Roadha Mihaaru
މޯނީ، ޑާންސް ޝޯއެއްގެ ޖަޖަކަށް

މޯނީ، ޑާންސް ޝޯއެއްގެ ޖަޖަކަށް

18 ޖެނުއަރީ 2022

މި މަހުގެ ފަހުކޮޅު ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ބޮލީވުޑްގެ ބަތަލާ މޯނީ ރޯއި އަށް ފުރަތަމަ ފަހަރަށް ޑާންސް ޝޯއެއްގައި ޖަޖެއްގެ ގޮތުގައި ބައިވެރިވާން ފުރުސަތު ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ ފަހުކޮޅު ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ބޮލީވުޑްގެ ބަތަލާ މޯނީ ރޯއި އަށް ފުރަތަމަ ފަހަރަށް ޑާންސް ޝޯއެއްގައި ޖަޖެއްގެ ގޮތުގައި ބައިވެރިވާން ފުރުސަތު ލިބިއްޖެ އެވެ.

ކަލާޒް އިން ކުރިން ގެނެސްދިން ޑާންސް ޝޯ "ޖަލަކް ދިކްލާޖާ" ގެ ސީޒަން 7 ގައި ގައި ވެސް ވާދަކުރި މޯނީ އަށް ފުރުސަތު ލިބިފައި ވަނީ ޒީޓީވީން ގެނެސްދޭ ޑާންސް އިންޑިއާ ޑާންސް (ޑީއައިޑީ) ގެ ކުޑަކުދިންގެ ޝޯ "ޑާންސް އިންޑިއާ: ޑާންސް ލިލް މާސްޓާޒް" ގެ ފަސް ވަނަ ސީޒަނުންނެވެ.

ޓީވީ ޝޯއެއްގެ ޖަޖުކަން ލިބުމާ ގުޅިގެން މޯނީ މީޑިއާތަކަށް ބުނީ މިއީ މުޅިން އާ ތަޖުރިބާއަކަށް ވާނެ ކަމަށާއި އެކަމާ ވަރަށް އުފަލުން ހުރި ކަމަށެވެ.

"އަހަރެން ޖަލަކް ދިކްލާޖާގައި ބައިވެރިވި އިރު ޖަޖުންގެ ގޮތުގައި ބައިވެރި މަދޫރީ ޑިކްޝިތާއި ކަރަން ޖޯހަރްގެ އިތުރުން ރެމޯ ޑި ސޫޒާ ދިން ފީޑްބެކްތާއި ނަސޭހަތްތަކުގެ ބޭނުން މިހާރު އޮތީ ޖަޖެއްގެ ގޮތުގައި ހިފަން ލިބިފައި،" މޯނީ ބުންޏެވެ.

"އެންމެ އުފާވާ ކަމަކީ ޓީވީ ޝޯއެއްގައި އަލުން ބައިވެރިވެވޭތީ. އަހަރެންގެ ކެރިއަރުގެ ފެށުމަކީ ވެސް ޓީވީ."

ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު މިހާރު ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ މޯނީ އަށް ޖަޖުކަން ކުރަން ލިބުނު ޑާންސް އިންޑިއާ ޑާންސް ލިލް މާސްޓާޒް ވަރަށް އަވަހަށް ފަށަން ތައްޔާރުވަމުން އަންނަ އިރު، ޝޯ ގެނެސްދޭނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ދެހާސް ދިހައަކުން ފެށިގެން ގެނެސްދެމުން އަންނަ މި ޝޯގެ ކުރީގެ ސީޒަންތައް ޖަޖުކަންކޮށްފައިވާ މީހުންގެ ތެރޭގައި ކޮރިއޯގްރެފަރު ފަރާ ޚާނާއި ގީތާ ކަޕޫރާއި މަރްޒީ އާއި ޕެސްޓޮންޖީ އާއި މުދައްސަރު ޚާނާއި އެހުމަދު ޚާންގެ އިތުރުން ބަތަލާ ޗިތުރަންގަދާ ހިމެނެ އެވެ.

"ޑާންސް އިންޑިއާ ޑާންސް ލިލް މާސްޓާޒް" ސީޒަން ފަހެއްގައި ޖަޖެއްގެ ގޮތުގައި މޯނީ، 36، ބައިވެރިވާ އިރު، މީގެ ޖަޖެއްގެ ގޮތުގައި "ޑީއައިޑީ" ގައި ކުރިން ޖަޖުކަން ކުރި ރެމޯ ވެސް ބައިވެރިވާނެ އެވެ. އޭނާ އަކީ މިހާރު ސްޓާ ޕްލަސްގެ "ޑާންސް ޕްލަސް" ސީޒަން ހައެއްގައި މަސައްކަތްކުރަމުން އަންނަ ފަންނާނެކެވެ.

މޯނީ އަށް ޑާންސް ޝޯއެއްގެ ޖަޖުކަން ކުރަން ލިބުނު އިރު، އޭނާ އާއި ލޯބިވެރިޔާ ސޫރަޖް ނަމްބިއާ މި މަހުގެ 27 ގައި ކައިވެނިކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި މި އަހަރު ރިލީޒްވާން އޮތް މޯނީގެ އެންމެ ބޮޑު ފިލްމަކީ ކަރަންގެ ދަރުމާ ޕްރޮޑަކްޝަންގެ "ބުރައްމަސްތުރާ" އެވެ. އަޔާން މުކަރްޖީ ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގެ ލީޑް ތަރިންނަކީ ރަންބީރް ކަޕޫރާއި އާލިއާ ބަޓެވެ.