Roadha Mihaaru
ލޭގެ ކެންސަރަށް ފަރުވާ ހޯދާ ކިރަން "އައިޖީޓީ" އަށް

ލޭގެ ކެންސަރަށް ފަރުވާ ހޯދާ ކިރަން ސޮނީ ޓީވީގެ "އައިޖީޓީ" އަށް

26 ނޮވެމްބަރ 2021

މި އަހަރުގެ ކުރީކޮޅުން ފެށިގެން ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ބޮލީވުޑްގެ ބަތަލާ ކިރަން ކޭރް ސޮނީ ޓީވީން ފަށަން އުޅޭ އިންޑިއާސް ގޮޓް ޓެލެންޓް (އައިޖީޓީ) ގެ ނުވަ ވަނަ ސީޒަންގެ ޖަޖެއްގެ ގޮތުގައި ބައިވެރިވާކަން ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ކުރީކޮޅުން ފެށިގެން ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ބޮލީވުޑްގެ ބަތަލާ ކިރަން ކޭރް ސޮނީ ޓީވީން ފަށަން އުޅޭ އިންޑިއާސް ގޮޓް ޓެލެންޓް (އައިޖީޓީ) ގެ ނުވަ ވަނަ ސީޒަންގެ ޖަޖެއްގެ ގޮތުގައި ބައިވެރިވާކަން ކަށަވަރުކޮށް ދީފި އެވެ.

އެ ޝޯގެ ތިން ޖަޖުންގެ ތެރޭގައި ހިމެނޭ ބަތަލާ ޝިލްޕާ ޝެޓީގެ އިންސްޓަގްރާމްގައި ޝޯގެ ފުރަތަމަ ދުވަހުގެ ރެކޯޑިންގެ ތެރެއިން މިދިޔަ ބުދަ ދުވަހު ކިރަންއާ އެކު ނަގާފައިވާ ވީޑިއޯއެއް ވެސް ޕޯސްޓްކޮށްފައިވެ އެވެ. ޝޯގެ ތިން ވަނަ ޖަޖަކީ މަޝްހޫރު ލަވަކިޔުންތެރިޔާ/ރެޕާ ބާދުޝާ އެވެ.

ކިރަން، 69، އަކީ މަޝްހޫރު އެކްޓަރު އަނޫޕަމް ކޭރްގެ އަންހެނުންނެވެ. އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގައި ޗަންދީގަޅް ތަމްސީލުކުރާ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުން އަންނަ ކިރަން އަށް ލޭގެ ކެންސަރު ޖެހި، ފަރުވާ ހޯދާކަން އިއުލާންކުރީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.

އައިޖީޓީ ސީޒަން ނުވައެއްގެ ޖަޖުންގެ ޕެނެލާ ކިރަން ގުޅުނު އިރު، މި ޝޯ ކުރިން ކަލާޒް ޗެނެލުން ގެނެސްދިން އިރު އެންމެ ފަހު ތިން ސީޒަނުގައި ވެސް ކިރަން ޖަޖުކަން ކޮށްފައިވެ އެވެ. އޭރު އޭނާއާ އެކީ ޝޯގެ އަނެއް ދެ ޖަޖުންގެ ގޮތުގައި ބައިވެރިވީ ޑައިރެކްޓަރު ކަރަން ޖޯހަރާއި މަލައިކާ އަރޯރާ އެވެ.

އައިޖީޓީގެ ނުވަ ވަނަ ސީޒަން ދައްކަން ފަށާނެ އިރެއް ސޮނީން އަދި އިއުލާނެއް ނުކުރެ އެވެ.

ކިރަން އަކީ މިހާތަނަށް ވަރަށް ގިނަ ފިލްމުތަކާއި ޓީވީ ޑްރާމާތަކުގައި ވެސް މަސައްކަތްކޮށްފައިވާ ތަރިއެކެވެ. އެކްޓަރު ސިކަންދަރް ކޭރްގެ މަންމަ އެންމެ ފަހުން ފެނިފައިވާ ހިންދީ ފިލްމަކީ 2014 ގެ "ހޫބުސޫރަތު" އެވެ. ކިރަން ކުޅުނު ސިލްސިލާތަކުގެ ތެރެއިން އެންމެ މަގުބޫލުވި ސިލްސިލާ އަކީ ސޮނީ ޓީވީގެ 1999 ގެ "ކަނިއަދާން" އެވެ.