޮތް އުސޫލު ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި ސްޕެއިންގެ ރެއާލް މެޑްރިޑް އަތުން 3-1 އިން ބަލިވެފަ އެވެ. ޓުޗެލް ބުނީ ޗެމްޕިއަންސް ލީގާ އެއްގޮތަށް ސްޕެނިޝް ލަ ލީގާގައި ވެސް މެޗެއްގައި ފަސް ބަދަލު ގެނެވޭއިރު އިނގިރޭސި ލީގުގައި އަދިވެސް ތިން ބަދަލު ގެނެވޭ ގޮތަށް އޮތް އުސޫލުގެ ސަބަބުން، މި ސީޒަނުގައި ގިނަ މެޗުތަކެއް ކުޅޭއިރު ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
ޔޫރަޕުގެ އެންމެ މަތީ ފަންތީގެ ލީގުތަކުގެ ތެރެއިން ފަސް ބަދަލު ގެނެވޭ އުސޫލަށް އަމަލު ނުކޮށް އޮތް ހަމައެކަނި ލީގަކީ އިނގިރޭސި ޕްރިމިއާ ލީގެވެ. ނަމަވެސް އަންނަ ސީޒަނުން ފެށިގެން އިނގިރޭސި ލީގުގައި ވެސް ފަސް ބަދަލު ގެންނަން ދާދި ފަހުން ހުރިހާ ކުލަބަކުން ވަނީ އެއްބަސްވެފަ އެވެ.
މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރަން މިރޭ ރެއާލް މެޑްރިޑްގެ ސެންޓިއާގޯ ބާނަބެއޫގައި ކުޅޭ ދެވަނަ ލެގުގައި ޗެލްސީ އަށް ވަނީ ތިން ލަނޑުގެ ތަފާތަކުން މޮޅުވާން މަޖުބޫރުވެފަ އެވެ. މެޗުގެ ކުރިން ކޯޗު ޓުޗެލް ބުނީ އޭނާގެ ކުޅުންތެރިން އެންމެ ރަނގަޅު ފެންވަރުގައި ކުޅެން ފިޒިކަލް ބޭނުންވާ ކަމަށެވެ. އަދި މިރޭގެ މެޗުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ޗެލްސީގެ ފަރާތުން ވަރުގަދަ ފިޒިކަލް ގޭމަކަށް އުންމީދުކުރާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
"އެންމެ ފުރަތަމަ ކަމަކަށް އަހަރެމެން ބޭނުން ވަރަށް ފިޒިކަލް ގޭމެއް. އެކަމަކު ފުރަތަމަ މެޗަށް އެވަރަށް މަސައްކަތެއް ނުކުރެވުނު. ދެވަނަ ކަމަކަށް ކުޅުންތެރިންގެ ފިޒިކަލް އަށް ބަލާނަމަ އަހަރެމެންނަށް އެބަހުރި ހުރަސްތަކެއް، އެއީ ރެއާލް މެޑްރިޑުން މުޅި ސީޒަން ކުޅެނީ މެޗެއްގައި ފަސް ބަދަލު ގެނެވޭ ގޮތަށް. އަހަރެމެން ކުޅެނީ އެންމެ ޑިމާންޑިން ލީގު އަދި މި ސީޒަނުގައި އެންމެ ގިނަ މެޗު ކުޅެން ޖެހެނީ ވެސް އަހަރެމެން. އެހެންވެ ކޮންމެ މެޗެއްގައި ފިޒިކަލް ޖައްސަން އުނދަގޫވޭ،" ގިނަ މެޗުތަކެއް ކުޅެން ޖެހި، އިނގިރޭސި ލީގުގައި ތިން ބަދަލު ގެނެވޭ ގޮތަށް އޮތުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ޓުޗެލް ބުންޏެވެ.
"އަހަރެމެން ބޭނުމީ ފިޒިކަލީ ވަރުގަދަ، ތޫނުފިލި، އަމާޒަށް ވާސިލްވާން ހިތްވަރާ އެކު ކުރިޔަށްދާ ހާއްސާ ޓީމެއް ގޮތުގައި ދެމި އޮންނަން. އެންމެ ފަހުން ކުޅުނު މެޗުގައި އަހަރެމެންނަށް އެ ވަރަށް މަސައްކަތް ނުކުރެވުނީ."
ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް އޮތީ 12 ޕޮއިންޓުގެ ލީޑަކާ އެކު ޓޭބަލްގެ އެއްވަނައިގަ އެވެ. ނިމުނު ހަފްތާ ބަންދުގައި ރެއާލުން ގެޓަފޭ ބަލިކުރި މެޗުގައި އެޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ޓީމުގެ މުހިއްމު ދެ މިޑްފީލްޑަރުން ކަމަށްވާ ލޫކާ މޮޑްރިކާއި ޓޯނީ ކްރޫސް އަށް ރެސްޓު ދީފަ އެވެ.
ފުރަތަމަ ލެގުގައި ޗެލްސީގެ މަޓެއޯ ކޮވަސިޗް އަތުން ބޯޅަ ހޯދަން މޮޑްރިޗް މަސައްކަތް ކުރަނީ: ކޮވަސިޗް ވަނީ ޗެލްސީ އާއި ރެއާލް މެޑްރިޑާ އެކު ވެސް ޗެމްޕިއަންސް ލީގު ހޯދާފައި.
މިދިޔަ ހަފްތާގެ ފުރަތަމަ ލެގުގައި ދަށް ކުޅުމަކާ އެކު ޗެލްސީ އަމިއްލަ ދަނޑުގައި ބަލިވުމުން މާޔޫސްވެފައި ހުރި ކޯޗު ޓުޗެލް ވަނީ ޗެމްޕިއަންސް ލީގު ދިފާއު ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށް ބުނެފަ އެވެ. ނަމަވެސް ހަފްތާ ބަންދުގައި ޕްރިމިއާ ލީގުގައި ޗެލްސީން ސައުތެމްޓަން އަތުން 6-0 އިން މޮޅުވުމުން ޓުޗެލް އަށް ވަނީ ކުރިޔަށް ދާން ކުޑަ އުންމީދެއް ލިބިފަ އެވެ.
ޗެލްސީން ދެވަނަ ލެގަށް ނުކުންނާނީ އަނިޔާގެ ސަބަބުން ފޯވާޑް ރޮމެލޫ ލުކާކޫ ޓީމުގައި ނުހިމަނަ އެވެ. ނަމަވެސް ކޮވިޑުން ރަނގަޅުވެ، ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ވަނީ އަލުން ޓީމާ ގުޅިފަ އެވެ.
"ފުރަތަމަ ލެގުގެ ނަތީޖާ އަހަރެމެންނަށް އަނބުރާލެވޭނީ ވަރުގަދަ ރޭވުންތެރިކަމަކާ އެކު. މި މެޗުގެ ހާލަތާއި ކުޅޭ ތަނާއި، އިދިކޮޅުން ނުކުންނަ ޓީމަށް ބަލާއިރު ވެސް މިއީ ވަރަށް ބޮޑު ޗެލެންޖެއް. ކޮންމެ ބަޔަކަށް ވެސް އުންމީދު ކުރެވިދާނެ. ހުވަފެންތައް ދެކޭނެ، އެކަމަކު ހަނދާން ނައްތާލައިގެން ނުވާނެ މާދަމާ އަށް (މިރެއަށް) އެންމެ ފުރިހަމައަށް ތައްޔާރުވެގެން ތިބެންވާނީ،" ޗެލްސީ އަށް ކުރިޔަށްދާން އޮތް ހަނި ފުރުސަތާ ބެހޭގޮތުން ޓުޗެލް ބުންޏެވެ.
މިދިޔަ ސީޒަނުގައި ޗެލްސީ ވަނީ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުން ރެއާލް މެޑްރިޑް ކަޓުވާލައިފަ އެވެ. ފުރަތަމަ މެޗު ޗެލްސީގެ ދަނޑުގައި 2-0 އިން ކާމިޔާބު ކުރިއިރު ސްޕެއިންގައި ކުޅުނު މެޗު ނުމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
އަންޗެލޮޓީ އާއި ޓުޗެލް ކުއާޓާގެ ފުރަތަމަ ލެގުގައި.-- ފޮޓޯ: އޭއެފްޕީ
ކާލޯ އަންޗެލޮޓީއާ އެކު ރެއާލް ސެމީ އަށް ދަތުރު ކުރެވިއްޖެ ނަމަ އޭނާ ވާނީ، ހޯސޭ މޮރީނިއޯ އާއި ޕެޕް ގާޑިއޯލާ އަށް ފަހު، އަށް ފަހަރު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ކޯޗަށެވެ. އޭނާ ބުނީ، ޗެލްސީ ކުޅޭނީ ކޮންމެ ހާލެއްގައި ވެސް މޮޅުވާން ކަމަށާއި، ނަމަވެސް ކޮންމެ ހާލަތަކަށް ވެސް ފަރިތަ ކުޅުންތެރިން ރެއާލްގެ ޓީމުގައި ތިބުމުން އެކަމާ ހިތްހަމަ ޖެހޭކަމަށެވެ.
"އޭނާ (ޓުޗެލް) ބޭނުން ކޮންމެ އެއްޗެއް ބުނެވިދާނެ. ނަމަވެސް އަހަރެން ޔަގީން ކުރަން ޗެލްސީ މިތަނަށް އަންނާނީ މޮޅުވާންކަން. އެއީ ފުޓްބޯޅައިގެ ރޫހަކީ، ބޮޑެތި ކްލަބްތަކާއި ބޮޑެތި ކުޅުންތެރިންގެ ރޫހަކީ އެއީ. އުންމީދު ކަނޑާލައިގެން ނުވާނެ،" ކުރިން ޗެލްސީ އަށް ވެސް ކޯޗު ކޮށްދިން އަންޗެލޮޓީ ބުންޏެވެ.
"މިކަހަލަ މެޗުތަކަށް ފަރިތަ ކުޅުންތެރިން ތިބުމަކީ އަހަރެންގެ ނަސީބު. ކުޅުންތެރިން ވެސް ތިބީ ފުރިހަމަ އިތުބާރާ އެކު ސެމީ ފައިނަލަށް ދިޔުމުގެ ރޫހުގައި. އެކަމަކު ޗެލްސީ އަކީ ވަރަށް ވަރުގަދަ ވާދަވެރިއެއް."
ރެއާލް ސެމީ އަށް، ޗެލްސީ އަށް ސީޒަން ނިމިއްޖެ
ޗެލްސީ ބަލިކޮށް ރެއާލް މެޑްރިޑް ސެމީ ފައިނަލާ ގާތަށް
ކުއާޓާގެ ކުރިން އަންޗެލޮޓީގެ ތައުރީފް ލަމްޕާޑަށް
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ
ޗެލްސީގެ ހިތް ކުދިކުދިކޮށްލައި ރެއާލް ސެމީ ފައިނަލަށް
ރެއާލް ބަރޯސާ ވަނީ ބެންޒެމާގެ މައްޗަށް: އަންޗެލޮޓީ
ބެންޒެމާގެ ހެޓްރިކާ އެކު ރެއާލުން ޗެލްސީ ބަލިކޮށްފި
ފާޑުކިޔުން އަމާޒުވުމުން ހަޒާޑް މާފަށް އެދިއްޖެ
ރެއާލް-ޕީއެސްޖީ އަދި ބާސެލޯނާ-ޗެލްސީގެ ކުރިމަތިލުމެއް
އެޓަލާންޓާ އަތުން މޮޅުވެ ރެއާލް މެޑްރިޑަށް ހަމަނޭވާއެއް