Roadha Mihaaru
ރާއްޖޭގައި ވިހެއުން މަދުވެ ސިޒޭރިއަން އިތުރުވަނީ!

ރާއްޖޭގައި ވިހެއުން މަދުވެ ސިޒޭރިއަން އިތުރުވަނީ!

27 ފެބުރުއަރީ 2022

ރާއްޖޭގައި ސިޒޭރިއަން ހަދާ މީހުން ގިނަވެ، ވިހާ މީހުން މަދުވެއްޖެ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ސިޒޭރިއަން ހަދާ މީހުން ގިނަވެ، ވިހާ މީހުން މަދުވެއްޖެ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ސިއްހީ ދާއިރާގެ 2020 ވަނަ އަހަރުގެ ތަފާސްހިސާބު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2020 ވަނަ އަހަރު 99 ޕަސެންޓު މީހުން ވިހާފައި ވަނީ ހެލްތު ފެސިލީޓީއެއްގަ އެވެ. އަދި ހެލްތު ފެސިލިޓީގައި ވިއްސައިގެން ތުއްތު ދަރިފުޅު ނެގުމަށްވުރެ ސިޒޭރިއަން ހެދުން ގިނަ ވެފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

ފާއިތުވި ފަސް އަހަރުގެ ނަމްބަރުތަކަށް ބަލާއިރު، ސިޒޭރިއަން ހަދާ މީހުންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ. އެގޮތުން، 2016 ވަނަ އަހަރު ސިޒޭރިއަން ހަދާފައި ވަނީ 45 ޕަސެންޓު މީހުންނެވެ. އަދި އެ އަހަރު 55 ޕަސެންޓު މީހުން ގުދުރަތީ ގޮތުން ވިހާފައިވެ އެވެ. ޖެހިގެން އައި 2017 އަދި 2018 ވަނަ އަހަރު އެ އަދަދުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. އެ ދެ އަހަރު ވެސް 53 ޕަސެންޓު މީހުން ވިހައި 47 ޕަސެންޓް މީހުން ސިޒޭރިއަން ހަދާފައިވެ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ސިޒޭރިއަން އަދި ވިހެއި މީހުންގެ ރޭޓް ހުރީ 50 ޕަސެންޓުގަ އެވެ. އަދި 2020 ވަނަ އަހަރު ވިހެއި މީހުންގެ އަދަދު 48 ޕަސެންޓު އަދި ސިޒޭރިއަން ހެދި މީހުން ހުރީ 52 ޕަސެންޓުގަ އެވެ.

އަމިއްލަ އަށް ބޭނުންވެގެން 1،420 މީހުން ސިޒޭރިއަން ހެދިއިރު، އިމަޖެންސީ ހާލަތެއްގެ ސަބަބުން 1،821 މީހުން ސިޒޭރިއަން ހެދި އެވެ.