Roadha Mihaaru
ހިރުނދު ތުއްތު މަނިކު: އަލިފުށީ ފުޓުބޯޅައިގެ ދިރުން

ހިރުނދު ތުއްތު މަނިކު: އަލިފުށީގެ ފުޓުބޯޅަ ބަދަލުކޮށްލި މޭސްތިރިޔާ

23 ޖެނުއަރީ 2022

ހެންވޭރު ހިރުނދުގަސްދޮށުގޭ މަރްހޫމް ހިރުނދު ތުއްތު މަނިކަކީ މުޅި ރާއްޖެ އަށް މަޝްހޫރު މިޑްފީލްޑަރެކެވެ. ކުރީގެ ރޭޑިއަންޓް ކްލަބަށް ކުޅުނު ކުޅުންތެރިޔާ ވަނީ 60 އަދި 70ގެ ކުރީކޮޅު ހޮކީ އާއި ފުޓްބޯޅަ މޮޅަށް ކުޅެފަ އެވެ. އަދި ފަހުން ރޭޑިއަންޓް އުވި ނިއު ރޭޑިއަންޓްގެ ގޮތުގައި ވުޖޫދުވި ފަހުން އެ ކްލަބަށް ވެސް ކުޅެނެވެ. މި ރަށުގެ ބައެއް މީހުން ދެކޭގޮތުގައި އެހާ މޮޅު ކުޅުންތެރިއަކު އަލިފުށީ މީހަކާ ކައިވެނި ކުރުމަކީ ރަށަށް ވެސް ލިބުނު އުފަލެކެވެ. ރަށުގެ ފުޓުބޯޅަ އަށް އައި ކުރިއެރުމެކެވެ.

ހުސެއިން ހަބީބް ރ. އަލިފުށިން ހުސެއިން ހަބީބް

ހެންވޭރު ހިރުނދުގަސްދޮށުގޭ މަރްހޫމް ހިރުނދު ތުއްތު މަނިކަކީ މުޅި ރާއްޖެ އަށް މަޝްހޫރު މިޑްފީލްޑަރެކެވެ. ކުރީގެ ރޭޑިއަންޓް ކްލަބަށް ކުޅުނު ކުޅުންތެރިޔާ ވަނީ 60 އަދި 70ގެ ކުރީކޮޅު ހޮކީ އާއި ފުޓްބޯޅަ މޮޅަށް ކުޅެފަ އެވެ. އަދި ފަހުން ރޭޑިއަންޓް އުވި ނިއު ރޭޑިއަންޓްގެ ގޮތުގައި ވުޖޫދުވި ފަހުން އެ ކްލަބަށް ވެސް ކުޅެނެވެ. މި ރަށުގެ ބައެއް މީހުން ދެކޭގޮތުގައި އެހާ މޮޅު ކުޅުންތެރިއަކު އަލިފުށީ މީހަކާ ކައިވެނި ކުރުމަކީ ރަށަށް ވެސް ލިބުނު އުފަލެކެވެ. ރަށުގެ ފުޓުބޯޅަ އަށް އައި ކުރިއެރުމެކެވެ.

ކުރިން ބާއްވަމުން ދިޔަ ޒޯންތަކުގެ ފުޓްބޯޅަ މުބާރާތުގައި، އަލިފުށީ ޓީމުގެ އެއް ކުޅުންތެރިޔަކީ، މިރަށު އޯޒޯންގޭ އަހްމަދު ޝަރީފެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި މިހާރު މަސައްކަތްކުރާ ޝަރީފަކީ ކުރިން މިރަށު ޓީމުގެ ގޯލް ކީޕަރެވެ. އޭނާ ކިޔައިދިން ގޮތުގައި އަލިފުއްޓަށް ހިރުނދޭ ޒިޔާރަޔް ކުރުން ވެގެން ދިޔައީ އަލިފުށީގައި އޮތް ފުޓްބޯޅައިގެ ހާލަތު ރަނގަޅު ކުރުމަށް މަގުފަހިވި ސަބަބަކަށެވެ.

"އޭރު ފުޓްބޯޅަ ކުޅެނީ ފޫހި ފިލުވައިލަން ހަވީރު ނުކުމެ ކުޅޭ އެއްޗެއްގެ ގޮތުގައި. އަޅުގަނޑު ވެސް ހަމަ ފުރާވަރަށް އެޅުނު ދުވަސްވަރު އެއީ. ހިރުނދޭ ރަށަށް އައި ދަތުރެއްގައި އޭނާ ބުނެފި އަދި ތިގޮތަށް ފުޓްބޯޅައެއް ނުކުޅެވޭނެޔޭ. ފުޓުބޯޅަ ކުޅެންޖެހޭ ގޮތަށް ކުޅެން ހިނގާށޭ،" ޝަރީފް، 50، "މިހާރު" އަށް ކިޔައިދިނެވެ.

ހިރުނދޭ ގެނައި ބަދަލަކީ މުޅި އަލިފުށީގެ ފުޓްބޯޅަ އަށް ބަދަލެއް ކަމަށް ޝަރީފް ދެކެވެ. މި ޒާމާނުގެ ގޮތަށް ބެލިޔަސް ފުޓްބޯޅައިގެ ރަނގަޅު ގޭމެއް ކުޅުމުގައި ފިޓްނަސްގެ ދައުރު ބޮޑެވެ. ހިރުނދޭ އެ ބަދަލު ގެނަން ފެށީ އެހާ ހިސާބުން ކަމަށް އޭނާ ބުންޏެވެ.

"ދެން ހިރުނދޭ ބުނެފި މީގެ ފަހުން 4 ޖަހާއިރު ކުޅެން ނުކުންނަންޖެހޭނެއޭ. ކުޅެން ނުކުތީމަ އެންމެ ފުރަތަމަ އޮންނާނީ ކުޅުމެއް ނޫން. ކަސްރަތު ކުރުން. އެއަށް ފަހު ބޯޅަ ކުޅެން ފަށާނީ. ބައެއް ދުވަސް ދުވަހު ދަނޑުގެ އަރިމަތީގައި ހުންނަ ވިނަގަނޑުތައް ކޮށުވާނެ. ދެން ކަސްރަތުކޮށްފައި ފުޓްބޯޅަ ކުޅުވާނީ ކުޑަ ވަގުތުކޮޅެއްގައި. އޭރު ވެސް ހިރުނދޭ ބުނާނެ ބުންވަރު ނެތިއެއް ފުޓްބޯޅަ ނުކުޅެވޭނެޔޭ."

ހިރުނދޭ ކުޅުނު ޒަމާނުގައި އޭނާ އަށް އެންމެ ބޮޑު އެހީތެރިކަމެއް ދިން އެކަކީ ރޭޑިއަންޓް ކްލަބަށް ކުޅުނު، ފަހުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ހަރަކާތްތަކުގައި ވެސް އުޅުނު ، އައްބާސް އާދަމް (ޑޮނީގޯލް އައްބާސް) އެވެ.

އައްބާސް "މިހާރު" އަށް ބުނީ، ރޭޑިއަންޓާއި ނިއު ރޭޑިއަންޓްގައި އެންމެ މޮޅަށް އޭރު ކުޅުނު ކުޅުންތެރިންގެ ތެރޭގައި ހިރުނދޭ ހިމެނޭ ކަމަށެވެ.

"ހޮކީގައި ހިރުނދޭ އަކީ ބެކެއް. ފުޓްބޯޅައިގައި ކުޅެނީ ހާފަށް. މިހާރުގެ ގޮތަށް ބުނަންޏާ މިޑްފީލްޑަށް. އަރިމަތިން ހަލުވިކޮށް އަރައިގެން ގޮސް ބާރު ބޯޅައެއް އޭރިއާގެ ތެރެއަށް ނަގައިދިނީމަ އެހެން ކުޅުންތެރިން ލަނޑު ޖަހާނީ،" އައްބާސް ބުންޏެވެ.

ރޭޑިއަންޓް ކްލަބުން ހޮކީ މުބާރާތް 1070 ގައި މިލްކު ކުރުމަށް ފަހު ޓީމު ފޮޓޯއަކަށް ހުއްޓިގެން: މިފޮޓޯގައި ހަތް ނަންބަރު ޖޯޒީގައި އެހުރީ ހިރުނދު ތުއްތު މަނިކު

ރޭޑިއަންޓް ކްލަބުން ހޮކީ މުބާރާތް 1070 ގައި މިލްކު ކުރުމަށް ފަހު ޓީމު ފޮޓޯއަކަށް ހުއްޓިގެން: މިފޮޓޯގައި ހަތް ނަންބަރު ޖޯޒީގައި އެހުރީ ހިރުނދު ތުއްތު މަނިކު

ދިވެހި ފުޓްބޯޅައިގެ މައުލޫމާތުތައް އެއްކުރަވަމުން ގެންދަވާ، ވެލެންސިއާގެ ހަރަކާތްތަކުގައި ކުރިން އުޅުއްވި އަހްމަދު މުހައްމަދު (ދޮނާ) ވިދާޅުވީ ހިރުނދޭ އަކީ ވަރަށް ހިތްވަރުކުރާ ކުޅުންތެރިޔެއް ކަމަށެވެ.

ހިރުނދޭ އަށް ފަހު ހަޒާރުމާގޭ ވަޖީހު، ދޮންބިލެތް، ލެއްބެ، ސުޒެއިން

ރަސްމީ ކޯޗެއްގެ ގޮތުން ނޫން ކަމަށް ވިޔަސް މި ރަށުގެ ފުޓްބޯޅަ އަށް ހިރުނދޭ ގެނައި ބަދަލު އެ ގޮތުގައި ދެމިއޮތެވެ. އޭނާގެ ލެގަސީ މި ރަށުގައި ދެމެހެއްޓުމަށް އެކި ކަންކަން ދިޔައީ ކުރަމުންނެވެ. އަހަރުތަކެއް ކުރިން ވެސް މި ރަށުގައި އަލްހާ ކަޕްގެ ނަމުގައި ބޮޑު އީދަށް ހާއްސަކޮށް މުބާރާތެއް ބާއްވަ އެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިން ގެނެސްގެން ކުޅުނު އެ މުބާރާތަށް ގެނައި މަޝްހޫރު މީހުންގެ ތެރެއިން އެކަކީ، މިއަދު މިރަށުގައި ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗުގައި އެއްކޮޅުން ވާދަކުރާ ވެލެންސިއާގެ ކޯޗު އިސްމާއީލް އާސިފް (ކުޑަހީނާ) އެވެ. އަދި ޕްރެޒިޑެންޓްސް ކަޕް މި ރަށުގައި ކުޅުމަށް ފުރިހަމަކުރަން ޖެހޭ ކަންކަން އިންސްޕެކްޓް ކުރުމަށް އެފްއޭއެމްގެ ފަރާތުން މި ރަށަށް އައި ކުރީގެ އެއްވަނަ ފޯވާޑް ޝާހް އިސްމާއީލް އަކީ ވެސް އަލިފުށީގެ މުބާރާތްތަކުގައި ކުޅުނު ކުޅުންތެރިއެކެވެ.

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އަލީ ސުޒޭން އާއި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން މުހައްމަދު އިބްރާހިމް (ކައްޕި)، އަލީ ޝާހީން އަދި ކުރީގެ މިޑްފީލްޑަރުން ކަމަށްވާ މުހައްމަދު ނަޒީހް އާއި އަޝްރަފް ލުތުފީ (ސަމްޕަތު) ވެސް ވަނީ އަލިފުށީ މުބާރާތުގައި ކުޅެފަ އެވެ.

ނަޒީހު ބުނި ގޮތުގައި އޭނާގެ އުމުރުން 16 އަހަރުގައި ވެސް އަލިފުށީގައި ބާއްވާ މުބާރާތުގައި ކުޅެން މި ރަށަށް އައެވެ.

އަލިފށީގެ ފުޓްބޯޅަ ޓީމު: މި ޓީމުގެ ކީޕަރަކީ މިރަށު އޯޒޯންގެ އަހމަދު ޝަރީފް

އަލިފށީގެ ފުޓްބޯޅަ ޓީމު: މި ޓީމުގެ ކީޕަރަކީ މިރަށު އޯޒޯންގެ އަހމަދު ޝަރީފް

"އަޅުގަނޑު އަންނާނީ ބޭބެ [ސުޒޭން] އާ އެކު. ބޭބެ ވެސް ކުޅޭނެ. އަތޮޅުގެ އެހެން ރަށްރަށުން ވެސް އަލިފުށީގެ މުބާރާތް ބަލަން އަންނާނެ. އަލިފުށީގެ މުބާރާތުގައި ކުޅުނު ހިސާބުން މެޗު ބަލަން ދިޔަ މީދޫ މީހުން ދެން އައި އަހަރު އަޅުގަނޑުމެން އެ ރަށުގެ މުބާރާތުގައި ކުޅެން ގެންދިޔައީ ވެސް،" ނަޒީހް ކިޔައިދިނެވެ.

"އަލްހާ ކަޕް" ގެ ނަމުގައި ބާއްވާ މުބާރާތަށް ޓީމުތައް ދުރާލައި ތައްޔާރުވާން ފެށުމުގެ ސަގާފަތެއް މާކުރިން ވެސް މިރަށުގެ ޓީމުތަކުގެ ތެރޭގައި އުފެދިގެން ދިޔަ ކަމަށް ޝަރީފް ބުންޏެވެ. އެ މުބާރާތުގައި ދެތިން އަހަރު އޭނާ ވެސް ކުޅުނެވެ. އޭނާ ބުނި ގޮތުގައި އޭރު ބޯޓް ޔާޑުގައި ވަޒީފާ އަދަކުރަމުން ދިޔަ ގިނަ އަދަދެއްގެ ޒުވާނުން ކުޅޭ މުބާރާތަކަށް އަލިފުށީ އަލްހާ ކަޕް އޮތީވެފަ އެވެ.

"އޭރު ވެސް އަޅުގަނޑުމެން ހަދާ ޓީމަށް ކިޔަނީ ހިރުނދޭ. ބޭނުމަކީ ހިރުދޭގެ ނަން ދިރުވުން،" ޝަރީފް ބުންޏެވެ.

އަލިފުށީގައި ކުރިން ބޭއްވި އަލްހާ ކަޕްގެ ތެރެއިން

އަލިފުށީގައި ކުރިން ބޭއްވި އަލްހާ ކަޕްގެ ތެރެއިން

ނަޒީހް ބުނީ އަލިފުށީގެ ފުޓްބޯޅައިގެ ފޯރި ގެނައުމަށް، ބޯޓް ޔާޑްގެ ވެރިން ވެސް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަލިފުށީގައި ބޯޓް ޔާޑް ގާއިމުކުރުމަށް ފަހު ސަރުކާރުން އެތަނުގެ ވެރިޔަކަށް ލެއްވި މ. ހަޒާރުމާގޭ އަހުމަދު ވަޖީހު ވެސް އަލިފުށީގެ ފުޓްބޯޅަ ކުރިއެރުމަށް މަސައްކަތް ކުރެއްވި ކަމަށް، ބޯޓް ޔާޑްގައި ދެ އަހަރު މަސައްކަތް ކުރި ޝަރީފް ބުނަޏެވެ. އޭނާ ބުނިގޮތުގައި ކޮންމެ ދުވަހަކު ކުޅެން ދެވޭ ވަރަށް މުވައްޒަފުން މަސައްކަތުން ދޫކުރުމަށް ވަޖީހް އިސްކަން ދެއްވާ ކަމަށެވެ. އަދި އަލްހާ ކަޕަށް ބޯޓް ޔާޑުން ޓީމު ނެރެފައިވެ އެވެ.

"އެއް އަހަރެއްގައި ތަށި މިލްކުކުރަން ބޯޓް ޔާޑްގެ ވެރިން ބޭނުންވީމަ އަޅުގަނޑުމެން ގެންދިޔަ އެ ޓީމަށް ކުޅެން،" ނަޒީހް ބުންޏެވެ.

ހިރުނދޭ އަށް ފަހު މި ރަށު ފުޓްބޯޅަ އަށް އެކި ތަޖުރިބާކާރުންގެ އެހީ ވަނީ ލިބިފަ އެވެ. މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު ދޮންބިލެއް އަހްމަދު ހަލީމް، 1980 ގެ އަހަރުތަކުގެ ފަހުކޮޅު މިރަށަށް އަރުވާލާފައި ހުރި ދުވަސްވަރު އޭނާ ވެސް ވަނީ މި ރަށުގެ ފުޓްބޯޅަ ބައްޓަން ކުރުމުގައި އެހީތެރިވެފަ އެވެ. އޭގެ ފަހުން ފުޓްބޯޅައިގެ ލެޖެންޑް އިބްރާހިމް ހަމީދު (ލެއްބެ) އެހީ ވެސް މިރަށުގެ ފުޓްބޯޅަ އަށް ލިބުނެވެ.

އަލިފުށީގައި ފުޓްބޯޅައިގެ ހަރަކާތްތަކެއްގެ ތެރެއިން

އަލިފުށީގައި ފުޓްބޯޅައިގެ ހަރަކާތްތަކެއްގެ ތެރެއިން

"ވީގޮތަކީ ލެއްބެގެ ބޭބެއެއް އަރުވާލައިފައި ހުރި ދުވަސްވަރެއްގައި އެއްފަހަރަކު ލެއްބެ ވެސް ރަށަށް ޒިޔާރަތް ކުރަނީ. ގާތްގަނޑަކަށް މަހެއްހާ ދުވަހު ރަށުގައި ހުރެ ފުޓްބޯޅައިގެ އިރުޝާދުތައް ދީފައިވޭ،" ޝަރީފް ކިޔައިދިނެވެ.

ކޯޗް އަލީ ސުޒޭން ވެސް ވަނީ ކޯޗިން ކޯހުގެ ލެވަލްއެއް ފުރިހަމަ ކުރުމަށް ފަހު އަމަލީ ގޮތުން ކޯޗުކޮށްދިނުމުގެ ތަޖުރިބާ ހޯދުމުގެ މަރުހަލާގައި އަލިފުށީގެ ޓީމަށް ކޯޗްކޮށްދީފަ އެވެ.

"ސުޒޭން ވެސް މިރަށު ޓީމަށް ކޯޗްކޮށްދިން އަތޮޅު މުބާރާތުގައި. ރަށު ޓީމު ވަނީ ހަތަރު ފަހަރަށް އަތޮޅުގެ ޗެމްޕިއަންކަން ވެސް ހޯދާފަ. ޒޯން ބުރުގައި ހިންނަވަރު ހެސްޕަރެސް އަބަދުވެސް ދެމިގަންނާނީ، ޝަރީފް ބުންޏެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް ބޭއްވުން: ކުރެވޭ އުންމީދު

މިރަށުގެ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅޭ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗަށް، އެ މުބާރާތުގެ ތަށި މި ރަށަށް ގެނެސް، ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން ވިދާޅުވީ އަލިފުށީގެ ފުޓްބޯޅަ ކުރިއެރުވުމަށް ފައިނަލް މެޗުން އިތުރު މަގެއް ހުޅުވިގެންދާނެ ކަމަށް އޭނާ އުންމީދު ކުރައްވާ ކަމަށެވެ.

އަލިފުށީގެ ކުރީގެ ޓީމުގެ ބައެއް ކުޅޅުންތެރިން

އަލިފުށީގެ ކުރީގެ ޓީމުގެ ބައެއް ކުޅޅުންތެރިން

އަލިފުށީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި އަލިފުށީގެ ގިނަ އަދަދެއްގެ ކުޅުންތެރިން ރާއްޖޭގެ އެންމެ މަތީ ޑިވިޝަނުން ފެނި ގައުމީ ޓީމަށް ކުޅޭތަން ފެނުމަކީ އޭނާ އުންމީދު ކުރާ ކަމެކެވެ. އަލިފުށީގެ ކުޅުންތެރިންގެ ތެރެއިން އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިޔަކީ މި މަހު ކުޅުން ހުއްޓާލި މުހައްމަދު ރަޝީދު (ހޮކޭ) އެވެ. ޑިފެންޑަރަކަށް ކުޅޭ ހޮކޭ ވަނީ ގައުމީ ޓީމަށް ލަނޑު ޖަހައިދީ، 30 މެޗު ގައުމީ ޖޯޒީގައި ކުޅެފަ އެވެ.

ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވި ގޮތުގައި، މި ރަށުގައި ސަރކާރުން އަޅައިފައިވާ ދަނޑަކީ، ރަށްރަށުގައި ވެސް ފީފާގެ މިންގަނޑަށް ދަނޑު އެޅޭނެކަން ސާބިތުކޮށް ދިނުމަށް ޓެސްޓް މަރުހަލާގައި އެޅި ދަނޑެއް ކަމަށެވެ. އަލިފުށީގައ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަން ހަމަޖެހިފައިވާކަން މަހްލޫފް އިއްޔެ ވަނީ އިއުލާން ކުރައްވައިފަ އެވެ.

އަލިފުށީ ދަނޑު ރަސްމީކޮށް ހުޅުވާނީ މިއަދު ހަވީރު ކުޅޭ ފައިނަލް މެޗުގެ ކުރިންނެވެ. ޕްރެޒިޑެންސް ކަޕްގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވުމަށް ކުރިން ހަމަޖެހިފައި އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ނަމަވެސް މި ރަށަށް ވަޑައިގަތުމުގެ ކުރިން ހުކުރު ދުވަހުގެ ރޭ ހެއްދެވި ކޮވިޑް ޓެސްޓް ޕޮޒިޓިވްވުމުން އެ މަނިކުފާނުގެ ދަތުރުފުޅު ވަނީ ކެންސަލް ކުރައްވައިފަ އެވެ. މިއީ އެ މަނިފާން ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ބާއްވާ ފުރަތަމަ ޕްރެޒިޑެންޓް ކަޕެވެ. ރައީސް އަށް ވަޑައިނުގެންނެވުމުން ނައިބު ރައީސް ފައިސަލް ނަސީމް މިއަދުގެ މެޗު ޝަރަފުވެރިކޮށްދެއްވަން ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމްގެ އޮފިޝަލަކު ބުންޏެވެ.