Roadha Mihaaru
ބަންގްލަދޭޝް މީހުންނަށް ވިސާގެ މައްސަލަ ކުރިމަތިވެއްޖެ

ބަންގްލަދޭޝް މީހުންނަށް ވޯކް ވިސާ ނުދޭ މައްސަލަ ކުރިމަތިވެއްޖެ

20 ޑިސެމްބަރ 2016

ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބަންގްލަދޭޝް އިން އަންނަ މީހުންނަށް ވިސާ ދޫނުކުރާ މައްސަލަ ކުރިމަތިވެއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބަންގްލަދޭޝް އިން އަންނަ މީހުންނަށް ވިސާ ދޫނުކުރާ މައްސަލަ ކުރިމަތިވެއްޖެ އެވެ.

ބިދޭސީން ގެންނަ ބައެއް ރެކްރޫޓްމަންޓް އެޖެންސީތަކުން ބުނި ގޮތުގައި މީގެ ތިން ހަފުތާއެއްހާ ދުވަސް ކުރިން ފެށިގެން ބަންގްލަދޭޝްގެ މީހުންނަށް ވިސާ ދިނުން އިމިގްރޭޝަނުން ވަނީ ހުއްޓާލައިފަ އެވެ. އިމިގްރޭޝަނާ ހަވާލާދީ، އެޖެންސީތަކުން ބުނީ ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ އެމްބަސީން ވިސާ ޕްރޮސެސް ކުރުމުގައި މައްސަލަތަކެއް އުޅޭ ކަމަށެވެ.

"އެކަމަކު، އެމްބަސީ އަށް ދިއުމުން ބުނީ އިމިގްރޭޝަންގެ ތެރޭގައި އުޅޭ މައްސަލަތަކެއް ކަމަށް،" އެޖެންސީ އަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މި މައްސަލަ ދިމާވެގެން އުޅެނީ، އެޖެންސީތަކުން ބުނި ގޮތުގައި، ހަމައެކަނި ބަންގްލަދޭޝްގެ މީހުން ގެނައުމުގަ އެވެ. އެހެން ގައުމުތަކުގެ މީހުންނަށް ކުރިއެކޭ ވެސް އެއްގޮތަށް ވިސާ ދޫކުރަމުން އައި ނަމަވެސް، ބަންގްލަދޭޝްގެ މީހުންނަށް ވިސާ ހޯދަން ހުށަހަޅާ ފޯމުތައް އިމިގްރޭޝަނުން މިހާރު ބަލައިގަންނަމުން ނުދާ ކަމަށް އެޖެންސީތަކުން ބުންޏެވެ.

އެކަމަކު، އިމިގްރޭޝަންގެ ތަރުޖަމާނު ހަސަން ހަލީލް ވިދާޅުވީ ބަންގްލަދޭޝްގެ މަސައްކަތު މީހުންނަށް ވިސާ ދިނުން ހުއްޓާ ނުލާ ކަމަށެވެ. ނަމަވެސް، ބަންގްލަދޭޝްގެ މީހުންނަށް ވިސާ ދޫކުރުމުގެ ކުރިން، މާލޭގައި ހުންނަ ބަންގްލަދޭޝްގެ އެމްބަސީ މެދުވެރިކޮށް އެ މީހަކު ސްކްރީން ކުރަން މިިދިޔަ މަހުގެ ހަޔަކުން ފެށިގެން ފަށާފައިވާ ކަމަށާއި އެެހެންވެ އެ ކަމަށް ދިގު މުއްދަތެއް ހޭދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވިސާ ނުދެނީކީ ނޫން. މި އުޅެނީ މިކޮޅުގައި ހުންނަ [ބަންގްލަދޭޝްގެ] ހައި ކޮމިޝަންގެ އިންޓާނަލް ޕްރޮސީޖާގެ އުޅޭ ކުޑަ ޑިލޭއެއް،" ހަލީލް ވިދާޅުވި އެވެ.

ވޯކް ވިސާ އަށް އެދި ހުށަހަޅާ މީހުން ސްކްރީން ކުރުމަކީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، ބަންގްލަދޭޝްގެ އެމްބަސީން އަބަދު ވެސް އެދެމުން އަންނަ ކަމެކެވެ. އެހެންވެ، ރާއްޖެ އެެތެރެވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް ވިސްނައިގެން އެކަން ކުރަން ފެށީ ކަމަށް ހަލީލް ވިދާޅުވި އެވެ.

ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ އެމްބަސީން މަސައްކަތު މީހުން ސްކްރީން ކުރަން ފަށާފައިވާ އިރު، ބަންގްލަދޭޝްގައި ހުންނަ ދިވެހި އެމްބަސީން ސެކުއިރިޓީ ޗެކުކޮށްފައި ނޫނީ ބަންގްލަދޭޝްގެ މީހުންނަށް ވަޒީފާތަކަށް ރާއްޖެ ނާދެވޭނެ ގޮތަށް ހަދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެކަމަކު، އެ ގޮތަށް ސެކުއިރިޓީ ޗެކުކުރާކަށް އަދި ނުފަށަ އެވެ.

ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ ބޮޑުވާ ބައެއް ފަހަރު މީގެ ކުރިން ވަނީ ވިސާ ދޫކުރުން ރަސްމީކޮށް ހުއްޓާލައިފަ އެވެ.

ރާއްޖޭގައި 150،000 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތު މީހުން އުޅެ އެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްގެ މީހުން ނިސްބަތުން ގިނައިރު، ވަރަށް ގިނަ އަދަދެއްގެ މީހުން އުޅެނީ ގަވާއިދާ ހިލާފަށެވެ. އެ ފަދަ މީހުން ހޯދައި އަނބުރާ ގައުމަށް ފޮނުވައިލުމަށް އިމިގްރޭޝަނުން ދޭތެރެދޭތެރެއިން އޮޕަރޭޝަންތައް ވެސް ހިންގަ އެވެ.