Roadha Mihaaru
ކޯޗެއްގެ ގޮތުގައި ފެސްކޯ އެނބުރި ވެލެންސިއާ އަށް

ކޯޗެއްގެ ގޮތުގައި ފެސްކޯ އެނބުރި ވެލެންސިއާ އަށް

26 ޖެނުއަރީ 2022

ހެޑް ކޯޗުގެ މަގާމު ހުސްވެފައި އޮތް، ވެލެންސިއާގެ ކޯޗު ކަމަށް، އަހްމަދު މުޖުތަބާ (ފެސްކޯ) ހަމަޖައްސައިފި އެވެ.

ހެޑް ކޯޗުގެ މަގާމު ހުސްވެފައި އޮތް، ވެލެންސިއާގެ ކޯޗު ކަމަށް، އަހްމަދު މުޖުތަބާ (ފެސްކޯ) ހަމަޖައްސައިފި އެވެ.

ވެލެންސިއާގެ ހެޑް ކޯޗްގެ މަގާމު ހުސްވީ، ސީޒަނަށް އެ ކްލަބުގައި ރަޖިސްޓްރީކުރި ފަހުން އޭރުގެ ކޯޗު މުހައްމަދު އާތިފް މަގާމުން އިސްތިއުފާ ދިނުމުންނެވެ. ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ވެލެންސިއާއިން އެ މުބާރާތް ނިންމާލީ ހެޑް ކޯޗެއް ޓީމުގަ ނުޖަހަ އެވެ. ހެޑު ކޯޗުގެ މަސްއޫލިއްޔަތު އަދާކޮށް އެޓީމަށް ތަށި ހޯދައިިދިނީ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ލިސްޓްކޮށްފައިވާ އިސްމާއީލް އާސިފް (ކުޑަހީނާ) އެވެ.

އޭއެފްސީ ކްލަބް ލައިސެންސިން ގަވާއިދުގައި ބުނާ ގޮތުން، އޭޝިއާގެ ޓޮޕް ޑިވިޝަންގައި ދާއިމީކޮށް ހުރެވޭނީ އޭއެފްސީ އޭ ލައިސަންސް ހާސިލު ކޮށްފައިވާ ކޯޗަކަށެވެ. ހީނާ އަތުގައި އޮތީ އޭއެފްސީ ބީ ލައިސެންސެވެ. އެހެންވެ އޭނާގެ ނަން ހެޑް ކޯޗުގެ ގޮތުގައި ޖެހުމަށް ޝަރުތު ހަމައެއް ނުވެ އެވެ.

ކުރިން ކުޑަ ހީނާއާ އެކު ވެލެންސިއާ އަށް ކުޅެ އެޓީމުގެ ކޯޗިން ޓީމުގައި ވެސް ހީނާއާ އެކު މަސައްކަތް ކުރި ފެސްކޯ ބުނީ ރަނގަޅު ވަގުތެއްގައި ވެލެންސިއާގެ ކޯޗިން ޓީމާ ގުޅެން އޭނާ އަށް ފުރުސަތު ލިބުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ.

"ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފައި އޮތީމަ ވަރަށް ރަނގަޅު ފޯމެއްގައި ޓީމު އޮންނާނީ. ވަރަށް ރަނގަޅަށް އޮތް ވަގުތެއްގައި ކްލަބްގައި މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ހިތްހަމަޖެހުމެއް. އަޅުގަނޑާ ތުއްތު (ކުޑަ ހީނާ) އަކީ މީގެ ކުރިން ވެސް އެކުގައި މަސައްކަތް ކުރި ދެމީހުންނަށް ވީމަ އަނެއްކާވެސް ތުއްތު ހިމެނޭ ކޯޗިން ޓީމެއްގައި މަސައްކަތް ކޮށްލަން ލިބުމުން އެހިތްހަމަޖެހުން ވެސް އޮވޭ،" ވެލެންސިއާގެ އިތުރުން ވިޔަންސާ އާއި އޭވައިއެލްގައި ވެސް ހީނާއާ އެކު މަސައްކަތް ކުރި ފެސްކޯ ބުންޏެވެ.

ފެސްކޯ ބުނީ ވެލެންސިއާ އަކީ އޭނާގެ "ހޯމް" ކަމަށެވެ. އެ ކްލަބްގައި މަސައްކަތްތަކެއް ކުރަން ލިބުމުން އެނބުރި ގެއަށް އަދެވޭ ކަމުގެ އިހްސާސް ކުރެވޭ ކަމަށް ފެސްކޯ ބުންޏެވެ.

އެންމެ ފަހުން ވެލެންސިއާގައި ފެސްކޯ މަސައްކަތް ކުރީ 2017 ގަ އެވެ. އެ އަހަރު ވެލެންސިއާ ވަނީ އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި ވާދަކޮށްފަ އެވެ. މެދުކެނޑުމަކަށް ފަހު ވެލެންސިއާ އަށް ފެސްކޯ އަންނަ އިރު މި އަހަރު ވެސް އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި ވެލެންސިއާ ވާދަކުރާނެ އެވެ.

ފެސްކޯ ވަނީ 2003 ގައި ވެސް ވެލެންސިއާގެ ކޯޗްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އެ ޓީމުގެ މިހާރުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ގެ އުމުރުން 16 އަހަރުގައި އޭނާ އަށް ވެލެންސިއާގެ ޓީމަށް ކުޅެން ފުރުސަތު ދިން އިރު ކޯޗުގެ ގޮތުގައި ހުރީ ފެސްކޯ އެވެ.