27 ޖެނުއަރީ 2022
މެދުތެރޭ އޭޝިޔާގެ ބައެއް ގައުމުތަކާއި އިންޑިއާ އިން ބާއްވަން ތާވަލުކުރި އެންމެ އިސް ވެރިންގެ މަހާސިންތާ، އޮންލައިންކޮށް މިއަދު ކުރިއަށް ގެންދިއުމަށް އެންމެ ފަހު ވަގުތު ނިންމައިފި އެވެ.
މެދުތެރޭ އޭޝިޔާގެ ބައެއް ގައުމުތަކާއި އިންޑިއާ އިން ބާއްވަން ތާވަލުކުރި އެންމެ އިސް ވެރިންގެ މަހާސިންތާ، އޮންލައިންކޮށް މިއަދު ކުރިއަށް ގެންދިއުމަށް އެންމެ ފަހު ވަގުތު ނިންމައިފި އެވެ.
ކަޒަކިސްތާން، އުޒުބަކިސްތާން، ކިރްގިޒިސްތާން، ތަޖިކިސްތާން އަދި ތުރްކުމެނިސްތާންގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވާ މި މަހާސިންތާ، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ފެށުމަށް ހަމަޖައްސައިފައި ވަނީ މިއަދެވެ. ނަމަވެސް މި މަހާސިންތާ އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމީ، އިންޑިއާގައި ކޮވިޑް-19 ފެތުރޭ މިންވަރު މި ދުވަސްވަރު އާދަޔާ ޚިލާފަށް އިތުރުވެފައިވާތީ، އެ ގައުމުތަކުގެ ވެރިން އިންޑިއާ އަށް ވަޑައިގަތުމަށް އުޒުރުވެރިވާތީ އެވެ.
ކުރިން ރާވާފައި އޮތް ގޮތުން، އެ ގައުމުތަކުގެ އެންމެ އިސް ވެރިން އިންޑިއާ އަށް ވަޑައިގަތުމަށް ހަމަޖައްސާފައި އޮތީ، އިއްޔެ އިންޑިއާގައި ބޭއްވި އެ ގައުމުގެ ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުތައް ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުންނެވެ. އެއަށް ފަހު މަހާސިންތާ ކުރިއަށް ގެންދާ ގޮތަށެވެ.
މި މަހާސިންތާގެ ތާވަލުގައި ހިމަނާފައި ހުރި މައިގަނޑު ކަންތަކަކީ، ވިޔަފާރި އާއި ދޭދޭ ގައުމުތަކުގެ ދެމެދު އޮންނަ ދަތުރުފަތުރުގެ ގުޅުން، ހިއްސާވެގެން ތަރައްގީކުރުމެވެ. މީގެ އިތުރުން، ދޭދޭ ގައުމުތަކުގެ ދައުލަތުގެ އިދާރާތަކުގެ މެދުގައި އެއްބާރުލުން ގާއިމުކުރުމާއި ސަގާފީ ބަދަލުކުރުންތަކާއި އެއް ގައުމުން އަނެއް ގައުމަށް އާންމު ރައްޔިތުން ދަތުރުކުރުމުގައި ލުއި ފަސޭހަ ގޮތްތައް ހަމަޖެއްސުމެވެ.
މީގެ އިތުރުން އަފްގާނިސްތާނުގެ ސިޔާސީ މަސްރަހު ބަދަލުވަމުންދާ ގޮތާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވެސް މި މަހާސިންތާގެ އެޖެންޑާގައި ހިމަނާފައިވެ އެވެ.
އޭގެ އިތުރުން، މެދުތެރޭ އޭޝިޔާގެ ގައުމުތަކާއި އިންޑިއާއާ ދެމެދު، އަހަރަކު އެއް ފަހަރު މި މަހާސިންތާ ބޭއްވުމަށް ހުށަހެޅުމަށް ވެސް އިންޑިއާ ބޭނުންވެ އެވެ. އަދި މި ގައުމުތަކުގެ މެދުގައި ވިޔަފާރި އާއި ދިފާއީ ކަންކަމާއި ސަލާމަތާއި ޓޫރިޒަމް ދާއިރާ އިން ވަޒީރުންގެ ފެންވަރުގައި މުއާމަލާތުކުރެވޭނެ ގޮތް ހެދުމަށްޓަކައި، ދާއިމީ ސެކްރެޓޭރިއޭޓެއް ހަމަޖައްސަން ވެސް އިންޑިއާ ބޭނުންވެ އެވެ.
މިހާރު ވެސް މި ހަ ގައުމުގެ މެދުގައި ހާރިޖީ ވަޒީރުންގެ ފެންވަރުގައި މުއާމަލާތު ކުރެވޭނެ އޮނިގަނޑެއް، "އިންޑިއާ-ސެންޓްރަލް އޭޝިޔާ ޑައިލޮގް"ގެ ނަމުގައި ވަނީ ހަމަޖައްސައިފަ އެވެ. އެ ގޮތުން ބޭއްވި ތިން ވަނަ ބައްދަލުވުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ނިއު ދިއްލީގައި ބޭއްވި އެވެ.
އޭގެ އިތުރުން އަފްގާނިސްތާންގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން މެދުތެރޭ އޭޝިޔާގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ނިއު ދިއްލީގައި ބޭއްވި ބައްދަލުވުމުގައި ވެސް، މެދުތެރޭ އޭޝިޔާގެ ފަސް ގައުމު ބައިވެރިވި އެވެ. އޭގެ ތެރެއިން ތަޖިކިސްތާން، ތުރުކުމެނިސްތާން އަދި އުޒުބެކިސްތާނަކީ، އަފްގާނާ އިންވެގެން އޮންނަ ތިން ގައުމެވެ.
އަފްގާނަށް އެހީވުމުގެ މަހާސިންތާއަކަށް ގޮވާލައިފި
އިންޑިއާ ކޮންސިއުލޭޓެއް އައްޑޫގައި ހަދަން މަޝްވަރާކޮށްފި
އިންޑިއާގެ ސަލާމަތަށް ނުރައްކާވާ ކަމެއް ނުކުރާނެ:ރައީސް
ރައީސް މުއިއްޒު އާދިއްތަ ދުވަހު އިންޑިއާ އަށް
ބާކީ 50 މިލިއަން ޑޮލަރު ދެއްކުން ވެސް ފަސްކޮށްދީފި
މޯދީ، ރައީސް މުއިއްޒަށް އީދު ތަހުނިޔާ ފޮނުއްވައިފި
ރައީސް، ޖައިޝަންކަރުއާ ބައްދަލުކުރައްވައިފި
މޯދީ ހުވާކުރެއްވުމުގައި ރައީސް ބައިވެރިވެ ވަޑައިގެންފި
ރައީސަށް އިންޑިއާ އިން ހޫނު މަރުހަބާއެއް
މޯދީ ހުވާކުރައްވާ ރަސްމިއްޔާތަށް ރައީސް ފުރާވަޑައިގެންފި