Roadha Mihaaru
ބްރެޒިލްގެ ބައެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފި

ބްރެޒިލުން ރާއްޖެ އައި ބައެއްގެ އަތުން 21 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

05 ފެބުރުއަރީ 2022

ރާއްޖެ އަށް ވައިގެމަގުން އެތެރެވާން އުޅުނު ބްރެޒިލްގެ ދެ މީހެއްގެ އަތުން ހަތަރު ކިލޯގެ މަސްތުވާތަކެތި އިއްޔެ އަތުލައިގެންފި އެވެ. މި މަސްތުވާތަކެތީގެ މަގުމަތީ އަގު 21 މިލިއަން ރުފިޔާ އަށް އަރަ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖެ އަށް ވައިގެމަގުން އެތެރެވާން އުޅުނު ބްރެޒިލްގެ ދެ މީހެއްގެ އަތުން ހަތަރު ކިލޯގެ މަސްތުވާތަކެތި އިއްޔެ އަތުލައިގެންފި އެވެ. މި މަސްތުވާތަކެތީގެ މަގުމަތީ އަގު 21 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ، އުމުރުން 21 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ބްރެޒިިލްގެ އަންހެނަކާ މެދު ޝައްކުކުރެވިގެން، އެ ދެ މީހުންގެ ލަގެޖުތައް ބަލައި ފާސްކުރިއިރު، އެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުނު ކަމަށެވެ.

ފުރަތަމަ މަރުހަލާގައި މި ތަކެތި ޓެސްޓްކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ.

"މި މަސްތުވާތަކެތީގެ މަގުމަތީ އަގު 21 މިލައަން ރުފިޔާ އަށް އަރާ. އަދި މި މައްސަލަތަކުގައި ޝާމިލްވާ ދެ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކުރެވިފައި،" ކަސްޓަމްސް އިން ބުންޏެވެ.

އެ އިދާރާ އިން ބުނިގޮތުގައި، 21 އަހަރުގެ މީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނުގައި 1.7 ކިލޯގުރާމް ހުރި އިރު 23 އަހަރުގެ މީހާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 2.5 ކިލޯގުރާމް ހުއްޓެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަހު ވެސް ބްރެޒިލްގެ ދެ މީހަކު ލަގެޖުގައި ފޮރުވައިގެން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ވަނީ އަތުލައިގެންފަ އެވެ. އެ މައްސަލައިގައި ވެސް އަންހެނަކާއި ފިރިހެނަކު ހައްޔަރުކުރި އިރު، އަންހެން މީހާ ބަންދުގައި ބަހައްޓަން ބޭނުންވާ ވަރަށް ހެކި ލިބިފައި ނުވާތީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭނާ ވަނީ ކޯޓުން ދޫކޮށްލައިފަ އެވެ.

އެ ފަހަރު އަތުލައިގަތް މަސްތުވާތަކެތީގެ އަގު 90 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ފަހަކަށް އައިސް ބޮޑެތި އަދަދުތަކުން ރާއްޖޭގައި ދަނީ މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ. ދާދި ފަހުން 119 ކިލޯގެ މަސްތުވާތަކެތި މާލެއިން އަތުލައިގަތް އިރު، މިދިިޔަ އަހަރު ފަހުކޮޅު ވެސް އިތުރު 315 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ.