Roadha Mihaaru
ތުރުކީން ރާއްޖެއަށް 20،000 ޑޯޒްގެ ކޮވިޑް ވެކްސިން

ތުރުކީން ރާއްޖެ އަށް 20،000 ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާކުރަނީ

30 ޖެނުއަރީ 2022

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ސިނޮވެކް ވެކްސިންގެ 20،000 ޑޯޒް ތުރުކީ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ސިނޮވެކް ވެކްސިންގެ 20،000 ޑޯޒް ތުރުކީ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރަން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ، ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޗަވްޝޯލް މިހާރު ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުގައި މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލުކުރެއްވުމުގައި، ތުރުކީގެ ސަރުކާރުން ރާއްޖެ އަށް ކޮވިޑް ވެކްސިން ހަދިޔާކުރަން ނިންމާފައި ވާތީ ރައީސް ޝުކުރު އަދާކުރެއްވި ކަމަށެވެ.

ރާއްޖޭގައި މިހާރު އަންނަނީ ކޮވިޑް ވެކްސިންގެ ބޫސްޓަ ޑޯޒް ދެމުންނެވެ. ބޫސްޓަ ޑޯޒްގެ ގޮތުގައި ދެނީ އެމެރިކާއިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ފައިޒާ ވެކްސިނެވެ. އެމެރިކާ އިން މިދިޔަ ހަފުތާގައި ވެސް ވަނީ ފައިޒާގެ 201،000 ޑޯޒްގެ ރާއްޖެ އަށް ހަދިޔާކޮށްފަ އެވެ.

އެމެރިކާ، އިންޑިއާ، ޗައިނާ އަދި ޖަޕާން ހިމެނޭ ގޮތަށް، މީގެ ކުރިން އެކި ގައުމުތަކުން ވަނީ ރާއްޖެ އަށް ކޮވިޑް ވެކްސިން ހަދިޔާކޮށްފަ އެވެ.

ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖެ އާއި ތުރުކީގެ 42 އަހަރުވީ އެކުވެރި ގުޅުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ.

ދެ ގައުމުގެ ދެމެދުގައި އިގުތިސާދީ ގޮތުން ގުޅުން ބަދަހިކުރުމާއި ވައިގެ ދަތުރުފަތުރު އިތުރުކުރުމާއި ފަތުރުވެރިކަން ވަރުގަދަކުރުމާއި މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމާއި އުމްރާނީ ތަރައްގީ އާއި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމަށް ވެސް މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ޓެރަރިޒަމް ހުއްޓުވުމަށް މަސައްކަތްކުރުމާއި އަނިޔާވެރިކަމާއި ހައްދުފަހަނަޅާ ދިޔުމާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.

"މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް އާއި ތުރުކީގެ ފޮރިން މިނިސްޓަރު ވަނީ ދެ ގައުމުން ވެސް ޝައުގުވެރިވާ ދާއިރާތަކުން އަދި ދެގައުމަށް ވެސް ލާބަ އާއި މަންފާ ލިބޭ ކަންކަމުގައި ކުރިޔަށް އޮތް ދުވަސްތަކުގައި ގުޅިގެން އެކުގައި މަސައްކަތް ކުރާނެ ކަމުގައި ވިދާޅުވެފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތީ މިދިޔަ ހުކުރު ދުވަހު އެވެ. މިއީ ތުރުކީއާ އެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކުރި ފަހުން، އެ ގައުމުގެ ފޮރިން މިނިސްޓަރަކު ރާއްޖެ އަށް ކުރެއްވި ފުރަތަމަ ދަތުރެވެ.

ފަސް ދާއިރާއަކުން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށް ދިިނުމުގެ ފަސް އެއްބަސްވުމެއްގައި ރާއްޖެ އާއި ތުރުކީއާ ދެމެދު މިއަދު ވަނީ ސޮއިކޮށްފަ އެވެ.