Roadha Mihaaru
ރާއްޖޭގައި ފުރަތަމަ ފަހަރަށް އާބަން ސެންޓަރުތަކެއް!

ރާއްޖޭގައި ފުރަތަމަ ފަހަރަށް އާބަން ސެންޓަރުތަކެއް ގާނޫނީ ގޮތުން ކަނޑައަޅައި ބާރު ދެނީ!

15 އޯގަސްޓް 2024

ރާއްޖޭގައި ފުރަތަމަ ފަހަރަށް އާބަން ސެންޓަރުތަކެއް ގާނޫނީ ގޮތުން ކަނޑައަޅައި ބާރު ދޭ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ފުރަތަމަ ފަހަރަށް އާބަން ސެންޓަރުތަކެއް ގާނޫނީ ގޮތުން ކަނޑައަޅައި ބާރު ދޭ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލިހަށް އިއްޔެ ހުށަހެޅުއްވީ ވިލިނގިލީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާޒިމް އަބްދުލް އަޒީޒެވެ.

އެ ބިލްގައިވާ ގޮތުން އާބަން ރީޖަންތައް ކަނޑައެޅުމާއި އެ ތަންތަން ތަރައްގީކޮށް ހިންގުމުގެ ސިޔާސަތު ކަނޑައަޅާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިްޔާ އެވެ. އާބަން ސަރަހައްދުތައް ކަނޑައެޅުމާއި އާބަން ސަރަހައްދުތައް ތަރައްގީ ކުރުމާ ބެހޭ ހުރިހާ ކަމެއް ހިންގަން ޖެހޭނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ބިލްގައިވާ ގޮތުން ތިން ބަޔަކަށް ރާއްޖޭގެ ސަރަހައްދުތައް ބަހާލާނެ އެވެ. އެއީ މެޓްރޮޕޮލިޓަން ސަރަހައްދާއި އާބަން ރީޖަން އާއި އާބަން ސެންޓަރުތަކެވެ. އެ ސަރަހައްދުތައް ބައި ކުރަނީ އާބާދީގެ ނިސްބަތަށް ބަލައިގެންނެވެ.

މެޓްރޮޕޮލިޓަން ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަނީ އެ ސަރަހައްދެއްގެ އާބާދީ 150،000 އަށް ވުރެ އިތުރުވުމުންނެވެ. އާބަން ރީޖަނެއް ކަމަށް ކަނޑައަޅާނީ 50،000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ސަރަހައްދުތަކެވެ. އަދި އާބަން ސެންޓަރުތައް ކަމަށް ކަނޑައަޅާނީ އާބާދީ 10،000 މީހުންނަށް ވުރެ އިތުރު ސަރަހައްދުތަކެވެ.

ބިލްގައިވާ ގޮތުން އާބަން ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާނީ ލޯކަލް ކައުންސިލެއްގެ އިހުތިސާސް ތެރޭގައި ހިމެނޭ ސަރަހައްދެއް ކަމަށް ވިޔަސް އެ ސަރަހައްދެއް ޕްލޭން ކުރުމާއި ތަރައްގީ ކުރުމުގެ ހުރިހާ ކަމެއް ނިންމާނީ އެ ސަރަހައްދަކަށް ކަނޑައަޅާފައިވާ އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީންނެވެ. ކައުންސިލްތަކުން ހަމައެކަނި ބަލަހައްޓާނީ އެ ސަރަހައްދެއްގެ މުނިސިޕަލް ހިދުމަތްތަކެވެ.

އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީއެއް އެކުލަވައި ލުމުން ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގާ އާބަން ޕްލޭނިން އާއި އާބަން ޑިވެލޮޕްމަންޓް ޑިޕާޓްމެންޓްގެ ގާނޫނީ ހުރިހާ ޒިންމާތަކާއި މަސްއޫލިއްުޔަތުތައް އަދި މުދަލާއި ވަސީލަތްތަކުގެ އިތުރުން މުވައްޒަފުން ވެސް އެ އޮތޯރިޓީ އަށް ބަދަލުވާނެ އެވެ.

އެފަދަ ސަރަހައްދުތައް ޕްލޭން ކުރުމާއި ތަރައްގީ ކުރުމުގެ ކަންކަން އޮތޯރިޓީގެ ބެލުމުގެ ދަށަށް ގެންނާނީ އެ ސަރަހައްދެއްގެ ކައުންސިލާ އެކު ހަދާ އެއްބަސްވުމެއްގެ ދަށުންނެވެ.

މިހާރު މީހުން ދިރިނޫޅޭ ސަރަހައްދެއް ނަމަ އެ ސަރަހައްދެއް ޕްލޭންކޮށް ތަރައްގީ ކުރުމުގެ ހުރިހާ ބާރެއް ލިބޭނީ އާބަން ޑިވަލޮޕްމެންޓް އޮތޯރިޓީއަށެވެ.

އާބަން ސަރަހައްދުތައް ތަރައްގީ ކުރާނީ ޒޯންތަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅުމަށާއި ވިޔަފާރި އާއި ސިނާއީ ބޭނުމަށް، ދަނޑުވެރިކަމަށް، މުނިފޫހިފިލުވުމުގެ ބޭނުމާއި ހާއްސަ ބޭނުންތަކަށް ބިން ކަނޑައަޅައި ހާއްސަ ކުރާނެ އެވެ.

ބިލްގައި ބަޔާން ކޮށްފައިވާ ގޮތުން ސަރަަހައްދުތައް ޕްލޭން ކުރުމަށްޓަކައި އާބަން ޑިވެލޮޕްމަންޓް މާސްޓަ ޕްލޭން އެކުލަވައިލާނެ އެވެ. އެކަން ކުރާނީ ގައުމީ ތަރައްގީގެ ޕްލޭންގައި ކަނޑައަޅާފައިވާ ކަންކަން ހާސިލުވާ ގޮތަށެވެ.