Roadha Mihaaru
10 ޝަކުވާއެއް ހުށަހެޅި، ސީރިޔަސް މައްސަލައެއެއް ނެތް

އިންތިހާބާ ގުޅޭ 10 ޝަކުވާއެއް، ސީރިޔަސް މައްސަލައެއް ނެތް: އީސީ

06 ފެބުރުއަރީ 2022

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅޭ ގޮތުން މިހާތަނަށް 10 ޝަކުވާއެއް ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި ސީރިއަސް މައްސަލައެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅޭ ގޮތުން މިހާތަނަށް 10 ޝަކުވާއެއް ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި ސީރިއަސް މައްސަލައެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު "މިހާރު" އަށް ވިދާޅުވީ ވޯޓު ލުން ފެށުމުގެ ކުރިން އެ ކޮމިޝަނަށް ތިން ޝަކުވާއެއް ލިބުނު ކަމަށާއި އެ މައްސަލަތައް ބަލައި، ޝަކުވާ ހުށަހެޅި ފަރާތަށް ޖަވާބު ދީފައިވާ ކަމަށެވެ.

އީސީގެ ކޮމްޕްލެއިޓްންސް ބިއުރޯ އަށް އިއްޔެ އިތުރު ހަތް ޝަކުވާއެއް ލިބިފައިވާ ކަމަށާއި އެ ޝަކުވާތަކަށް އެޓެންްޑު ކުރަން ފަށާފައިވާ ކަމަށް ފުއާދު ވިދާޅުވި އެވެ. އަދި އެ ބިއުރޯ އިން ޝަކުވާތަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ފަހު އީސީ އާ މަޝްވަރާ ކުރާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ހަމައަށް ތަފްސީލް ރިޕޯޓެއް އަދި ނާދޭ. އެކަމަކު ވޯޓު ލާ ނިމުނު ހިސާބުން އަޅުގަނޑު ޗެކް ކޮށްލިން ސީރިޔަސް މައްސަލައެއް އުޅޭތޯ. މިހާތަނަށް ލިބުނު ޝަކުވާތަކުގައި ސީރިއަސް މައްސަލައެއް ފާހަގަ ކުރެވިފައެއް ނެތް،" ފުއާދު ވިދާޅުވި އެވެ.

އީސީގެ ކޮމްޕްލެއިޓްންސް ބިއުރޯގައި ހިމެނެނީ ފަސް މެންބަރުންނެވެ. އެއީ ހަތަރު ވަކީލުންނާއި އީސީގެ ޑިރެކްޓަރެކެވެ.

މިހާތަނަށް 10 ޝަކުވާ ލިބުން ނަމަވެސް އަދިވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ފުއާދު ވިދާޅުވި އެވެ. އަދި އެ ކޮމިޝަނުން ބާރު އަޅަނީ ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި ޝަކުވާތައް ހުށަހަޅާ ނިންމުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމަންޑޫ ބައި-އިލެކްޝަންގައި ނާކާމިޔާބުވި ޕީޕީއެމް އާއި އެމްއެންޕީގެ އެންމެ ބޮޑު ޝަކުވާއަކީ ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން އިންތިހާބަށް ނުފޫޒު ފޯރުވުމެވެ. އިންތިހާބާ ދިމާކޮށް އެ ދާއިރާގައި ހިމެނޭ ތިން ރަށުގައި ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް ފަށައިފަ އެވެ.

އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ލިބުނީ 1,401 ވޯޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އަށް ލިބުނީ 1,161 ވޯޓެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާނަށް ލިބުނީ 323 ވޯޓެވެ.