Roadha Mihaaru
ފިޓްނަސް ހިފަހައްޓަން ޖަލުގައިވެސް އަޑޭ ކުޅުނީ ފުޓުބޯޅަ

ފިޓްނަސް ހިފަހައްޓަން ޖަލުގައި ވެސް އަޑުބަރޭ ކުޅުނީ ފުޓުބޯޅަ

08 މާޗް 2022

ޖަލުގައި 15 ދުވަސް ހޭދަ ކުރުމަށް ފަހު ވެލެންސިއާގެ ޕްރެކްޓިހަށް ނުކުތް އަސްހަދު އަލީ (އަޑުބަރޭ) ގެ ފިޓްނަސް ހިފަހައްޓަން ޖަލުގައި ވެސް ފުޓުބޯޅަ ކުޅުނު ކަމަށް އޭނާ ބުނެފި އެވެ.

ޖަލުގައި 15 ދުވަސް ހޭދަ ކުރުމަށް ފަހު ވެލެންސިއާގެ ޕްރެކްޓިހަށް ނުކުތް އަސްހަދު އަލީ (އަޑުބަރޭ) ގެ ފިޓްނަސް ހިފަހައްޓަން ޖަލުގައި ވެސް ފުޓުބޯޅަ ކުޅުނު ކަމަށް އޭނާ ބުނެފި އެވެ.

އަޑުބަރޭ 15 ދުވަހަށް ޖަލަށްލީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުވާލުމުގައި ޖާމިނުވެ، އަލީ ކޯޓަށް ހާޒިރު ނުކުރެވުމުން ކޯޓުގެ ހުރުމަތް ކަނޑާލުމުގެ ކުށުގަ އެވެ. ޖަލު ހުކުމާ އެކު ވަނީ ސްޕޯޓްސް މިނިސްޓްރީގައި އޭނާ އަދާކުރަމުން ދިޔަ ސްޓޭޓް މިނިސްޓަރުގެ މަގާމުން ވަކިކޮށްފަ އެވެ.

"މަގާމު ގެއްލުމަކުން އެކަމާމެދު ނުވިސްނަން. މި ވަގުތު ފުޓްބޯޅަ އަށް ފޯކަސްކޮށްގެން ކުރިއަށްދާން މިހުރީ،" އަޑުބަރޭ "މިހާރަ"ށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

"އެހެންވެ އެއް ވެސް ވަގުތެއް ބޭކާރުކޮށް ނުލަން ވެގެން ޖަލުގައި ވެސް ގައިދީންނާ އެކު ފުޓްބޯޅަ ކުޅުނިން. ފިޓްނަސް ލެވެލް ދަށްވިޔަނުދީ ހިފަހައްޓަން ކުރި ކަމެއް އެއީ." އަޑުބަރޭ، 35، ބުންޏެވެ.

އަޑުބަރޭގެ ފިޓަނަސްއާ މެދު ވެލެންސިއާގެ ކޯޗިން ސްޓާފުން ވެސް ތިބީ ހިތްހަމަޖެހިފަ އެވެ.

"އަޑޭގެ ފިޓްނަސް ކޮންޑިޝަނާ މެދު މާބޮޑު ކޮންސާނެއް ނެތް،" ވެލެންސިއާގެ ޕްރެކްޓިހަށް އިއްޔެ ނުކުންނަން ފެށި އަޑުބަރޭގެ ފިޓްނަސްއާ ބެހޭ ގޮތުން ވެލެންސިއާގެ އެސިސްޓެންޓް ކޯޗު އިސްމާއީލް އާސިފް (ކުުޑަހީނާ) ބުންޏެވެ.

"އެކަމަކު ފަހަރެއްގައި މިއަދު ކުޅޭ މެޗުގައި އޭނާ ބޭނުން ނުކޮށްފާނެ. އެއީ ކޮންމެހެން ފިޓްނަސްއާ ގުޅުން ހުރި ކަމެއް ނޫން. ޓީމާ އެކު ޕްރެކްޓިސް ކުރި ވަގުތު މަދުވީމަ."

ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އިން މިއަދު ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށެވެ. ހީނާ ބުނި ގޮތުގައި އަޑުބަރޭ ޓީމާ ގުޅުމުން ވެލެންސިއާގެ ކުޅުންތެރިންނަށް ވެސް ހިތްހަމަޖެހުން ލިބުނެވެ.

ޓީމުގެ ޑިފެންޑަރު ޑަކްސަން ޕުސްލާސް ކުއްލިގޮތަކަށް މަރުވުމުން ވެލެންސިއާގެ ކުޅުންތެރިންނަށް މިއީ އުނދަގޫ ވަގުތެކެވެ. އެކަމަކު ހީނާ ބުނިގޮތުގައި، އަޑުބަރޭ އެނބުރި އައުމުން ކުޅުންތެރިންނަށް ހިތްވަރެއް ވަނީ ލިބިފަ އެވެ.

އަޑުބަރޭ: އޭނާ ބުނީ ފިޓްނަސް ހިފަހައްޓަން ޖަލުގައި ވެސް ފުޓްބޯޅަ ކުޅުނު ކަމަށް --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އަޑުބަރޭ: އޭނާ ބުނީ ފިޓްނަސް ހިފަހައްޓަން ޖަލުގައި ވެސް ފުޓްބޯޅަ ކުޅުނު ކަމަށް --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އޭނާ ނެތީމަ ވެސް މި ކުޅުންތެރިން ވަރަށް ބޮޑަށް އޭނާގެ ވާހަކަ ދެއްކި. އަނެއްކާ އޭގެ ފަހުން ޑަކްސަން މަރުވި ވަގުތު އަޑޭ ނެތުމުން ކުޅުންތެރިންނަށް އިހްސާސް ކުރެވުނު ވަރަށް ބޮޑު އެއްޗެއް އުނިވެއްޖެކަން. އެއީ އަޑޭ އަކީ ޓީމާ ގުޅުނު ފަހުން ވެސް ކުޅުންތެރިންނަށް ވަރަށް ބޮޑަށް ސަޕޯޓްދޭ މީހެއް. ޒުވާން ކުޅުންތެރިންނަށް ވެސް އޭނަ ވަރަށް ބޮޑަށް ކިޔައިދީ ހިތްވަރުދީ ހަދާ،" ހީނާ ބުންޏެވެ.

އަޑުބަރޭ ބުނި ގޮތުގައި ވެލެންސިއާގެ ޓީމަށް އުނދަގޫ ހާލަތެއް މެދުވެރިވި ވަގުތު ކުޅުންތެރިންނާ އެކު އޭނާ އަށް ނުހުރެވުމުން ދެރަވި އެވެ. އޭނާ ބުނީ ޑަކްސަން ނެތްތަން ފޫބައްދަން ޓީމަށް އެހީތެރިވާން ބޭނުންވާ ކަމަށެވެ.

އަޑުބަރޭ: އޭނާ ބުނީ ސްޓޭޓް މިނިސްޓަރުކަން ގެއްލުނަސް އެކަމާ މެދު ނުވިސްނާ ކަމަށް --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

އަޑުބަރޭ: އޭނާ ބުނީ ސްޓޭޓް މިނިސްޓަރުކަން ގެއްލުނަސް އެކަމާ މެދު ނުވިސްނާ ކަމަށް --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

ކުރީގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯއެއް އޭނާގެ ނުރުހުމުގައި ނަގައިގެން ވެސް އަޑުބަރޭ ޖަލުގައި ބަންދުކުރި އެވެ. އޭނާ ބުނިގޮތުގައި އޭރު ޖަލުގައި ހޭދަ ކުރަން ޖެހުނަސް މާބޮޑު އުނދަގުލެއް ކުރިމަތި ނުވެ އެވެ.

"އޭރު ހައްޔަރު ކުރީ ތަހުގީގަށް. ތަހުގީގު މަރުހަލާ ވީމަ މާބޮޑު ކަމަކަށް ނުވޭ،" އަޑުބަރޭ، 35، ބުންޏެވެ.

"އެކަމަކު ހުކުމެއް ކޮށްގެން ޖަލަށް ލީމަ މެންޓަލީ ވެސް އެ އުނދަގޫވޭ."

މިދިޔަ އަހަރު ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ސީލެޝްލްސްގެ ކެޕްޓަން ކަރު މަތީގައި އަޑުބަރޭ ޖެހުމުން އޭނާ އަށް ވަގުތުން ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ. އެ ހާދިސާއާ ގުޅިގެން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބަލައި ހަ މެޗަށް އަޑުބަރޭ ސަސްޕެންޑްކުރި އެވެ. ނަމަވެސް ސީޒަން ފެށެން ވަގުތު ކުޑަތަންވެފައި ވަނިކޮށް އެފްއޭއެމުން ނެރުނު ބަޔާނުގައި ވަނީ އަޑުބަރޭ ސަސްޕެންޑް ކުރީ ގައުމީ ޓީމު ކުޅޭ ހަ މެޗަށް ކަމަށް ބުނެފަ އެވެ.