Roadha Mihaaru
މާލެ އިން ގުޅިފަޅަށް އަންނަ އަހަރު ބްރިޖް ނިމޭނެ

މާލެއިން ގުޅިފަޅަށް އަންނަ އަހަރު ނިމޭއިރު ބްރިޖުން ގުޅާލެވޭނެ

29 މާޗް 2022

މާލެ ސަރަހައްދު ގުޅާލަން މި ސަރުކާރުން ހިންގާ ބްރިޖުގެ ބިޔަ މަޝްރޫއުގައި އަންނަ އަހަރު ނިމޭއިރު މާލެ އިން ގުޅިފަޅަށް ގުޅާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލެ ސަރަހައްދު ގުޅާލަން މި ސަރުކާރުން ހިންގާ ބްރިޖުގެ ބިޔަ މަޝްރޫއުގައި އަންނަ އަހަރު ނިމޭއިރު މާލެ އިން ގުޅިފަޅަށް ގުޅާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އުމްރާނީ ތަރައްގީގެ ބޮޑު މި މަޝްރޫއުގައި މާލެއާ ގުޅާލަނީ ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅެވެ. ބްރިޖު އެޅުމުގައި ތަޖުރިބާ ހުރި އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށް މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

ޕްލޭނިން މިނިސްޓްރީގެ ޕްރޮޖެކްޓް ޑިޕާޓްމަންޓުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން ޝެޑިއުލްކޮށްފައި އޮތީ މުހިއްމު ދެ ތާރީހެއްގައި މަސައްކަތުގެ ބޮޑު ބައި ނިންމާށެވެ. ފުރަތަމަ އޮތީ މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު ގުޅާލުމެވެ.

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލާ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ނުވަތަ "ތިލަމާލެ" ބްރިޖު ސާވޭއަށް ވިލިނގިއްޔާ މާލެ ދެމެދު ޕްލެޓްފޯމްތަކެއް ބަހައްޓައިގެން މަސައްކަތް ކުރަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު

"ފުރަތަމަ މައިލްސްޓޯން އަކީ މަސައްކަތް ފަށާތާ 27 މަސް ތެރޭގައި މާލެ އިން ގުޅީފަޅަށް ގުޅާލުން. އޭގެ ފަހުން މެއި 2024 އަށް ތިލަފުއްޓަށް ގުޅާލާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ބްރިޖު އެޅުމަށް މިހާރު ކުރިއަށް ދަނީ މޮބިލައިޒޭޝަން މަސައްކަތެވެ. ސައިޓް ސެޓަޕާ އެކު ޖިއޯ ޓެކްނިކަލް ސާވޭގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މި މަޝްރޫއުގައި، މާލެ އިން ގުޅީފަޅަށް 5 ކިލޯމީޓަރު ބްރިޖް އަދި ކޯޒްވޭއެއް ހަދާނެ އެވެ.

މާލެ ތިލަފުށި ގުޅުވާލައި ބްރިޖުގެ ކުރެހުމެއް.

މާލެ ތިލަފުށި ގުޅުވާލައި ބްރިޖުގެ ކުރެހުމެއް.

އިގްތިސާދީ ގޮތުން އިންގިލާބީ ބަދަލުތަަކަކަށް އަމާޒުކޮށް ހިންގާ މި މަޝްރޫއުގައި ބްރިޖް އެޅުމަކީ ގޮންޖެހުން ބޮޑު ކަމެކެވެ. އެކަމަކު ބްރިޖު އަޅަން ހަވާލުވި ކުންފުންޏަކީ މިފަދަ މަސައްކަތުގައި ތަޖުރިބާ ހުރި ބަޔަކަށް ވާތީ ކާމިޔާބުކަމާ އެކު ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެ ކުންފުންޏަށް އެބައޮތެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ބްރިޖް އަޅަން ބޭނުންވާނެ ބައެއް ސާމާނު އެ ކުންފުނިން މިހާރު އެބަ ގެނެ އެވެ. އޭނާ ވިދާޅުވީ ބައެއް އިކުއިޕްމަންޓްސް މިހާރު ހުރީ ސައިޓުގައި ކަމަށެވެ.

ބްރިޖު ޕްރޮޖެކްޓު ހިންގަން ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ. މިއީ ޕްރޮޖެކްޓު ނިމޭތާ ފަސް އަހަރު ފަހުން އަނބުރާ ދައްކަން ފަށަންޖެހޭ ލޯނެކެވެ.

ތިލަމާލެ ބްރިޖުގެ ސާވޭއަށް ވިލިނގިއްޔާ މާލެ އާ ދެމެދު ޕްލެޓްފޯމް އަޅައިގެން މަސައްކަތްކުރަނީ --. ފޮޓޯ: ނިޝާން އަލީ/މިހާރު

ތިލަމާލެ ބްރިޖުގެ ސާވޭއަށް ވިލިނގިއްޔާ މާލެ އާ ދެމެދު ޕްލެޓްފޯމް އަޅައިގެން މަސައްކަތްކުރަނީ --. ފޮޓޯ: ނިޝާން އަލީ/މިހާރު

އެގްޒިމް ބޭންކުގެ ލޯނާ އެކު މި ބްރިޖަށް ދެން ފަންޑުކުރާނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ދީފައިވާ 100 މިލިއަން ޑޮލަރާއި ދިވެހި ދައުލަތުގެ ފައިސާއިންނެވެ. ސަރުކާރުން ކުރިން ބުނެފައި ވަނީ ތިލަފުށްޓާއި މާލެ ގުޅާލާ ބްރިޖްގެ މަޝްރޫއު އަށް 500 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މި ބްރިޖާ އެކު މާލެ ސަރަހައްދު މުޅިން ބަދަލުކޮށްލާނެ އެވެ. ބްރިޖު ނިމުމުން މާލޭ ވިޔަފާރި ބަނދަރު، ގުޅީފަޅަށް ބަދަލުކުރާނެ އެވެ. ތިލަފުށީގެ އިންޑަސްޓްރިއަލް މަސައްކަތްތަކާ ގުޅާލައި ފުރިހަމަވުމުން މާލޭގެ ތޮއްޖެހުމަށާއި ކުނި އުފުލުމުގައި ދިމާވާ މައްސަލަތަކަށް ހައްލު އަންނާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.