Roadha Mihaaru
ފްލެޓުތަކާ ގުޅޭ ގޮތުން އަސްލަމްގެ ނާއުންމީދީ ޖަވާބެއް!

މި ސަރުކާރުގެ ފްލެޓުތައް: އަސްލަމްގެ ނާއުންމީދީ ޖަވާބެއް!

22 މާޗް 2022

މި ސަރުކާރުން މާލެ ސަރަހައްދުގައި ކުރިޔަށް ގެންދާ ހައުސިންގެ ގިނަ މަޝްރޫއުތައް މި ދައުރުގެ ތެރޭގައި ނުނިމޭނެ ކަމަށް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައުލޫމާތުތަކުން އެނގިއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މި ސަރުކާރުން މާލެ ސަރަހައްދުގައި ކުރިޔަށް ގެންދާ ހައުސިންގެ ގިނަ މަޝްރޫއުތައް މި ދައުރުގެ ތެރޭގައި ނުނިމޭނެ ކަމަށް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައުލޫމާތުތަކުން އެނގިއްޖެ އެވެ.

މި ސަރުކާރުގެ އަމާޒަކަށް ވެފައި އޮތީ މާލޭގައި 13،000-15،000 ފްލެޓް އެޅުމެވެ. އެކަމަކު މިހާރު ފަށާފައި ހުރި މަޝްރޫއުތައް ވެސް އެހާ ލަސް ކަމުގެ ޝަކުވާ ބޮޑުއިރު މި އަދަދަށް ފްލެޓް އެޅުމުގެ މަސައްކަތް ކުރެވޭނެތޯ ދިޔައީ ސުވާލު އުފައްދަމުންނެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ފަރާތުން ލިޔުމުން ޖަވާބު ހޯދުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ފޮނުއްވީ ރިޔާސީ ބަޔާނުގައި ރައީސް އިއުލާން ކުރެއްވި ހައުސިން މަޝްރޫއުތަކުގެ ހުރިހާ ތަފްސީލެއް ހޯދުމަށެވެ. އެ ޖަވާބުތަކުން އެނގުނީ ދައުރުގެ ބާކީ އޮތް ދޮޅު އަހަރުގެ ތެރޭގައި ނިމޭނީ މަދު ހައުސިން ޔުނިޓްތަކެއް ކަމެވެ.

އަސްލަމް ފޮނުވި ޖަވާބުގައި ވިދާޅުވީ މި ސަރުކާރުން ކުރިޔަށް ގެންދާ 5000 ހައުސިން ޔުނިޓް މަޝްރޫއުގެ ތެރެއިން 2000 ފްލެޓް ހަވާލު ކޮށްފައި ވަނީ ޖޭއެމްސީ އިންޑިއާ ލިމިޓެޑް އާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް ހައުސިންގެ 600 ޔުނިޓާއި އެފޯޑަބަލް ޔުނިޓުގެ 1400 ޔުނިޓެވެ.

މަސައްކަތް ފެށުމަށް މިދިޔަ އަހަރު ނޮވެމްބަރު މަހު ސައިޓް ހަވާލު ކޮށްފައިވާ ކަމަށާއި މަޝްރޫއު ނިމޭނީ 2025 ގައި ކަމަށް އަސްލަމް ވިދާޅުވެފައިވެ އެވެ.

އެންބީސީސީ އިންޑިއާ ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އިތުރު 2000 ހައުސިން ޔުނިޓް ހަވާލު ކޮށްފައިވާ ކަމަށާއި އޭގައި ވެސް ހިމެނެނީ 600 ކައުންސިލް ހައުސިން ޔުނިޓާއި 1400 އެފޯޑަބަލް ރޭންޖުގެ ޔުނިޓުތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ބިންތައް މިދިޔަ އަހަރު ޑިސެމްބަރުގައި ހަވާލު ކޮށްފައިވާ ކަމަށާއި ނަމަވެސް ޕްރޮޖެކްޓުތައް ނިމޭނީ 2024 ގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން އެޕޯލޯ ހޯލްޑިގްސް ކުންފުންޏާ 1042 ހައުސިން ޔުނިޓް އަޅަން ހަވާލު ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި 120 ކައުންސިލް ޔުނިޓާއި އެފޯޑަބަލް ރޭންޖުގެ 240 ޔުނިޓް އަދި މިޑްރޭންޖުގެ 682 ޔުނިޓް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެ މަޝްރޫއު ނިމޭނެ ތާރީހެއް އަސްލަމް ފޮނުވި ލިޔުމުގައި ހިމަނާފައެއް ނެތެވެ.

އެނގިފައިވާ ގޮތުގައި އެޕޯލޯ އާއެކު ހެދި އެއްބަސްވުގެ ދަށުން މުޅި މަޝްރޫއު ނިންމަން އެއްބަސްވެފައި ވަނީ 2024 އަށެވެ. ނަމަވެސް އޭގެ ކުރިން 2023 ގައި ބައެއްް ހައުސިން ޔުނިޓުތައް ނިންމާ ހަވާލު ކުރުމުގެ މަސައްކަތް ކުރަން ސަރުކާރުން އޮތީ ރާވައިފަ އެވެ.