Roadha Mihaaru
އެންމެ ގިނަ މީހުން މަރުވީ ހިތުގެ މައްސަލަތަކުގައި!

ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވީ ހިތުގެ މައްސަލަތަކުގައި!

17 މާޗް 2022

ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން 2020 ވަނަ އަހަރު ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވީ ހިތުގެ މައްސަލަތަކުގައި ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން 2020 ވަނަ އަހަރު ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވީ ހިތުގެ މައްސަލަތަކުގައި ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފި އެވެ.

މިނިސްޓްރީން މިދިޔަ މަހުގެ ފަހުކޮޅު ނެރުނު ސިއްހީ ދާއިރާގެ 2020 ވަނަ އަހަރުގެ ތަފާސްހިސާބު ރިޕޯޓުގައި ވަނީ ރާއްޖޭގައި ބަލިތައް ޖެހިގެން ރިޕޯޓުކުރި މިންވަރާއި މަރު އަދި ޕަބްލިކް ހެލްތުގެ ހާލަތު ވަރަށް ރަނގަޅަށް ބަޔާންކޮށްދީފައިވެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން އެޑްމިޓްކޮށްގެން ފަރުވާ ދިން މީހުންގެ 35 ޕަސެންޓަކީ ގައިންގަޔަށް ނާރާ ބަލިތައް ތަހައްމަލްކުރާ މީހުންނެވެ. އެ އަހަރު 42،088 މީހުންނަށް އެޑްމިޓުކޮށްގެން ފަރުވާދިން އިރު، ގައިންގަޔަށް ނާރާ ބަލިތަކުގައި 2020 ގައި 14،731 މީހުންނަށް ފަރުވާ ދިނެވެ.

ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ދިވެހިންގެ ތެރޭގައި އެންމެ ގިނައީ ކާޑިއޮވެސްކިއުލާ ނުވަތަ ހިތުގެ ބަލިތަކެވެ. ހިތުގެ ބަލިތަކުގައި 1،757 ފިރިހެނުން އަދި 1،028 އަންހެނުން އެޑްމިޓްކޮށްގެން ފަރުވާދިނެވެ. ދެ ވަނައަށް އެންމެ ގިނައީ، ކުޑަކަމުދާ ނިޒާމާއި ޖިންސީ ގުނަވަނަށް ޖެހޭ ބަލިތަކުގައި އެޑްމިޓުކޮށްގެން ފަރުވާ ދިން މީހުންނެވެ.

އޭޑީކޭގެ ކާޑިއެކް ސެންޓަރު.-- ފައިލް ފޮޓޯ: މިހާރު

އޭޑީކޭގެ ކާޑިއެކް ސެންޓަރު.-- ފައިލް ފޮޓޯ: މިހާރު

އެ ބަލިތަކުގައި 842 ފިރިހެނުންނާއި 1848 އަންހެނުންނަށް އެޑްމިޓުކޮށްގެން ފަރުވާދިނެވެ. ހަޖަމުގެ މައްސަލަތަކުގައި 2،464 މީހުން އެޑްމިޓުކުރި އެވެ.

ރިޕޯޓުގައިވާ ގޮތުން 2020 ވަނަ އަހަރު 35-64 އަހަރާ ދެމެދުގެ އަންހެނުންނާއި ފިރިހެނުންގެ ތެރެއިން އެންމެ ގިނަ މީހުން މަރުވީ ވެސް ހިތުގެ މައްސަލަތަކުގަ އެވެ. އޭގައިވާ ގޮތުން، 35-44 އަހަރާ ދެމެދުގެ 12 ޕަސެންޓާއި 45-54 އަހަރާ ދެމެދުގެ 18 އަދި 55-64 އަހަރާ ދެމެދުގެ 19 ޕަސެންޓް މީހުން މަރުވެފައި ވަނީ ކާޑިއޯވެސްކިއުލާ ބަލިތަކުގަ އެވެ.

އަންހެނުންގެ ތެރޭގައި ވެސް 35-64 އަހަރާ ދެމެދުގެ ތެރޭގައި އެންމެ ގިނައީ ހިތުގެ ބަލިތަކުގައި މަރުވި މީހުންނެވެ. އެގޮތުން، 35-44 އަހަރާ ދެމެދުގެ 18 ޕަސެންޓް މީހުން އިސްކީމިކް ހިތުގެ ބަލީގައި އަދި 45-54 ޕަސެންޓާ ދެމެދުގެ 12 ޕަސެންޓު އަދި 55-64 އަހަރާ ދެމެދުގެ 15 ޕަސެންޓު މީހުން މަރުވީ ކާޑިއޮވެސްކިއުލާ ބަލިތަކުގަ އެވެ.

ފިރިހެނުންގެ 35-44 އަހަރާ ދެމެދުގެ 12 ޕަސެންޓާއި 45-54 އަހަރާ ދެމެދުގެ 16 އަދި 55-64 އަހަރާ ދެމެދުގެ 17 ޕަސެންޓު މީހުން 2020 ވަނަ އަހަރު މަރުވީ ކާޑިއޮވެސްކިއުލާގެ ބަލިތަކުގަ އެވެ.

މިނިސްޓްރީން ބުނީ 2020 ވަނަ އަހަރު 1،278 ދިވެހިން މަރުވި ކަމަށެވެ. އޭގެ ތެރެއިން ގައިންގަޔަށް ނާރާ ބަލިތަކުގައި 838 މީހުން މަރުވި އެވެ. ގައިންގަޔަށް އަރާ ބަލިތަކާއި ވިހެއުމުގެ ތެރޭގައި އަދި ނިއުޓްރިޝަން ކޮންޑިޝަންތަކުގެ ސަބަބުން 210 މީހުން މަރުވި އެވެ. އަދި އެކި ކަހަލަ ޒަހަމްތަކުގައި 50 މީހުން 2020 ވަނަ އަހަރު މަރުވި އެވެ.