Roadha Mihaaru
ހިތުގެ މައްސަލަ ދިމާވި އެރިކްސަން ބްރެންޓްފޯޑަށް

ހިތުގެ މައްސަލަ ދިމާވި އެރިކްސަން ބްރެންޓްފޯޑަށް

31 ޖެނުއަރީ 2022

ލަންޑަން (ޖެނުއަރީ 31) - ހިތުގެ މައްސަލައަކާ ގުޅިގެން އިޓަލީގައި ކުޅުމުގެ ހުއްދަ ނުލިބުމުން މިދިޔަ ޑިސެމަބަރު މަހު އިންޓަ މިލާނުން ދޫކޮށްލަން މަޖުބޫރުވި ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އިނގިރޭސި ޕްރިމިއާ ލީގު ކުލަބް ބްރެންޓްފޯޑަށް ސޮއިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ޖެނުއަރީ 31) - ހިތުގެ މައްސަލައަކާ ގުޅިގެން އިޓަލީގައި ކުޅުމުގެ ހުއްދަ ނުލިބުމުން މިދިޔަ ޑިސެމަބަރު މަހު އިންޓަ މިލާނުން ދޫކޮށްލަން މަޖުބޫރުވި ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އިނގިރޭސި ޕްރިމިއާ ލީގު ކުލަބް ބްރެންޓްފޯޑަށް ސޮއިކޮށްފި އެވެ.

މި އަހަރު މުޅިން އަލަށް ޕްރިމިއާ ލީގުގައި ވާދަކުރާ ބްރެންޓްފޯޑަށް އެރިކްސަން، 29، ބަދަލުވީ ހިލޭ ޓްރާންސްފާގެ ދަށުން މި ސީޒަނުގެ ނިޔަލަށެވެ. އަދި ކުލަބުން ބޭނުން ނަމަ އިތުރު އެއް ސީޒަނަށް އޭނާގެ ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު ވެސް ބްރެންޓްފޯޑަށް އެބަ އޮތެވެ.

ހިތުގެ އޮޕަރޭޝަނަށް ފަހު، އިންޓަ އިން އޭނާ ދޫކޮށްލި ހިސާބުން އޭނާ ވަނީ ޒުވާން ދުވަސްވަރު ކުޅުނު ޑެންމާކުގެ އޮޑެންސް ބޯލްޑްކުލަބް (އޯބީ) އާ އެކު ފަރިތަ ކޮށްފަ އެވެ. އަދި ބްރެންޓްފޯޑަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ ކުރީގެ ކުލަބް، ނެދަލެންޑްސްގެ އަޔެކްސްއާ އެކު ވެސް ތަމްރީނު ކޮށްފަ އެވެ.

އެރިކްސަން މިދިޔަ އަހަރުގެ ޔޫރޯ މުބާރާތުގައި.

އެރިކްސަން މިދިޔަ އަހަރުގެ ޔޫރޯ މުބާރާތުގައި.

މިދިޔަ އަހަރު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޑެންމާކުން ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އެރިކްސަންގެ ހިތް ހުއްޓިގެން ދަނޑުމައްޗަށް ވެއްޓުމާ ގުޅިގެން އޭނާއަށް ވަނީ ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި ހޮސްޕިޓަލުގައި ވަނީ އޭނާގެ ހިތަށް އައިސީޑީއެއް ލައްވައިފަ އެވެ.

އިންޓަ އަށް ބަދަލުވުމުގެ ކުރިން އޭނާ ކުޅުނީ އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާސް އަށެވެ. ޓޮޓެންހަމަށް ކުޅުނު ހަތް ސީޒަނުގައި އެރިކްސަން ވަނީ އެ ޓީމަށް 305 މެޗު ކުޅެދީ، 69 ލަނޑު ޖަހައިދީފަ އެވެ. އިންޓަ މިލާނުގައި ހޭދަކުރި ކުރު މުއްދަތުގައި އޭނާ ވަނީ އެ ޓީމުން ލީގު ހޯދަން ކުރި 11 އަހަރުގެ ދިގު އިންތިޒާރަށް ނިމުން ގެނެސްދީފަ އެވެ.

ބްރެންޓްފޯޑުގެ ކޯޗު ޑެންމާކުގެ ތޯމަސް ފްރޭންކް ވަނީ އެ ގައުމުގެ 17 އަހަރުން ދަށުގެ ޓީމުގައި އެރިކްސަން އަށް އިރުޝާދު ދީފަ އެވެ. އަދި އޭނާ ވަނީ އެރިކްސަންގެ ސޮއި ހޯދުމަށް ފަހު، ހަތް މަސް ވަންދެން ކުޅުމާ ދުރުގައި ހުރެ ވެސް އޭނާ އަމިއްލައަށް ފިޓްނަސް ހިފަހައްޓަން ކުރި މަސައްކަތްތަކަށް ތައުރީފް ކޮށްފަ އެވެ.

އެރިކްސަން އިންޓަ މިލާނާ އެކު ސެރީ އާ ތަށި އުފުލާލަނީ.

އެރިކްސަން އިންޓަ މިލާނާ އެކު ސެރީ އާ ތަށި އުފުލާލަނީ.

"އޭނާ (އެރިކްސަން) ހުރީ ފިޓުކޮށް، އެކަމަކު އަހަރެމެން ޖެހޭ އޭނާ މެޗްތަކަށް ފިޓް ކުރަން. ކުޅުންތެރިންނާއި ސްޓާފުން ގުޅިގެން އަހަރެމެން މަސައްކަތް ކުރާނީ އޭނާގެ އެންމެ ރަނގަޅު ފޯމަށް ގެންނަން،" އެރިކްސަންއާ މެދު ހިތްހަމަ ޖެހިފައި ހުރި ކޯޗު ބުންޏެވެ.

"އޭނާގެ އެންމެ ބެސްޓުގައި ހުރެ، ކުޅޭ މެޗެއްގެ ކޮންޓްރޯލް އޮންނާނީ އޭނާގެ ޓީމުގެ އަތުގައި. އެންމެ ރަނގަޅު ތަނަށް ޕާސް ޖަހައި، ގޯލު ޖެހުމުގައި ވެސް ނުރައްކާ ކުޅުންތެރިއެއް އެއީ."

ޑެންމާކުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމް ހަތަރު ފަހަރު ހޯދައިފައިވާ އެރިކްސަން ވަނީ އޭނާ ޓޮޓެންހަމްގައި ހޭދަކުރި ދުވަސްވަރު ޕީއެފްއޭ ޓީމް އޮފް ދި އިޔާގެ މަގާމުގައި ވެސް ހިމެނިފަ އެވެ. ގައުމީ ޓީމަށް 109 މެޗުން 36 ލަނޑު ޖަހައިދީފައިވާ އެރިކްސަން ވަނީ އޭނާގެ އޮޕަރޭޝަނުން ރަނގަޅުވެ، އަލުން ކުޅެން ނުކުމެ، މި އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕުގައި ވެސް ކުޅެން ބޭނުން ވާކަން ހާމަކޮށްފަ އެވެެ.