Roadha Mihaaru
ރަވީނާ، ޝިލްޕާގެ "ސުޕަ ޑާންސާ" ގަބޫލެއް ނުކުރި!

ރަވީނާ، ޝިލްޕާގެ "ސުޕަ ޑާންސާ" ގަބޫލެއް ނުކުރި!

01 އޯގަސްޓް 2021

ސޮނީ ޓީވީގެ ކުޑަކުދިންގެ ޑާންސް ޝޯ "ސުޕަ ޑާންސާ" ގެ ހަތަރު ވަނަ ޗެޕްޓަރުގެ މަސައްކަތުން ޝިލްޕާ ޝެޓީ އެކަހެރިވެފައިވާތީ އޭނާގެ ބަދަލުގައި ކުރިއަށް އޮތް ތަނުގައި އެ ޝޯގެ ރަސްމީ ޖަޖެއްގެ ރޯލު ބަތަލާ ރަވީނާ ޓަންޑަނަށް ހުށަހެޅުމުން ގަބޫލުނުކޮށް ދޫކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސޮނީ ޓީވީގެ ކުޑަކުދިންގެ ޑާންސް ޝޯ "ސުޕަ ޑާންސާ" ގެ ހަތަރު ވަނަ ޗެޕްޓަރުގެ މަސައްކަތުން ޝިލްޕާ ޝެޓީ އެކަހެރިވެފައިވާތީ އޭނާގެ ބަދަލުގައި ކުރިއަށް އޮތް ތަނުގައި އެ ޝޯގެ ރަސްމީ ޖަޖެއްގެ ރޯލު ބަތަލާ ރަވީނާ ޓަންޑަނަށް ހުށަހެޅުމުން ގަބޫލުނުކޮށް ދޫކޮށްލައިފި އެވެ.

މީޑިއާތަކުން ބުނީ ރަވީނާ އަށް ސޮނީން ދިން ފުރުސަތު ގަބޫލުނުކުރީ ޝިލްޕާއާ އޮންނަ ގާތް ކަމެއްގެ ސަބަބުން ކަމަށެވެ. އެ ޝޯގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ވެސް ކުރިން ބައިވެރިވެފައިވާ ރަވީނާ "ސުޕަ ޑާންސާ" ޓީމަށް ދިން ޖަވާބަކީ އެ ޝޯގެ މައި އެއް ތަނބަކީ ޝިލްޕާ ކަމަށްވާތީ އޭނާގެ މަގާމަށް ދާން ބޭނުން ނުވާ ކަމަށް ބުނުން ކަމަށް މީޑިއާތަކުން ބުންޏެވެ.

"ސުޕަ ޑާންސާ" 2018 ގައި ފެށީ ވެސް ޝިލްޕާއާ އެކީގަ އެވެ. އޭނާއާ އެކު އެ ޝޯގެ ރަސްމީ އަނެއް ދެ ޖަޖުންނަކީ ޑައިރެކްޓަރު އަނޫރާގް ބާސޫ އާއި ކޮރިއޮގްރާފަރު ގީތާ ކަޕޫރެވެ.

"ސުޕަ ޑާންސާ 4" ގެ މަސައްކަތާ ޝިލްޕާ އެކަހެރިވީ ބަރަހަނާ ފިލްމު ހެދި މައްސަލައެއްގައި އޭނާގެ ފިރިމީހާ ރާޖް ކުންދުރާ މިދިޔަ މަހުގެ 19 ގައި ހައްޔަރުކުރުމާ ގުޅިގެންނެވެ. އޭގެ ފަހުން ޝޯގެ ގެސްޓް ޖަޖެއްގެ ގޮތުގައި މިދިޔަ ހަފުތާގައި ކަރިޝްމާ ކަޕޫރް ފެނިގެން ދިޔަ އިރު މި ހަފުތާގައި ގެސްޓް ޖަޖުންގެ ގޮތުގައި ބައިވެރިވީ ދެމަފިރިން ކަމަށްވާ އެކްޓަރު ރިތޭޝް ދޭޝްމުކާއި ޖެނީލިއާ ޑި ސޫޒާ އެވެ.

ބައެއް މީޑިއާތަކުން ބުނީ ޝިލްޕާ "ސުޕަ ޑާންސާ 4" އިން މި ދަނޑިވަޅުގައި ބައިވެރި ނުވިޔަސް، ޝޯއިން އޭނާ އެއްކޮށް ވަކިނުވާ ކަމަށެވެ. އެހެންވެ މި މަހުގެ ކޮންމެވެސް ހިސާބެއްގައި އޭނާ އަލުން ޖަޖުންގެ ޕެނެލާ ގުޅޭނެ ކަމަށް ބުންޏެވެ.

ރާޖްގެ މައްސަލަގަނޑު ފެންމަތިވި ފަހުން މީޑިިއާތަކާ ވެސް ވަރަށް ދުރުގައި އުޅޭ ޝިލްޕާ މި ވަގުތު ހުރީ ރަސްމީ ކަމެއްގައި ގައުމުން ބޭރުގައި ކަމަށް ވެސް ބައެއް ނޫސްތަކުން ބުންޏެވެ.

ރަވީނާ، 46، އަކީ ކުރިން ވެސް ޑާންސް ޝޯތަކުގައި ޖަޖްކޮށްފައިވާ ތަރިއެކެވެ. އޭގެ ތެރޭގައި ސްޓާ ޕްލަސްގެ "ނަޗް ބަލިޔޭ" ހިމެނެ އެވެ.