Roadha Mihaaru
ޓީސީ ބަލިކޮށް މާޒިޔާ އެއްވަނައިގައި ހަމަޖެހިލައިފި

ޓީސީ ބަލިކޮށް މާޒިޔާ އެއްވަނައިގައި ހަމަޖެހިލައިފި

27 ފެބުރުއަރީ 2022

ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ދިވެހި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނަ މަގާމުގައި މާޒިޔާ ހަމަޖެހިލައިފި އެވެ.

ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ދިވެހި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނަ މަގާމުގައި މާޒިޔާ ހަމަޖެހިލައިފި އެވެ.

ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް މާޒިޔާ ވަނީ ނުވަ ޕޮއިންޓް ހޯދައިފަ އެވެ. މާޒިޔާ އޮތީ އެހެން ޓީމުތަކަށް ވުރެ ތިން ޕޮއިންޓް އުހުގަ އެވެ.

ކުރިން ކުޅުނު ދެ މެޗުގައި އިދިކޮޅު ޓީމުގެ ގޯލް ހުޅުވަން މާޒިޔާ އަށް އުނދަގޫވި އެވެ. އެ ދެ މެޗުގައި އެ ޓީމަށް މޮޅު ވެވުނީ ވެސް އުނދަގުލުންނެވެ. އެކަމަކު މިރޭގެ މެޗު ފަށައިގެން ވެސް ޑޮމިނޭޓް ކުރަމުން ގެންދިޔައީ މާޒިޔާއިންނެވެ. އެޓީމުން ކުޅެމުން ދިޔައީ ޓީސީގެ ހާފުގެ ތެރޭގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާގެ އިބްރާހިމް އައިސަމް (ޓޯނީ) އެ ޓީމަށް ލީޑް ނަގައިދިނެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 22 ވަނަ މިނެޓްގަ އެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާ އާި ތީސީ ބައްދަލު ކުރި މެޗުގެ ތެރެއިން: މާޒިޔާއިން ވަނީ ޓީސީ ބަލިކޮށް ތާވަލުގެ އެއްވަނަ މަގާމުގައި ތިން ޕޮއިންޓްގެ ލީޑެއް ނަގާފައި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާ އާި ތީސީ ބައްދަލު ކުރި މެޗުގެ ތެރެއިން: މާޒިޔާއިން ވަނީ ޓީސީ ބަލިކޮށް ތާވަލުގެ އެއްވަނަ މަގާމުގައި ތިން ޕޮއިންޓްގެ ލީޑެއް ނަގާފައި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާޒިޔާގެ ކޯޗް ކަމާ ސާބިއާގެ ޖެސިޗް މިއޮޑްރާގް ހަވާލުވެ މާޒިޔާގެ ގޭމަށް އޭނާ ގެނައި އެންމެ ބޮޑު ބަދަލަކީ ޓީމުގެ އެޓޭކުތަކުގައި މިޑްފީލްޑަރުންގެ ދައުރު ބޮޑު ކުރުވުމެވެ. މިޑްފީލްޑުން ގިނަ ބޯޅަތަކެއް ލައިގެން ކުޅުވާ ސިސްޓަމަށް އޭނާ ވަނީ މާޒިޔާގެ ގޭމް ބަދަލު ކުރުވައިފަ އެވެ.

ކޯނޭލިއަސް ސްޓްވާޓް (ކޯނޭ) މިރޭގެ މެޗުގައި ވެސް ވަނީ ލަނޑު ޖަހައިފަ އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 80 ވަނަ މިނެޓްގަ އެވެ. މާޒިޔާގެ ތިންވަނަ ލަނޑު ހަމްޒާ މުހައްމަދު ހަމްޕް ޖެހީ 85 ވަނަ މިނެޓްގަ އެވެ.

މާޒިޔާ ފިޔަވައި އެހެން ކޮންމެ ޓީމެއް ވަނީ މުބާރާތުގައި ބަލި ވެފަ އެވެ. ލީގުގެ މެޗެއް ދެން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެ އެދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ އެވެ. އެރޭ ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ.