19 މާޗް 2022
ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1962 ވަނަ އަހަރު، ގދ. ތިނަދޫން މީހުން ބޭލި ހާދިސާގެ އަޑުއެހުންތައް އިންތިގާލީ އިންސާފުގެ އޮފީހުން ފަށައި އޭގެ އަސަރުކުރި އާއިލާތަކުގެ ބަޔާން ނަގަން މިއަދު ފަށައިފި އެވެ.
ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1962 ވަނަ އަހަރު، ގދ. ތިނަދޫން މީހުން ބޭލި ހާދިސާގެ އަޑުއެހުންތައް އިންތިގާލީ އިންސާފުގެ އޮފީހުން ފަށައި އޭގެ އަސަރުކުރި އާއިލާތަކުގެ ބަޔާން ނަގަން މިއަދު ފަށައިފި އެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން، ތިނަދޫގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ކެމްޕަހުގައި ފަށައިގެން ދެ ގަޑިއިރަށް ކުރިއަށްދިޔައިރު ތިނަދޫގެ ބައެއް ދުވަސްވީ މީހުން ވަނީ އޭރުގެ ރައީސްް އިބްރާހިމް ނާސިރު، ސަރުކާރުގެ ވަފުދާ އެކު ގދ. ތިނަދު އަށް ވަޑައިގެން އެ ރަށުން މީހުންނާ މެދު އަމަލުކުރި ލާއިންސާނީ އަނިޔާތައް ވަރަށް ތަފްސީލާ އެކު ކިޔައިދީފަ އެވެ.
އާންމުކޮށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް އެ އޮފީހުން ކުރިއަށް ގެންދާ އެ އަޑުއެހުމުގައި، ރަށުން މީހުން ބޭލި ހާދިސާގައި ސީދާ އަނިޔާ ލިބުނު މީހެއްގެ ހައިސިއްޔަތުން ބަޔާންދެމުން ތިނަދޫގެ، އާދަމް ހުސެއިން ބުނީ ރަށުގައި ބަޑިޖަހާ އަނިޔާތައް ދެމުންދިޔައިރު އޭނާގެ އުމުރުން ތިން އަހަރު ކަމަށެވެ. އަދި އެ ހަމަލާތަކުގައި އޭނާގެ އެއްބަނޑެއް ބަފާ ތިން މީހުން މަރުވިއިރު މަންމައަށް ސަލާމަތްކުރެވުނީ އޭނާ އެކަނި ކަމަށެވެ.
"މިރަށުން ބޭލީ ވަރަށް ވިއްސާރަ ދުވަހެއްގެ ރެޔެއްގައި. ވާރޭވެހެމުންދިޔަ. މަންމަ ދިޔައީ ކާނޑެއްދު އަށް އަނެއް ދުވަހު މަޑަވެއްޔަށް. އާއިލާ މީހުން ތިއްބަސް އެކަކު އަނެކަކަށް އެހީވެވޭނެ ހާލަތެއްގައެއް ނޫން އެ ދުވަހު ކަންތައް އޮތީ،" ތިން އަހަރުގެ ހަނދާންތައް އާކޮށް އޭނާ ކިޔައިދޭން ފެށި އެވެ.
ދިވެހި ސިފައިންނަކީ ތިނަދޫގެ ނަސްލު އޮޅުވާލާފައި ތިބި ބައެއްގެ ގޮތުގައި ތުހުމަތުކޮށް އޭނާ ބުނީ ސިފައިން އެ މީހުންގެ ގެތަކަށް ވަން ގޮތަށް މައިންބަފައިންގެ ފޮށިތަކުން އެމީހުން ބޭނުން ސާމާނެއް ނަގައިގެން ދިޔަ ކަމަށެވެ. އަދި ރަށްރަށުގެ ކަތީބުންނާއި ވެރިން ވެސް ކަންތައް ކުރީ ވަރަށް އިހާނެތިކޮށް ކަމަށާއި އެހެންވެ ރަށުން ބޭރުވާން މަޖުބޫރުވި ކަމަށެވެ.
"އެ ހިސާބުން ދިރިއުޅުމުގެ ހުރިޙާ އެއްޗެއް ގެއްލުނީ. މައުލޫމާތު ލިބޭ ގޮތުގައި އަޅުގަނޑުމެންގެ ގެ ވެސް ވަނީ ސިފައިން ވަނީ ހުޅުޖަހައި އަންދާލާފައި. ކޮބައިތޯ އިންސާނިއްޔަތުކަމަކީ،"
"މާތްالله ހަޒުރަތުގައި މި ދައުވާކުރުމަށް ފަހު ނޫނީ ދުވަހަކު ވެސް ނާސިރަށް މާފެއް ނުކުރާނަން،"
ތިނަދޫ މީހުން ކުރި ކުށަކީ ކޮބައިކަން އެ މީހުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން ރަށުން ބޭރަށް އެއްލާލީ ކީއްވެކަން ބުނެދޭން ޖެހޭ. ހަމަ ސީދާ ކަނޑަށް އަޅާލީ. އެތައް ބަޔަކު ނިޔާވީ. ކަނޑުގައި ފަތަފަތާ މަންމަ ކޮތީ ކުޑަކުޑަ ތާހަކަށް އަޅުގަނޑު ލައިގެން. ބަޔަކު ކަނޑުފައްޗެއްގައި އައިސް ސަލާމަތްކުރީ،" އޭނާ ބުންޏެވެ.
ތިނަދޫން މީހުން ބޭލުވި މައްސަލައިގައި އާދަމް ހުސެއިން ބަޔާން ދެނީ--
މަޑަވެއްޔަށް ދިއުމަށް ފަހު ވެސް އުޅެން ޖެހުނު ނިކަމެތި ހާލު ކިޔައިދެމުން އޭނާ ބުނީ ގޭގެއަށް ނާށި ހިފައިގެން ދައްތައާ އެކު ސަލާން ޖަހަން ދިޔަ ކަމަށާއި އެ ނާއްޓަށް ބަޔަކު ގަރުދިޔަކޮޅެއް އަޅައިދިނުމުން ދެން ގޮސް ވަލުތެރެއިން ކިހާ ހޯދައިގެން ކައި އުޅުނު ކަމަށެވެ.
"އަޅުގަނޑުގެ ދައްތަ ނިޔާވީ މީދާ ވިހަވެގެން. ކާނެ އެއްޗެއް ނެތި ތަންތަނުން ފެނުނުހާ އެއްޗެއް ކައިގެން،" އޭނާ ރޮވުމުން ބުންޏެވެ.
އެ ހާދިސާއާ އެކު ވަރަށް ބޮޑަށް ނަފްސާނީވެފައިވާ ކަމަށާއި އެކަމުގައި ދައުލަތަށް ބަދަލެއް ދެވޭނެ ކަމަށް ގަބޫލުނުކުރިޔަސް އެ ބަޔާން ދެނީ މީހުންނަށް އެކަމުގެ މައުލޫމާތު ދޭން ކަމަށް އޭނާ ބުންޏެވެ.
އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެ އަޑުއެހުމުގައި ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް ވަނީ އޭނާއާ އިތުރު ސުވާލުތައް ވެސް ކުރިމަތިކޮށްފަ އެވެ. އޭގެ ތެރޭގައި ވަކިއިރެއްގެ ކުރިން ރަށުން ފޭބުމަށް އެންގިތޯ އާއި މުދާތައް އަންދާލި ގޮތުގެ މައުލޫމާތު ވެސް އޮޅުންފިލުއްވި އެވެ.
އޭނާގެ މަންމަ އާއި އަދިވެސް ރަށުގެ އިތުރު މީހުންނާ ހަވާލާދީ އޭނާ ބުނީ ރަށުން ފޭބުމަށް އެންގީ އެ ދުވަހުގެ އިރުއޮއްސި ހައެއްގެ ކުރިން ކަމަށާއި އެކަމަކު އެ އެންގުން އެންގި ވަގުތު ސާފުނުވާ ކަމަށެވެ.
އެ އަޑުއެހުމުގައި ބަޔާން ދިން ތިނަދޫ، އައިޝަތު ހުސެއިން ބުނީ އޭނާގެ ބައްޕަ ނިޔާވީ ނާސިރާ އެކު ދިޔަ ސިފައިން ދިން ބަޑީގެ ހަަމަލާގައި ކަމަށެވެ. އޭރު މަންޒަރު ފެނި މަންމަ ހެޔަށް ގޮތްވެގެން ގެއަށް ގެންދިޔަ ކަމަށާއި އޭނާގެ ކުދި ކުދިންތައް ކިހިލި ޖަހައިގެން އޭރު ވެސް އެތަނުގައި އޭނާ ހުރި ކަމަށެވެ. އަދި ރަށުން ފައިބަން އެންގުމުން ރަށުގެ ރައްޔިތުން ބައްތެލިތަކާ ދިމާލަށް ދުވެފައި ދިޔަ ކަމަށާއި އޭރު ބައެއް ގެތަށް އަނދަންމުންދިޔަ ކަމަށެވެ.
އައިޝަތު ހުސެއިން ބަޔާން ދެނީ--
ރަށުން ފައިބަން އެހެން ރަށަކަށް ދޯނީގައި ދިއުމަށް އުފުލި ތަކުލީފްތައް ވެސް އޭނާ ކިޔައިދިނެވެ. އަދި ރަށަށް އަނބުރާ އެރުވީ އެ ހާލެއްގައި އެތައް އަހަރަކު ތެޅުވުމަށް ފަހު ކަމަށް ބުންޏެވެ،
އެ ރަށު އައިޝަތު ފަރީދާ އޭނާއަށް ދިމާވި ހާދިސާތައް ކިޔައިދެމުން ބުނީ ގެއިން ބޭރުކޮށް ދިން އަނިޔާތަކުގެ ވާހަކަ އެވެ. އޭނާ ބުނީ މަގުމަތިން ހުއްސަރި ބައި އަންހެނަކު ފެނިއްޖެ ނަމަ، އެއީ ރަށަށް އެރި ސިފައިންގެ މީހުންގެ އަނބިގެން ގޮތުގައި ހަދައިގެން އުޅުނު ކަމަށާއި ބަޑި ޖަހައި އެތައް ބަޔަކު މެރި ކަމަށެވެ.
އޭރު އުމުރުން 17 އަހަރުގެ ފަރީދާ ބުނީ، ގެއާއި މުދަލާއި ހުރިހާ އެއްޗެއް އެމީހުން ނެގި ކަމަށެވެ. އާއިލާގެ ބައެއް މީހުން ޖަލަށް ލައި ވަރަށް ގަދައަށް އަނިޔާކޮށް އަރުވާލުމުގެ ސަބަބުން ނަފްސާނީވި ކަމަށް އޭނާ ކިޔައިދިނެވެ. އެ ދިން އަނިޔާތަކާ އެކު ދަރިން ގޮވައިގެން އޭނާ އައީ މާލެއަށެވެ. އަދި ފަހުން ރަށުގައި ދިރިއުޅެން ފެށީ ދެވަނަ ފަހަރަށް ރަށުގައި މީހުން ވަޒަންވެރިވާން ފެށުމުންނެވެ.
ދައުލަތުގެ މީޑިއާ އިން ލައިވްކުރަމުން އަންނަ އެ މައްސަލަގެ އަޑުއެހުންތައް ދެން ކުރިއަށްދާނީ މިއަދު މެންދުރު 2:30 އިން ހަވީރު 6:00 އަށެވެ.
މީގެ ދެ އަހަރު ކުރިން ފާސްކޮށް، އަމަލުކުރަމުން އަންނަ އިންތިގާލީ އިންސާފުގެ ގާނޫނުގައި އޮތް ގޮތުން އެ ގާނޫނުގެ ދަށުން އިންސާފު ހޯދޭނީ ޖެނުއަރީ 1، 1953 އިން ނޮވެމްބަރު 17، 2018 އާ ހަމަ އަށް ހިންގާފައިވާ ކަންކަމަށެވެ. އެ މުއްދަތުގައި ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުން ގާނޫނުން އެ އޮފީހަށް ލާޒިމްކޮށްފައިވެ އެވެ.
ބައިގަރުނު ކުރީގެ ބައްތެއްޔެއްގެ މައްސަލަ ކޯޓުން ބޭރު
ބަޔާން ދޭނެ މީހަކު ނުވެ މައުލޫއު ފުޅާކޮށްފި
ތިނަދޫގެ މައްސަލާގައި ބަޔާން ދޭނެ މީހުން ނުވޭ!
ބަޔާންދޭނެ މީހުން މަދު، ތިނަދޫގެ އަޑުއެހުން ފަސްްކޮށްފި
ނަފްރަތުގެ ހުޅުގަނޑުން ސުލްހަވެވިދާނެތޯ އުފެދޭ ސުވާލު!
ތިނަދޫ މައްސަލައިގެ އަޑުއެހުން އާންމުކޮށް ހުޅުވާލަނީ
އިންތިގާލީ އިންސާފުގެ އޮފީހުން ކެމްޕެއިނެއް ފަށަނީ
ތިނަދުއަށް ސިޓީގެ ދަރަޖަ ދިން މައްސަލަ މަޖިލީހަށް
ޑެޕިއުޓީ މިނިސްޓަރު ރާގިބު މަގާމުން ވަކިކޮށްފި
ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ކޯޓަށް