Roadha Mihaaru
މިސްކިތް ރަސްމީކޮށް ނުހުޅިވިއަސް ނަމާދުކުރަން ފަށާނެ

ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވިއަސް ރޯދަ މަހު ނަމާދުކުރަން ފަށާނެ

20 މާޗް 2022

ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވި ނަމަވެސް އެ ތަނުގައި އަންނަ ރޯދައަށް ނަމާދުކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވި ނަމަވެސް އެ ތަނުގައި އަންނަ ރޯދައަށް ނަމާދުކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހަރަދުކޮށްގެން އެޅި މިސްކިތުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރެވެ. ދެ އަހަރުގެ ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމިއަސް ތެރޭގައި ތަފާތު އެކި ސަބަބުތަކާ ހުރެ އިމާރާތް ބޭނުންކުރަން ފެށިފައެއް އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް ވިދާޅުވީ އެންމެ ލަސްވެގެން އަންނަ ރޯދައިގެ ފުރަތަމަ ދުވަހު ނަމާދުކުރާ ބައި ހުޅުވައި، ނަމާދުކުރަން ފަށާނެ ކަމަށެވެ. އެކަމަކު، މިސްކިތް އެއްކޮށް ނުހުޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަފްރާހު ވިދާޅުވީ ކިންގް ސަލްމާން މިސްކިތް ނުހުޅުވައި ލަސްވެގެން ދަނީ ވެސް އެ ތަނަށް ބޭނުންވާ ފަރުނީޗަރާއި އޮފީސް ބަޔަށް ބޭނުންވާ ބައެއް އެއްޗެހި ނުލިބޭތީ ކަމަށެވެ. އެކަމަކު، އެ ހުރިހާ އެއްޗެއް ފުރިހަމަވުމުން މިސްކިތް އެއްކޮށް ހުޅުވާލާނެ ކަމަށް އަފްރާހް ވިދާޅުވި އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ ދެ ވަނަ ދުވަހެވެ.

ކިންގް ސަލްމާން މިސްކިތް ނުހުޅުވި ލަސްވެގެންދާތީ އާއްމުންގެ ބޮޑެތި ފާޑުކިޔުންތައް ވެސް ސަރުކާރަށް އަމާޒުވެފައިވެ އެވެ. އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ މިދިޔަ ޑިސެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވައިފަ އެވެ.

އެ ސިޓީގައި ވިދާޅުވީ މި ރޯދައަށް މިސްކިތް ހުޅުވުމަށް ބޭނުންވާ ތަކެތި ގަތުމަށް ދެ މިލިއަން ޑޮލަރު ސައުދީ ސަރުކާރުން ދޭނެ ކަމަށް ފޮރިން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އެހެންވެ، އޭނާ އެދިވަޑައިގަތީ މިސްކިތަށް ބޭނުންވާ ފަރުނީޗަރު ހޯދުމުގެ މަސައްކަތް އަވަސްކުރުމަށް ދައުލަތުގެ ބަޖެޓުން އެ ފައިސާ ހަމަޖައްސައިދިނުމަށެވެ.