Roadha Mihaaru
ހިންނަވަރުގައި 100ހައުސިން ޔުނިޓް އަޅާނެ ބަޔަކުހޯދަނީ

ހިންނަވަރުގައި 100 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ

18 ފެބުރުއަރީ 2022

ޅ. ހިންނަވަރުގައި 100 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޅ. ހިންނަވަރުގައި 100 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މި މަސަައްކަތް ކުރަން ޖެހެނީ "ޑިޒައިން އެންޑް ބިލްޑް" އުސޫލުންނެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ބައިވެރިވުމަށް 500ރ. ގެ ނޮން-ރީފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. މި ފައިސާ އަންނަ މަހުގެ 8 ކުރިން ދައްކަން ޖެހޭނެ އެވެ. މިފައިސާ ދެއްކުމުން ބީލަމަށް ރަޖިސްޓްރީ ވުމަށް ފުރުސަތު ލިބޭނެ އެވެ.

އިއްޔެ ކުރި މި އިއުލާނުގައިވާ ގޮތުން ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ދައްކަން ޖެހޭނެ އެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަން ޖެހޭނީ ބިޑް ހުށަހަޅާތާ ފަސް މަސް ތެރޭގަ އެވެ. މި ޕްރޮޖެކްޓްގެ ބިޑް ހުޅުވުން އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ.

ހިންނަވަރުގައި 5،000 މީހުން އުޅޭ އިރު އެރަށުގައި ހިއްކާފައިވާ ބޮޑު ބިމެއް އެބަ އޮތެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ ނ. ހޮޅުދޫގައި 30 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ވެސް އިއުލާނުކޮށްފަ އެވެ. މި ޕްރޮޖެކްޓަށް ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 153،000ރ. ހުށަހަޅަން ޖެހެ އެވެ.