Roadha Mihaaru
އިންޑިއާގައި ކޮވިޑް އަދަދުތައް ދަށަށް

އިންޑިއާގައި ކޮވިޑް އަދަދުތައް ދަށަށް

07 ފެބުރުއަރީ 2022

އިންޑިއާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް މައްޗަށް ދިއުމަށް ފަހު، އެ އަދަދުތައް ދަށަށް ދާން ފަށާފައިވާ ކަމަށް އެ ގައުމުގެ ރަސްމީ އިދާރާތަކުން ބުނަން ފަށައިފި އެވެ.

އިންޑިއާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް މައްޗަށް ދިއުމަށް ފަހު، އެ އަދަދުތައް ދަށަށް ދާން ފަށާފައިވާ ކަމަށް އެ ގައުމުގެ ރަސްމީ އިދާރާތަކުން ބުނަން ފަށައިފި އެވެ.

އިންޑިއާގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ލައްކައަކަށް ވުރެ މަތީގައި ހުރުމަށް ފަހު، އިއްޔެ އިން ފެށިގެން އެ އަދަދު ވަނީ ލައްކައަކަށް ވުރެ ދަށަށް ވެއްޓިފަ އެވެ. މިއަދު ހެނދުނު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 83،876 މީހުންނެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދަކީ 895 އެވެ.

އިންޑިއާގެ ސިއްހީ އިދާރާތަކުން އާންމުކުރި ހިސާބުތަކަށް ބަލާއިރު، އެ ގައުމުގައި މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 42.2 މިލިއަނަށް އަރައިފަ އެވެ. އަދި ކޮވިޑް ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 502،874 އަށް އަރައިފަ އެވެ.

ކޮވިޑް19 އަށް ޓެސްޓްކޮށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 11 މިލިއަނެވެ. އެއީ އޭގެ ކުރީ 24 ގަޑިއިރާ އަޅައި ބަލާއިރު އެއް މިލިއަން މީހުން މަދު އަދަދެކެވެ. މިހާތަނަށް ބަލިން ފަސޭހަ ނުވެތިބި މީހުންގެ ނިސްބަތަކީ، ބަލި ޖެހުނު މީހުންގެ 2.62 ޕަސެންޓެވެ.

މިދިޔަ މަހެއްހާ ދުވަހުގެ ހިސާބުތަކަށް ބަލާއިރު، ހަފުތާއެއްގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ހުރީ 9.18 ޕަސެންޓްގަ އެވެ. ނަމަވެސް، އިއްޔެ ވަނީ އެ ނިސްބަތް 7.25 ޕަސެންޓަށް ތިރިވެ، ބަލިން ފަސޭހަވާ މީހުންގެ ނިސްބަތް 96.19 ޕަސެންޓަށް މަތިވެފަ އެވެ.

ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިން ދިނުމުގައި ވެސް އިންޑިއާ އިން މިހާރު ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. ވެކްސިން ޖަހާ މީހުންގެ އަދަދު އިތުރުވާ ވަރަށް، ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެނދުމަތިކުރަންޖެހޭ މީހުންގެ އަދަދު ވަނީ ދަށްވާން ފަށައިފަ އެވެ.