Roadha Mihaaru
ޓްރީޓޮޕުން ވިއްސާއިރު ނޭވާގެ ޒަރީއާއިން ތަދުކަނޑުވަނީ

ވިއްސާއިރު ތަދުކަނޑުވާ ބޭސް ނޭވާގެ ޒަރީއާއިން ޓްރީޓޮޕުން ކާމިޔާބުކަމާ އެކު ދީފި

14 ފެބުރުއަރީ 2022

ވިއްސާއިރު ތަދުކަނޑުވާ ބޭސް ނުވަތަ "އިންހެލޭޝަން ލޭބަ އެނަލްޖީޒިއާ" ނޭވާގެ ޒަރީއާއިން ޓްރީޓޮޕް ހޮސްޕިޓަލުގައި ކާމިޔާބުކަމާ އެކު ބޭނުން ކޮށްފި އެވެ.

ވިއްސާއިރު ތަދުކަނޑުވާ ބޭސް ނުވަތަ "އިންހެލޭޝަން ލޭބަ އެނަލްޖީޒިއާ" ނޭވާގެ ޒަރީއާއިން ޓްރީޓޮޕް ހޮސްޕިޓަލުގައި ކާމިޔާބުކަމާ އެކު ބޭނުން ކޮށްފި އެވެ.

އެ ހޮސްޕިޓަލުގެ އެނެސްތިއޮލޮޖީ ކޮންސަލްޓެންޓް ޑރ. ދުސޫމާ އަބްދުލް ރައްޒާގު ވިދާޅުވީ މި ޕްރޮސީޖާގެ ސަބަބުން ވިއްސުމުގައި މާބަނޑު މީހާއަށް ކުރިމަތިވާ ތަދުތަކުން ލުއި ލިބޭނެ ކަމަށެވެ. އަދި ފުރަތަމަ ފަހަރަށް މި ހިދުމަތް ދިން އިރު ޕްރޮސީޖާ ކާމިޔާބުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ތަދަކާ ނުލައި ވިއްސުމަށް ފަސޭހަކުރެވޭ ގޮތްތައް ދުނިޔޭގެ އެހެން ތަންތަނާ އަޅާބަލާއިރު މަދެވެ. ޓްރީޓޮޕަކީ ރާއްޖޭގައި އެންމެ ފަހުގެ ވަސީލަތްތަކުގެ އެހީގައި މި ހިދުމަތް ފޯރުކޮށްދޭ ފުރަތަމަ ހޮސްޕިޓަލެވެ.

އިންހެލޭޝަން އެނަލްޖީޒިއާ އަކީ ތަދުކެޑުވުމުށް މާސްކު ބޭނުންކޮށްގެން ނައިޓޮރޮސް އޮކްސައިޑް ގޭސް ހަށިގަނޑަށް ފޯރުކޮށްދޭ ޕްރޮސީޖާއެކެވެ. ނައިޓޮރޮސް އޮކްސައިޑާ އެކު ފުންކޮށް ނޭވާ އެތެރެއަށް ދަމާ ވަގުތު ވިއްސުމުގެ ތެރޭގައި ދިމާވާ ތަދު ލުއިކޮށްދެ އެވެ. މިއީ ވިއްސުމުގެ ތަދަށް ދެވޭ ރައްކާތެރި އަދި އިންވޭސިވް އިންޖެކްޝަނުގެ ބަދަލުގައި ކުރެވޭ ކަމެކެވެ.

ނައިޓޮރޮސް އޮކްސައިޑަކީ ރައްކާތެރި، ރަހަ ނުލާ، އަދި ވަސް ނުދުވާ ގޭހެކެވެ. މި ގޭހަކީ އެޕިޑިއުރަލް ނުވަތަ އިންޖެކްޝަނަށް ވުރެން އަވަހަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތަދު ފަސޭހަކޮށްދިނުމަށް އެހީވެދޭ ބޭހެކެވެ.

މި ހިދުމަތުން ލިބޭ މައިގަނޑު ފައިދާއަކީ ވިއްސާއިރު މާބަނޑު މީހާ ހަރަކާތްތެރިވެ އުޅުމަށާއި ތަދު ކޮންޓުރޯލް ކުރުމުގައި ފަސޭހަކަން ލިބިގެންދިޔުމެވެ. އަދި ވިއްސުމުގެ ތެރޭގައި ހާސްވެ ކަންބޮޑުވުން ފަދަ އުނދަގޫތަކުން ވެސް މި ޕްރޮސީޖާގެ ސަބަބުން ރައްކާތެރިކަން ލިބޭނެ އެވެ.

ވިހެއުމުގެ ތެރޭގައި ކުރިމަތިލާންޖެހޭ ތަދު ފަސޭހަކޮށްދިނުމަށް އެންމެ އާންމުކޮށް ކުރާ ޕްރޮސީޖާއަކީ އެޕިޑިއުރަލް އެވެ. ނަމަވެސް ފަހުގެ ގިނަ ދިރާސާތަކުން ދައްކާގޮތުގައި ގިނަ އަންހެނުން އެޕިޑިއުރަލް ނޫން ހައްލުތައް ބޭނުންވެ އެވެ.

ޓްރީޓޮޕުގައި މި ހިދުމަތް ދޭނީ ޑރ. ދުސޫމާ އެވެ. އޭނާ އަކީ އެނަސްތީސިއޮލޮޖީ ސްޕެޝަލިސްޓެކެވެ. އޭނާ މެޑިކަލް ޑިގްރީ ހޯއްދެވީ ޔޫކުރެއިންގެ ކުރައިމިއާ ސްޓޭޓް މެޑިކަލް ޔުނިވާސިޓީންނެވެ. މާސްޓާސް ފުރިހަމަކޮށްފައިވަނީ "އެނަސްތީސިއޮލޮޖީ އެންޑް އިންޓެންސިވް ކެއާ"ގެ ރޮނގުން ނޭޕާލްގެ ނެޝަނަލް އެކެޑެމީ އޮފް މެޑިކަލް ސައިންސުންނެވެ.

ޑރ. ދުސޫމާ އަކީ 130 އަށް ވުރެ ގިނަ ކްރިޓިކަލް ކާޑިއެކް އެނެސްތެޓިކް މެނޭޖްމަންޓް ކޭސްތައް ބަލާފައިވާ ތަޖުރިބާކާރު ޑޮކްޓަރެކެވެ. ކުޑަކުދިންގެ ހާއްސަ، ނިއޯނޭޓް ނުވަތަ އުފަންވާތާ ހަތަރު ހަފުތާ ނުފުރޭ ކުދިންނާއި ޖެރިއެޓްރިކް ނުވަތަ އުމުރުން ދުވަސްވީ މީހުންގެ ކޭސްތަކުގެ އެނެސްތެޓިކް މެނޭޖްމަންޓުގެ ތަޖުރިބާ ވެސް އޭނާ އަށް ވަނީ ލިބިފަ އެވެ.

ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ ޓްރީޓޮޕް ހޮސްޕިޓަލަކީ ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާ އެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.