Roadha Mihaaru
ހަތަރު މިލިއަން ފޭރެން އުޅުމުން ދެ އަހަރަށް ޖަލަށް

ރޫޓް ފިހާރައިގެ ހަތަރު މިލިއަން ރުފިޔާ ފޭރެން އުޅުނު މީހުން ދެ އަހަރަށް ޖަލަށް

21 ފެބުރުއަރީ 2022

ރޫޓް ފިހާރައިގެ 4.2 މިލިއަން ރުފިޔާ ފޭރެން އުޅުނު މައްސަލާގައި ހަތަރު މީހަކު ދެ އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރޫޓް ފިހާރައިގެ 4.2 މިލިއަން ރުފިޔާ ފޭރެން އުޅުނު މައްސަލާގައި ހަތަރު މީހަކު ދެ އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ރޫޓް ފިހާރައިން އޮކްޓޫބަރު، 2020 ގައި ބޭންކް އޮފް ސިލޯނަށް ފައިސާ ޖަމާކުރަން ދިޔަ ވަގުތު ސައިކަލުތަކެއްގައި ގޮސް، ބޭންކް ކުރިމަތިން ފައިސާ ފޭރެން އުޅެނިކޮށް އެކަން ނާކާމިޔާބުކޮށްލައި، ފައިސާތައް ސަލާމަތްކުރީ ބޭންކްގެ ސެކިއުރިޓީ ގާޑެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާކުރީ ލ. ގަން ތުނޑީ ކީމިޔާގޭ، އަބްދުﷲ ރާޝިދާއި ގއ. ވިލިނގިލީ ކަނީރުމާގޭ މުހައްމަދު މުސްއަބު ޒުބައިރާއި ދަފްތަރު ނަމްބަރު 3678 ހުސައިން އަބްދުލްމަޖީދުގެ އިތުރުން ވ. ޕިންކްވިލާ އަހުމަދު އަމީރުގެ މައްޗަށެވެ. އެ މީހުން ފުރަތަމަ ދައުވާއަށް އިންކާރު ކުރިޔަސް، ފަހުން ވަނީ ކޯޓުގައި ކުށަށް އިއުތިރާފްވެފަ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ފޭރުމުގެ ކުށަށް ކަނޑައެޅިފައިވާ އަދަބަކީ ތިން އަހަރާއި ދެ މަހަށް ޖަލަށްލުން ކަމަށް ވިޔަސް، އެ މީހުން ކުށަށް އިއުތިރާފް ވެފައިވާތީ ގާނޫނުލް އުގޫބާތުގެ ދަށުން އެ ހަތަރު މީހުންނަށް ދެވޭނެ އަދަބަކީ ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމަށެވެ. އަދި ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނި ކުރުމުން އެ މީހުން ތަންފީޒު ކުރަން ޖެހޭނީ އެއް އަހަރާއި އެއް މަހުގެ ޖަލު ހުކުމެއް ކަމަށް ގާޒީ ހަސަން ސައީދު އިއްވެވި އެ ހުކުމުގައިވެ އެވެ.

ދުވާލުގެ ވަގުތު ގިނަ ބައެއްގެ ކުރިމަތީގައި ސައިކަލުތަކެއްގައި އައިސް އެ މީހުން ފައިސާ ފޭރެން އުޅުނީ ޕެޕާ ސްޕްރޭ ވެސް ޖެހުމަށްފަހު އެވެ.