15 ފެބުރުއަރީ 2022
ޔުކްރެއިންގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވަމުންދާއިރު ވެސް، އެ ގައުމުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށް ބުނެ ބައެއް ބެލެނިވެރިން މިއަދު އެ މިނިސްޓްރީ އަށް ހިނގައްޖެ އެވެ.
ޔުކްރެއިންގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވަމުންދާއިރު ވެސް، އެ ގައުމުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށް ބުނެ ބައެއް ބެލެނިވެރިން މިއަދު އެ މިނިސްޓްރީ އަށް ހިނގައްޖެ އެވެ.
އެ މައްސަލައިގައި ފޮރިން މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރަން ދިޔަ ބެލެނިވެރިޔަކު "މިހާރު" އަށް ބުނީ، ދަރިވަރުންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏަސް، ދަރިވަރުން މިނިސްޓްރީ އަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭ ކަމަށެވެ. މި ހާލަތުގައި ދަރިވަރުން ކަންކަން ކުރަންވީ ގޮތް ވެސް މިނިސްޓްރީން ސާފުނުކޮށްދޭ ކަމަށް އޭނާ ބުންޏެވެ.
"ކުދިން ގުޅާފައި އެބަ ބުނޭ މިނިސްޓްރީން ފޯނެއް ނުނަގައޭ ގުޅީމާ. އެއްވެސް ވަރަކަށް އެހީތެރިކަމެއް ނުލިބެއޭ" އެ ބެލެނިވެރިޔާ ބުންޏެވެ.
"އަޅުގަނޑުމެން މިނިސްޓްރީ އަށް އައިތާ ވެސް މިހާރު ވަރަށް ގިނައިރު ވެއްޖެ. އަދިވެސް އެއްވެސް އިސްވެރިޔަކާ ބައްދަލެއް ނުވޭ. ބުނަނީ އެ ބޭފުޅުން ތިބީ މީޓިންއެއްގައޭ، މަޑުކުރާށޭ."
ޔުކްރެއިނަށް ގިނަ ދިވެހި ދަރިވަރުން ގޮސް ތިބީ ޑޮކްޓަރުކަން ކިޔަވަން ކަމަށް ވާއިރު، ފޮރިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ އެ 50 އަށް ވުރެ ގިނަ ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
އެ ގައުމުގެ ސިޓީއެއް ކަމަށްވާ ޚަރްކިވްގައި ހުރި ދިވެހި ދަރިވަރަކު "މިހާރު" އަށް މިއަދު ބުނީ މިނިސްޓްރީން އެންމެ ފަހުން ދަރިވަރުންނާ މުއާމަލާތު ކޮށްފައި ވަނީ މީގެ ދެ ދުވަސް ކުރިން ކަމަށެވެ. އެ ގައުމުގައި ތިބި ހުރިހާ ދަރިވަރުން ހިމެނޭ ގޮތަށް މިނިސްޓްރީން ވަނީ ވަޓްއެސްއެޕް ގްރޫޕެއް ހަދައިފަ އެވެ.
"ސަމާލުވެ ތިބެން ބުނެ އެ ގްރޫޕަށް ފޮނުވި މެސެޖަކަށް ފަހު، މިނިސްޓްރީގެ އެއްވެސް ހަބަރެއް ފަހުން ނުވޭ. ކުދިން އެ ގްރޫޕަށް ވަރަށް ގިނައިން މެސެޖުކޮށްފި އޭގެ ފަހުން. އެއްވެސް ޖަވާބެއް ނުލިބޭ،" އެ ދަރިވަރު ބުންޏެވެ.
ޔުކްރެއިނުގެ މަސްރަހު ހޫނުވެ، ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން އުފެދިފައި ވާތީ، އެ ގައުމަށް ދިވެހިން ދަތުރުނުކުރަން ދިވެހި ސަރުކާރުން މިއަދު ވަނީ އަންގައިފަ އެވެ. އެ ގައުމުގައި މިހާރު ދިރިއުޅޭ ދިވެހިން ޔުކްރެއިންގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެންގި އެވެ.
އެ ގައުމުގައި މިހާރު ތިބި ދިވެހިން، ޔުކްރެއިނާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަން، ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީ އާއި ފޮރިން މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށް އެ މިނިސްޓްރީން މިއަދު ވަނީ އަންގައިފަ އެވެ.
ރަޝިއާ އިން ޔުކްރެއިން ހިފައިފާނެ ކަމުގެ ބިރު ބޮޑުވީ އެ ދެ ގައުމު ގުޅޭ ބޯޑަރު ކައިރި އަށް ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން ޖަމާ ކުރުމުންނެވެ. އެމެރިކާ އިން ބުނަމުން ދަނީ ކޮންމެ ވަގުތެއްގައި ވެސް ރަޝިއާގެ ސިފައިން ޔުކްރެއިނަށް އަރައިފާނެ ކަމުގެ ބިރު އެބައޮތް ކަމަށާ އެކަން ކޮށްފި ނަމަ، ރަޝިއާއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ޔުކްރެއިން ހިފަން އުޅޭ ކަމުގެ ތުހުމަތު ރަޝިއާ އިން ދޮގު ކުރިޔަސް، އަސްކަރީ ފައުޖުތައް ފަހަތަށް ޖައްސަން އެ ގައުމުން ދަނީ ދެކޮޅު ހަދަމުންނެވެ.
ރަޝިޔާގެ ކުރުކްސްގައި އުޅޭ ދިވެހިން ސަމާލުވާން އެދިއްޖެ
ބޮމުގެ އަޑާ އެކު ސަލާމަތްވުމުގެ އުއްމީދު ގެއްލުނު
ޔުކްރެއިންއާ ކައިރި ގައުމުތަކުގެ ދިވެހިންގެ ހާލު ބަލަނީ
ރަޝިއާ ބޯޑަރު ކައިރީ އުޅޭ ދިވެހިން އަންނަން ފަށައިފި
ދަރިވަރުންގެ ހާލު ވަރަށް ގާތުން ބަލަން: ސަރުކާރު
ދިވެހިން ޔުކްރެއިނަށް ދަތުރުނުކުރަން އަންގައިފި
ޔޫކްރެއިންގައި ތިބި ދިވެހިންގެ ހާލު އެބަބަލަން:ސަރުކާރު
ޔޫކްރެއިންގައި ބާކީ ތިބި ދިވެހިން މިއަދު އަންނާނެ
ޔޫކްރެއިންގައި ތާށިވި ދަރިވަރުން ހަންގޭރީއަށް ގެންގޮސްފި
ރާއްޖެ ރަޝިއާއާ ދެކޮޅު، އިންޑިއާ، ޗައިނާ ވޯޓު ނުދިން