Roadha Mihaaru
"އިސްތިއުނާފް ކުރި ކަމަށް އޮޅުވައިލުމަކީ ޖަރީމާއެއް"

އިންތިހާބުގެ ހުކުމް އިސްތިއުނާފް ކުރި ކަމަށް އޮޅުވާލުމަކީ ހިންގި ޖަރީމާއެއް: އެމްޔޫއޯ

21 ޑިސެމްބަރ 2016

އަންނަ ޖެނުއަރީ 14 ގައި ބާއްވަން ނިންމި ލޯކަލް ކައުންސިލް އިންތިހާބު ދެ މަހަށް ފަސް ކުރަން ސިވިލް ކޯޓުން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އޮޅުވައިލުމަކީ ހިންގި ޖަރީމާއެއް ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަންނަ ޖެނުއަރީ 14 ގައި ބާއްވަން ނިންމި ލޯކަލް ކައުންސިލް އިންތިހާބު ދެ މަހަށް ފަސް ކުރަން ސިވިލް ކޯޓުން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އޮޅުވައިލުމަކީ ހިންގި ޖަރީމާއެއް ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން މިއަދު ބުނެފި އެވެ.

އެމްޔޫއޯ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިންތިހާބުގެ މައްސަލަ އިލެކްޝަންސް ކޮމިޝަނުން އިސްތިއުނާފް ނުކުރީ، ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވާ ގޮތަށް އިންތިހާބު ލަސްކުރަން ސަރުކާރާއި ކޯޓުތަކާ ގުޅިގެން ކަމަށެވެ.

އިންތިހާބު ލަސްކުރި މައްސަލަ އިލެކްޝަންސް ކޮމިޝަނުން އިސްތިއުނާފްކޮށްފައިވާ ކަމަށް ބުނެފައިވީ ނަމަވެސް ހައި ކޯޓުގައި މައްސަލަ އިސްތިއުނާފްކުރީ އިއްޔެ އެވެ. ކޯޓުން މިހާރު ވަނީ މައްސަލަ ބަލައިގެންފަ އެވެ.

ބަޔާނުގައި ބުނި ގޮތުގައި މައްސަލަ އިސްތިއުނާފް ނުކޮށް، އިލެކްޝަންސް ކޮމިޝަނުން އިންތިޒާރު ކުރަނީ ހައި ކޯޓުގެ ނިންމުމަށް ކަމަށް ބުނެ ގައުމީ ލަފާ ދޭ ކޮމެޓީ އާއި މީޑިއާތަކުގައި ވެސް ކޮމިޝަނުން ވަނީ ދޮގު މައުލޫމާތު ފަތުރައިފަ އެވެ.

"މިގޮތަށް ދޮގު މައުލޫމާތު ދީގެން ގައުމީ ލަފާ ދޭ ކޮމެޓީގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން ދާ ކަމީ ހިތާމަ ހުރި ކަމެކެވެ،" އެމްޔޫއޯގެ ބަޔާނުގައިވެ އެވެ.

އެމްޔޯއޯ އިން ބުނީ އިންތިހާބު އޮންނަ ތާރީހު ކަށަވަރު ނުވެ، ރައްޔިތުންނާއި ކެންޑިޑޭޓުން ވާނުވާ ނޭނގުމެއްގެ ތެރޭގައި ބޭތިއްބުމަކީ ލާމަރުކަޒީ ނިޒާމު ހަރާބުކޮށްލަން ކުރާ ކަމެއް ކަމަށެވެ. އަދި އެއީ، ދައުލަތް ހިންގަން އެކުލަވާލާފައި އޮތް އިންތިޒާމްތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުވާލަން ކުރާ ކަމެއް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

އިންތިހާބުން ރައްޔިތުންގެ މަންދޫބުން ކަނޑައަޅަން އޮންނަ ފުރުސަތު ނަގާލައި ނިޒާމް ގަޑުބަޑުކުރުމަކީ، ގާނޫނުއަސާސީގައި ރައްޔިތުންގެ ބާރުތަކާ ގުޅޭ މަހްފޫމް އޮޅި، ވެރިކަން ހަމަ މަގުން ހިންގަން ބާރު އެޅުމާއި ވެރިން ޖަވާބުދާރީ ކުރުވަން ރައްޔިތުންނަށް ލިބޭ ފުރުސަތު ގެއްލޭނެ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ. އަދި އެއީ، ގައުމުގެ އިގްތިސާދަށާއި އިޖުތިމާއީ ކަންކަމާއި އާާއްމު ދިރިއުޅުމަށް ވެސް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަސަރުކުރާނެ ކަމެއް ކަމަށް އެމްޔޫއޯ އިން ބުންޏެވެ.

އިސްތިއުނާފަށް ހުށަހެޅި މައްސަލާގައި ދަށު ކޯޓުގެ ހުކުމް ގޯސް ކަމަށް ހައި ކޯޓުން މިހާރު ނިންމިޔަސް، ޖެނުއަރީ 14 ގައި އިންތިހާބު ބޭއްވުމުގެ ފުރުސަތު މިހާރު ވަނީ ގެއްލިފަ އެވެ.