Roadha Mihaaru
ގޭގެ އިން ކުނި އުކާލަން އާދިއްތަ ދުވަހު ފަށަނީ

ގޭގެ އިން ކުނި އުކާލަން އާދިއްތަ ދުވަހު ފަށަނީ، ޖޫން މަހުގެ ނިޔަލަށް މުޅި މާލެ އަށް

21 ޑިސެމްބަރ 2016

މާލޭގެ ގޭގެ އިން ކުނި އުކާލުމުގެ ފުރަތަމަ ބުރު އަންނަ އާދިއްތަ ދުވަހު ފަށައި އަންނަ ޖޫން މަހުގެ ނިޔަލަށް އެ ހިދުމަތް މުޅި މާލެ އަށް ފުޅާކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނިންމައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

މާލޭގެ ގޭގެ އިން ކުނި އުކާލުމުގެ ފުރަތަމަ ބުރު އަންނަ އާދިއްތަ ދުވަހު ފަށައި އަންނަ ޖޫން މަހުގެ ނިޔަލަށް އެ ހިދުމަތް މުޅި މާލެ އަށް ފުޅާކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނިންމައިފި އެވެ.

ވޭސްޓް ކަލެކްޝަން ސާވިސް ނުވަތަ ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތް ދޭން ނިންމާފައި ވަނީ މާލެ 10 ޒޯނަކަށް ބަހާލައިގެން، ބޭނުންވާ ބަޔަކު ރަޖިސްޓްރީކޮށްގެންނެވެ. އިމާރާތަކުން 100 ރުފިޔާ އަދި ކޮންމެ ގޭބިސީއަކުން 150 ރުފިޔާ ނަގާ މި ހިދުމަތުގެ ފުރަތަމަ ބުރު ޒޯން އެކެއްގައި ފަށަން ނިންމައި އެކަމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ މިދިޔަ މަހުގެ 23 ގައި ހުޅުވާލައިފަ އެވެ.

ވެމްކޯ އިން ވޭސްޓް ކަލެކްޝަންގެ ހިދުމަތް ދޭން ކަނޑައަޅާފައިވާ ސަރަހައްދުތައް: އެ ކޯޕަރޭޝަނުން އެންމެ ފުރަތަމަ އެ ހިދުމަތް ދޭނީ ޒޯން އެކެއްގައި.-- ފޮޓޯ: ވެމްކޯ

ވެމްކޯ އިން ވޭސްޓް ކަލެކްޝަންގެ ހިދުމަތް ދޭން ކަނޑައަޅާފައިވާ ސަރަހައްދުތައް: އެ ކޯޕަރޭޝަނުން އެންމެ ފުރަތަމަ އެ ހިދުމަތް ދޭނީ ޒޯން އެކެއްގައި.-- ފޮޓޯ: ވެމްކޯ

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު މިއަދު ވިދާޅުވި ގޮތުގައި ފުރަތަމަ ބުރު އަންނަ އާދިއްތަ ދުވަހު ފަށާނީ 51 ގެއާ އެކުގަ އެވެ. އަދި އެ ހިދުމަތް އަންނަ އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން މާލޭގެ ހުރިހާ ސަރަހައްދެއްގައި ދޭނެކަން ވެސް އޭނާ އިއުލާނު ކުރެއްވި އެވެ.

ވެމްކޯ އިން ވަނީ މި ހިދުމަތް ފަށަން ތައްޔާރުވުމުގެ ގޮތުން ކުނި އުކާލަން ހަރަކާތްތެރިވާ މީހުން ބައިވެރިކޮށްގެން މާކެޓް ސާވޭއެއް ހަދައިފަ އެވެ. އަދި ހިދުމަތް ދިނުމަށް ބޭނުންވާ ކޮމްޕެކްޓާ ޓްރަކާއި ޑަމްޕް ޓްރަކް އަދި ޓްރައިސިކަލް ފަދަ އުޅަނދުތައް ހޯދަން ވެސް ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.

ފުއާދު ވިދާޅުވި ގޮތުގައި ކުނި އުކާލުމުގެ ހިދުމަތް ދޭން ޓްރަކުގައި ފެށިޔަސް، ވަރަށް އަވަހަށް ޓްރައިސިކަލާއި އެ ނޫން ވެސް އެކަމަށް ބޭނުންވާ އުޅަނދުތައް ރާއްޖެ ގެންނާނެ އެވެ. އެކަމަކު، ފުރަތަމަ ފަށާ އިރު ވެސް، ޓްރަކުތައް މާލޭގެ މާލޭގެ މަގުތަކުގައި ހަރަކާތްތެރިވާނީ، އޭނާ ވިދާޅުވި ގޮތުގައި، ބަންދުކޮށްގެން، ކުނި މަގުމައްޗަށް ނޭޅޭނެ ގޮތަށް އަދި ނުބައި ވަސް ނުދުވާނެ ގޮތަކަށެވެ.

"މިއީ މުސްތަގުބަލަށް ކުރާ އިންވެސްޓްމަންޓެއް. އަޅުގަނޑުމެންގެ ޓޫރިޒަމާއި އަޅުގަނޑުމެންގެ މަސްވެރިކަން މިއީ ތިމާވެއްޓަށް ޑިޕެންޑްވެފައި އޮންނަ ދެ ކަން ކަމުން، މި މަސައްކަތް، ކުނި މެނޭޖު ކުރަން މިއަދު ހޭދަކުރާ ކޮންމެ ފައިސާ ފޮއްޗަކީ އަޅުގަނޑުމެންގެ މުސްތަގުބަލަށް ކުރާ އިންވެސްޓްމަންޓެއް،" މާލޭގެ ކުނި މެނޭޖުކުރުން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން ބޭއްވި ރަސްމިއްޔާތުގައި ފުއާދު ވިދާޅުވި އެވެ.

މާލޭގެ ކުނި މެނޭޖުކުރުން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ފުއާދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މާލޭގެ ކުނި މެނޭޖުކުރުން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ފުއާދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މި ރަސްމިއްޔާތަށް ފަހު، ވެމްކޯގެ ފެސިލިޓީޒް މެނޭޖަރު އިސްމާއިލް ލުބައިދު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި، ގޭގެ އިން ކުނި އުކާލުމުގެ ފުރަތަމަ ބުރުގައި ޒޯން އެެކެއްގައި ހިމެނޭ އާބާދީގެ ވަރަށް ބޮޑު ބައެއް ވަނީ ރަޖިސްޓްރީކޮށްފަ އެވެ. މި މަސައްކަތް ބައި ބަޔަށް ބަހާލައިގެން ކުރާ އިރު، އެއްވެސް ބަޔަކަށް މަޖުބޫރު ނުކުރާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

މާލޭގެ ކުނީގެ މައްސަލަ ހައްލުކުރަން ހަވާލުކޮށްފައިވާ ވެމްކޯ އިން ވަނީ ބޮޑު މަޝްރޫއުއެއް ފަށައިފަ އެވެ. އެ މަޝްރޫއުގެ ދަށުން، އިންޑަސްޓްރިއަލް ވިލެޖުގައި ކުނި އުކާލަން ހާއްސަ ކޮށްފައިވާ ބިން ތަރައްގީކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އަދި ތިލަފުށީގައި ކުނި ނައްތާލާނެ ނިޒާމެއް ގާއިމްކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ވަނީ ހިމަނައިފަ އެވެ.